ކައިވެނީގެ ކުރިން ޕަޕަރާޒީންނަށް ފެނިދާނެތީ އާލިއާ މިހާރު ގެއިން ނުނިކުމޭ
ކައިވެނީގެ ކުރިން ޕަޕަރާޒީންނަށް ފެނިދާނެތީ އާލިއާ މިހާރު ގެއިން ނުނިކުމޭ

ކައިވެނީގެ ކުރިން ޕަޕަޒާނީންނަށް ފެނިދާނެތީ ބޮލީވުޑްގެ އެކްޓްރެސް އާލިއާ ބަޓް މިހާރު ގެއިން ބޭރަށް ވެސް ނުދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރަންބީރް ކަޕޫރާއި އާލިއާގެ ކައިވެނީގެ ތައްޔާރީތައް ރަންބީރްގެ ބޭބެ، ރަންދީރްގެ ގޭގައި ފަށާފައިވާއިރު، ޕަޕަރާޒީން ވަނީ އެ ގެ ކައިރި އަށް އެއްވެފަ އެވެ. އާލިއާ އާއި ރަންބީރްގެ ޖޯޑު ދެކިލަން އެންމެން ކެތްމަދުވެފައި ތިއްބަސް، ކައިވެނީގެ ކުރިން އާލިއާ ދެން ނުފެންނާނެ އެވެ.

ކައިވެންޏާ ގުޅޭ ސުވާލުތައް ޕަޕަރާޒީން މާ ގިނައިން ކުރާތީ، ގެއިން ބޭރަށް ނުނިކުންނަން އާލިއާ ނިންމާފައިވާ ކަމަށް އޭނާއާ ގާތް ގުޅުން އޮންނަ މީހުން ބުނެ އެވެ.

ކައިވެނީގެ ތާރީހު ސިއްރެއްގެ ގޮތުގައި ބާއްވަން އާލިއާ އާއި ރަންބީރް ކިތަންމެ ބޭނުންވިޔަސް، އެކަން އިއުލާންކުރީ އެމީހުންނާ ގާތް މީހުންނެެވެ. އެމީހުން ކައިވެނި ކުރަނީ މި މަހު 17 ގަ އެވެ. އަދި އޭގެ ކުރިން އޮންނަ އަށް ކައިވެންޏާ ގުޅޭ އެހެން ހަފުލާތަށް އަންނަ ބުރާސްފަތި ދުވަހު ފަށާނެ އެވެ.

ރަންބީރާއި އާލިއާ ރައްޓެހިވީ އެމީހުން އެކުގައި ކުޅެމުން އަންނަ ފިލްމު "ބްރަހްމަސްތުރާ" ގެ ޝޫޓިންގެ ތެރެއިންނެވެ. އެއީ އެ ދެ ތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ.

ކުރިން މި އަހަރުގެ ފަހުކޮޅު ކައިވެނިކުރާ ގޮތަށް އޮތަސް، އާލިއާގެ މަންމަގެ ބައްޕަ ވަރަށް ބޮޑަށް ބަލިވެ އުޅޭތީ، އެ އާއިލާއިން ބޭނުންވީ ކައިވެނި އަވަސްކުރާށެވެ.

ކައިވެނީގެ އެކި ހަފުލާތަކުގައި އާލިއާ ފެންނާނީ އިންޑިއާގެ މަޝްހޫރު ޑިޒައިނަރު ސަބްޔަސާޗީ އާއި މަނީޝް މަހްލޯތުރާގެ ލެހެންގާގަ އެވެ.

އެ ކައިވެންޏަށް ދައުވަތު ދީފައި ވަނީ އެމީހުންގެ ގާތް މީހުންނަށް އެކަންޏެވެ. އޭގެ ތެރޭގައި ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ އެމީހުންގެ އެކުވެރިން ވެސް ހިމެނެ އެވެ.