09 އެޕްރީލް 2022 - 15:46

މި އަހަރު ހައްޖުގެ އަޅުކަމުގައި 65 އަހަރުން ދަށުގެ އެއް މިލިއަން މީހުން ބައިވެރިވެވޭ ގޮތަށް ސައުދީ ސަރުކާރުން ހަމަޖައްސައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ވޭތުވެދިޔަ ދެ އަހަރު ވެސް ހައްޖުގެ އަޅުކަމުގައި ބައިވެރިވާން ސައުދީ ސަރުކާރުން ހުއްދަ ދިނީ މަދު އަދަދަކަށެވެ. މިދިޔަ އަހަރު ވެސް ހުއްދަ ދިނީ 60،000 މީހުންނަށެވެ.
ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މި އަހަރު އެއް މިލިއަން މީހުންނަށް ހައްޖުވުމުގެ ފުރުސަތު ދޭން ނިންމާފައި ވަނީ ސައުދީ އާއި އެހެން ގައުމުތަކުގެ ރައްޔިތުން ވެސް ހިމެނޭ ގޮތަށް ކަމަށެވެ. އަދި ގައުމުތަކަށް ހައްޖުގެ ކޯޓާ ކަނޑައަޅާނީ ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަމަށް ބެލުމަށް ފަހު ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން މި އަހަރު ހައްޖުވުމުގެ ފުރުސަތު ލިބޭނީ 65 އަހަރުން ދަށުގެ މީހުންނަށެވެ. އަދި ސައުދީ ސަރުކާރުން ގަބޫލުކުރާ ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ފުރިހަމަ ކުރުމަކީ މަޖުބޫރު ކަމެކެވެ.
މީގެ އިތުރުން އެހެން ގައުމުތަކުން އަންނަ ހައްޖުވެރިން ސައުދީ އަށް ދިއުމުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރް ނެގަޓިވް ޓެސްޓެއް ވެސް އެ ގައުމަށް އެތެރެވުމުގައި ހުށަހަޅަން މަޖުބޫރެވެ.