ޗެލްސީ އަށް ފަސޭހަ މޮޅެއް، އާސެނަލް ބަލިވެއްޖެ
ޗެލްސީ އަށް ފަސޭހަ މޮޅެއް، އާސެނަލް ބަލިވެއްޖެ

ސައުތެމްޓަން (އޭޕްރީލް 9) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ޗެލްސީ ފަސޭހަކަމާ އެކު 6-0 އިން ސައުތެމްޓަން ބަލިކުރިއިރު، އާސެނަލް އަމިއްލަ ދަނޑުގައި 2-1 އިން ބަރައިޓަން އަތުން ބަލިވެއްޖެ އެވެ.

ޗެލްސީ އަށް ފަސޭހަ މޮޅެއް، އާސެނަލް ބަލިވެއްޖެ
ޗެލްސީ އަށް ފަސޭހަ މޮޅެއް، އާސެނަލް ބަލިވެއްޖެ

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު މެޗުގެ އަށްވަނަ މިނިޓުގައި މޭސަން މައުންޓްގެ އެހީތެރިކަމާ އެކު ޖެހީ މާކޮސް އޮލޮންސޯ އެވެ. އޭގެ އަށް މިނިޓު ފަހުން އޭރިއާ ބޭރުން ފޮނުާލި ހަމަލާއަކުން މައުންޓް ޗެލްސީގެ ދެވަނަ ލަނޑު ޖަހައިދީ ލީޑު ފުޅާކޮށްދިނެވެ.

މެޗުގެ 21 ވަނަ މިނިޓުގަައި ޗެލްސީގެ ތިންވަނަ ލަނޑު ޖަހައިދިނީ ޓިމޯ ވާނާ އެވެ. މިއީ ވޭތުވެދިޔަ ހަ މަސް ތެރޭ ވާނާ ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ. އަދި އޭނާގެ ތިން ހަމަލާއެއް މި ހާފުގައި ވަނީ ގޯލު ދަނޑިއަށް އަމާޒުވެފަ އެވެ. ވާނާގެ ތިންވަނަ ހަމަލާގައި ރީބައުންސްވި ބޯޅަ ހޯދައި 31 ވަނަ މިނިޓުގަައި ޗެލްސީގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ކައި ހަވާޓްޒް އެވެ.

ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނިޓު ތެރޭ ޗެލްސީގެ ފަސްވަނަ ލަނޑު ޖެހީ ވެސް ވާނާ އެވެ. އެންގޯލޯ ކަންޓޭ، ސައުތެމްޓަންގެ ކީޕަރު ފްރޭޒާ ފޮސްޓާ ބޯ މަތިން ފޮނުވާލަން ޖެހި ބޯޅަ ދިފާއު ކުރުމުން ކައިރީ ހުސްކޮށް ހުރި ވާނާ ވަނީ ފަސޭހަކަމާ އެކު އެ ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ. މި ލަނޑަށް ފަހު ސައުތެމްޓަން އިން ޗެލްސީގެ ގޯލާ އަމާޒުކޮށް ފުރަތަމަ ހަމަލާ ފޮނުވާލި ނަމަވެސް ކީޕަރު އެޑުއާޑް މެންޑީ ފެނުނީ ހުށިޔާރު ކޮށެވެ. އަދި މެޗުގެ 54 ވަނަ މިނިޓުގައި ޗެލްސީގެ ހަވަނަ ލަނޑު ޖަހައިދިނީ މައުންޓް އެވެ.

އެންމެ ފަހުން ލީގުގައި އަމިއްލަ ދަނޑުގައި ބްރެންޓްފޯޑް އަތުން ބޮޑު ބައްޔަކާ ކުރިމަތިވެ، ޖެހިގެން އައި ޗެމްޕިއަންސް ލީގު މެޗުގައި ވެސް އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް އަތުން ޗެލްސީ ވަނީ ބަލިވެފަ އެވެ. އަދި މިރޭގެ މެޗަށް ފަހު، ޗެލްސީ އަށް ދެން އޮންނާނީ މި ހަފްތާގައި ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގެ މެޗެވެ.

މި ނަތީޖާއާ އެކު ޗެލްސީ ވަނީ 30 މެޗު ކުޅެ 62 ޕޮއިންޓް ހަމަކޮށްފަ އެވެ. ލީގުގެ ތިންވަނައިގައި ޗެލްސީ ހަމަޖެހިލިއިރު އާސެނަލް އަށް ވަނީ މިރޭ ބްރައިޓަން އަތުން ބަލިވެ، ލީގުގެ ހަތަރުވަނައަށް ޖެހިލުމުގެ ފުރުސަތު ނަގާލައިފަ އެވެ. އާސެނަލް ކުޅުނު 30 މެޗުން 54 ޕޮއިންޓް ލިބިފައި ވާއިރު، ހަތަރު ވަނައިގައި މިހާރު އޮތް ޓޮޓެންހަމަށް ވެސް ވަނީ އާސެނަލްއާ އެއްވަރަށް މެޗު ކުޅެ، ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިފަ އެވެ. ނަމަވެސް ޓޮޓެންހަމް ކުރީގައި އޮތީ ފައިދާ ގޯލުގެ ތަފާތުން ކުރި ލިބޭތީ އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް މޮޅެއް ހޯދިފައި ނުވާ ބްރައިޓަން ވަނީ މެޗުގެ 38 ވަނަ މިނިޓުގައި އާސެނަލްގެ ސަޕޯޓަރުން ކުރިމަތީގައި އެޓީމުކޮޅަށް ލަނޑު ޖަހައި ކުރި ހޯދައިފަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ލިއަންޑްރޯ ޓޮރޮސާޑް އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ގެބްރިއެލް މާޓިނެލީ އާސެނަލް އަށް ނަތީޖާ އެއްވަރުކުރަން ލަނޑެއް ޖެހި އެވެ. ނަމަވެސް ރެފްރީ ވަނީ ހަތަރު މިނިޓުގެ ވީއޭއާރު ރިވިއު އަކަށް ފަހު އޭނާ އޮފްސައިޑު ކަމަށް ނިންމައިފަ އެވެ.

ބްރައިޓަންގެ ދެވަނަ ލަނޑު 66 ވަނަ މިނިޓުގައި ޖަހައިދިނީ، ފުރަތަމަ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިން މިޑްފީލްޑަރު އޯނޮކް އެމްވޭޕޫ އެވެ. އާސެނަލްގެ ހަމައެކަނި ލަނޑު 89 ވަނަ މިނިޓުގައި ޖަހައިދިނީ މާޓިން އޮޑިގާޑް އެވެ. ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި އާސެނަލް އިން ވަނީ ވަރަށް ބޮޑަށް ބްރައިޓަންގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ނަމަވެސް ބްރައިޓަންގެ ސްޕެއިން ކީޕަރު ރޮބާޓް ސަންޗޭޒް ވަނީ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދޭން މުހިއްމު ސޭވްތަކެއް ކޮށްފަ އެވެ.

މިއީ އާސެނަލް ލީގުގައި ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. މިދިޔަ ހަފްތާގައި އާސެނަލް ވަނީ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އަތުން ވެސް ބަލިވެފަ އެވެ. އަދި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވެސް ބަލިވެފައިވާއިރު، މޮޅުވީ އެންމެ މެޗަކުންނެވެ.