23 ޑިސެމްބަރ 2016 - 12:50

މެންޗެސްޓާ (ޑިސެމްބަރު 23) – މެންޗެސްޓާ ޔުނައިޓެޑުން ރެކޯޑް އަގެއްގައި ގަތް ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާގެ މޮޅު ކުޅުން ނެރެވޭނެ ފޯމިއުލާ ކޯޗު ހޯސޭ މޮރީނިއޯ އެންމެ ފަހުން ހޯދައިފި ކަމަށް އެ ޓީމުގެ ކުރީގެ ކެޕްޓަން ރިއޯ ފާޑިނަންޑް ބުނެފި އެވެ.
ޔުވެންޓަސް އިން 105 މިލިއަން ޔޫރޯ އަށް ޔުނައިޓެޑަށް ބަދަލުވި ޕޮގްބާ އަށް ކުރީކޮޅު އެކަށީގެންވާ ކުޅުމެއް ނުދެއްކި ފާޑުކިޔުން އަމާޒުވި އެވެ. އެކަމަކު ޔުނައިޓެޑުން ބަލިނުވެ 10 މެޗު ފުރިހަމަކޮށްފައިވާއިރު ޕޮގްބާ ވެސް އަންނަނީ ފަހަކަށް އައިސް ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
ފާޑިނަންޑް ބުނީ މެދުތެރޭގައި ޕޮގްބާ އަށް ސަޕޯޓް ދިނުމަށް އެންޑާ ހެރޭރާ އާއި މައިކަލް ކެރިކް ބޭނުންކުރަން ފެށުމަކީ ޕޮގްބާގެ ކުޅުން ރަނގަޅުވި ސަބަބެއް ކަމަށެވެ.
"އަހަންނަށް ހިޔެއް ނުވީ ސީޒަނުގެ ކުރީކޮޅު މޮރީނިއޯ އަށް އެންމެ ރަނގަޅު ޓީމު ނެގުނުހެން. އެކަމަކަ ފަހަކަށް އައިސް ހުރިހާ މެޗެއްގައި މޮރީނިއޯ އެބަ ބޭނުންކުރޭ ތިން މިޑްފީލްޑަރުންގެ ލައިނެއް، ހެރޭރާ އާއި ކެރިކް އަދި ޕޮގްބާ ހިމަނައިގެން. މިހާރު މެދުތެރޭގައި ރަނގަޅު ބެލެންސެއް އޮތްކަން ފާހަގަކުރެވޭ،" ފާޑިނަންޑް ބުންޏެވެ. "ދެން އަހަރެމެން ރަނގަޅު ސްޕީޑެއްގައި ކުރިއަށްދާނެ."
ފާޑިނަންޑް ބުނީ ދެ މިޑްފީލްޑަރުންގެ ސަޕޯޓާ އެކު ޕޮގްބާ އަށް ފްރީ ރޯލެއް ލިބި އޭނާ ކުރިއަށް ޖެހި ފަހަތަށް ޖެހި ގޭމް ކޮންޓްރޯލްކުރުމުގެ ފުރުސަތު ލިބިއްޖެ ކަމަށެވެ.
ޔުވެންޓަސްގައި ވެސް ޕޮގްބާ ކުޅުނީ އެފަދަ ސިސްޓަމަކަށެވެ. އަރޫޓޯ ވިޑާލާއި އަންދްރޭ ޕިރްލޯ އަދި ކްލައުޑިއޯ މާކީޒިއޯ ފަދަ ކުޅުންތެރިން ތިބުމުން ޕޮގްބާ އަށް މެދުތެރެއިން ފްރީ ރޯލެއް ލިބި ކުޅެން ފަސޭހަވި އެވެ.
ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅުވި މެންޗެސްޓާ ޔުނައިޓެޑް އޮތީ ހަ ވަނައިގަ އެވެ. އެ ޓީމަށް ދެން އޮތީ ހޯމަ ދުވަހުގެރޭ ސަންޑަލެންޑާ ދެކޮޅަށް ކުޅޭ މެޗެވެ.