ރާއްޖެއަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކަށް އިނގިރޭސިވިލާތް
ރާއްޖެއަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކަށް އިނގިރޭސިވިލާތް

ރާއްޖެއަށް ޓޫރިސްޓުން މިހާރު އެންމެ ގިނައިން އަންނަ ގައުމަކަށް އިނގިރޭސިވިލާތް ވެއްޖެ އެވެ.

މިއީ އަހަރު ފެށުނީއްސުރެ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެއްގެ ގޮތުގައި އޮތީ ރަޝިއާ އެވެ. އެހެން ނަމަވެސް ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު ފެށި ހަނގުރާމައާ ގުޅިގެން އެ ދެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 13 ޕަސެންޓް ހިއްސާ ކުުރަނީ އިނގިރޭސިވިލާތެވެ. މިދިޔަ ތިން މަހު އެ ގައުމުން ގާތްގަނޑަކަށް 60،000 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

މި ލިސްޓުގެ ދެވަނައިގައި އޮތީ ރަޝިއާ އެވެ. އެ ގައުމުން ގާތްގަނޑަކަށް 54،000 ޓޫރިސްޓުން އައިސްފައިވާ އިރު ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ އިންޑިއާ އިން 50،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

މި ވަގުތު ރާއްޖެއަށް ދުނިޔޭގެ ގިނަ ގައުމުތަކުން ޓޫރިސްޓުން އާދެ އެވެ. އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ޖަރުމަނާއި ފްރާންސް، އިންޓަލީ، އޮސްޓްރިއާ، އެމެރިކާ، ސައުދީ އަރަބިއްޔާ އަދި ސްވިޒަލެންޑް ހިމެނެ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 456،000 ޓޫރިސްޓުން އައިސްފައިވެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މި އަހަރު ދެ މިލިއަން ޓޫިރިސްޓުން ގެނައުމެވެ. މި އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައިވާ ގޮތުން ރާއްޖެއަށް ގެންނަން ކަނޑައަޅާފައި ވަނީ 1.6 މިލިއަން ޓޫރިސްޓުންނެވެ. ކޮވިޑުގެ ކުރިން، 2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.