10 އެޕްރީލް 2022 - 06:22

ހަތްދިހައި އާއި އައްޑިހައިގެ އަހަރުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދި އިނގިރޭސިވިލާތުގެ ލެޖެންޑެރީ ރޮކް މިއުޒިކް ބޭންޑް، ޕިންކް ފްލޮއިޑުން 28 އަހަރު ފަހުން އާ ލަވައެއް ނެރެފި އެވެ.

ޕިންކް ފްލޮއިޑުން އެންމެ ފަހުން ލަވައެއް ގެނެސްދީފައި ވަނީ 1994 ވަނަ އަހަރު އެވެ. އެއަށް ފަހު އެކި ފަހަރު މަތިން ޝޯތަކާއި ޓުއާތައް ދިން ނަމަވެސް، އެ ބޭންޑުގެ އާ ލަވައެއް އުފައްދާފައެއް ނުވެ އެވެ.
ޕިންކް ފްލޮއިޑުން ނެރުނު އާ ލަވަ އަށް ކިޔަނީ "ހޭ ހޭ ރައިޒް އަޕް" އެވެ. އެއީ ހަނގުރާމައިގައި ޔޫކްރެއިންގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވުމަށް ފައިސާ ހޯދުމުގެ ގޮތުން ނެރުނު ލަވައެކެވެ.
އެ ލަވަ ކިޔާފައި ވަނީ އެ ބޭންޑްގެ ގިޓާރިސްޓް ޑޭވިޑް ގިލްމޯ އާއި ޑްރަމާ ނިކް މޭސަން އެވެ. ޔޫކްރެއިންގެ ބައެއް އާޓިސްޓުން ވެސް އެ ލަވައިގައި ހިމަނާފައިވެ އެވެ. އާ ލަވައިގެ އޯޑިއޯ މިހާރު ނެރެފައިވާއިރު، އެ ލަވައިގެ ވީޑިއޯގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ބޭންޑުން ބުންޏެވެ.
ޕިންކް ފްލޮއިޑުން އާ ލަވަތަކެއް ނެރެފައި ނުވި ނަމަވެސް، 2014 ވަނަ އަހަރު ވަނީ އަލްބަމެއް ނެރެފަ އެވެ. އެ އަލްބަމް އަކީ އެކި ކަހަލަ އިންސްޓްރުމެންޓަލް މިއުޒިކް ހިމެނޭ އަލްބަމް އެކެވެ.