10 އެޕްރީލް 2022 - 04:51

ބާމިންހަމް (އޭޕްރީލް 10) - ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅޭ ސައުތު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އެސްޓަން ވިލާ ކޮޅަށް ހެދި ހެޓްރިކާ އެކު 4-0 އިން މޮޅުވެ، ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ރޭސް ފޯރިގަދަ ކޮށްލައިފި އެވެ.
ލީގުގެ ގަދަ ހަތަރެއްގެ ރޭހުގައި، އެއްމެޗު މަދުން ކުޅުނު އާސެނަލް ވަނީ ރޭ އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ބަލިވެފަ އެވެ. އާސެނަލް ފަސްވަނައިގައި އޮތީ 30 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް ވަނީ 31 މެޗު ކުޅެގެން 57 ޕޮއިންޓް ހޯދައިފަ އެވެ.
މެޗުގެ ތިންވަނަ މިނިޓުގައި ސޮންގެ ގޯލުން ޓޮޓެންހަމް ލީޑު ނެގި ނަމަވެސް މި ހާފުގައި އެންމެ ނުރައްކާކޮށް ފެނުނީ އެސްޓަން ވިލާ އެވެ. އެޓީމުން ޓޮޓެންހަމްގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ޓޮޓެންހަމްގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާ އެކު ދިފާއު ކޮށްފަ އެވެ.
ގޯލަށް ފަހު ފުރަތަމަ ހާފުގައި ގިނަ ވަގުތު ޑިފެންސް ކުރަން ޖެހުނަސް ދެވަނަ ހާފުގައި ޓޮޓެންހަމުން ހިތްހަމަ ޖެހުން ހޯދީ، 50 ވަނަ މިނިޓުގައި ޑިޔާން ކުލުސެވްސްކީ ޖެހި ލަނޑުންނެވެ. ހެރީ ކޭން ޖައްސާލި ބޯޅަ ހޯދައި ކުލުސެވްސްކީ ވަނީ ޑިފެންޑަރު މެޓީ ކޭޝް އާއި ޓައިރޯން މިންގްސްގެ ދޭތެރެއިން ދެމިގަތުމަށް ފަހު ކީޕަރު އަތް ދަށުން ބޯޅަ ގޯލު ތެރެއަށް ފޮނުވާލައިފަ އެވެ.
ކޭން މުޅިން ހުސްކޮށްލާފައި ދިން ބޯޅައަކުން ޓޮޓެންހަމްގެ ތިންވަނަ ލަނޑު 66 ވަނަ މިނިޓުގައި ޖެހީ ސޮން އެވެ. އަދި އޭގެ ފަސް މިނިޓް ފަހުން ކުލުސެވްސްކީ ދިން ބޯޅައެއް ގޯލުގެ ތެރަށް ފޮނުވާލައިގެން ސޮން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.
އަމިއްލަ ދަނޑުގައި އެސްޓަން ވިލާ ރޭ ޓޮޓެންހަމް އަތުން ބަލިވުމާ އެކު އެޓީމު ވަނީ ލީގުގެ 12 ވަނައަށް ވެއްޓިފަ އެވެ. އަދި އެންމެ ފަހުން އެސްޓަން ވިލާ ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެވެ.
ޕްރިމިއާ ލީގުގެ 16 ވަނައިގައި އޮތް ލީޑްސް ޔުނައިޓެޑް ވެސް ވަނީ ރޭ 3-0 އިން ވަޓްފޯޑް ބަލިކޮށް، އެޓީމު ރެލިގޭޝަނުން ސަލާމަތްވާން ކުރާ މަސައްކަތުގައި އިތުރު އުންމީދެއް ހޯދައިފަ އެވެ. އެޓީމުގެ ލަނޑުތައް ޖަހައިދިނީ ރަފީނިއާ އާއި ރޮޑްްރިގޯ އަދި ޖެކް ހެރިސަން އެވެ.
ލީގުގެ 18 ވަނައިގައި އޮތް ބާންލީ އަށް ވުރެ ތިން މެޗު އިތުރަށް ކުޅެ، ރަށުން ބޭރުގައި ރޭ ލީޑްސް ހޯދި މޮޅާ އެކު އެ ޓީމު ވަނީ ރެލިގޭޝަން ޒޯނާ ނުވަ ޕޮއިންޓް ކުރިޔަށް ޖެހިލައިފަ އެވެ. ނަމަވެސް 19 ވަނައިގައި އޮތް ވަޓްފޯޑަށް ވަނީ މެޗުން މޮޅުވެގެން ބާންލީ އޮތް މަގާމަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފަ އެވެ.