09 އެޕްރީލް 2022 - 12:28

ޕާޓް 2 : ޗެޕްޓާ – 1 : މައްލަވަ
އަލަމާރީގެ ރަހަލީ ބިއްލޫރީގެ ލޯގަނޑުކުރިމަތީގައި ހުއްޓި ނީޒާ ފަރިބަލަން ފެށުމުން އެ ލޯގަނޑު އޭނާ ދޫކޮށްލަން ބޭނުމެއް ނުވިއެވެ. ނަމަވެސް މިރެއަކު ނީޒާގެ އަތުގައި ލޯގަނޑަކަށް ދޭނެ ވަގުތެއް ނެތެވެ. އެކަމަކު ދެން ވެސް ނީޒާގެ ހިތްފުރޭ ގޮތެއް ނުވިއެވެ. ހިތްހަމަޖެހޭ ގޮތެއްނުވިއެވެ. ނުވަތަ އެއީ ނީޒާގެ ބުރުސޫރައިގެ ޖާދޫގައި ޖެހިފައިވާ ލޯގަނޑުގެ ވަސްވާހެވެ.
އަނެއްކާވެސް އަލަމާރި ތެރެއިން އެހެން ހެދުމެއް ނަގައިގެން އައިސް ނީޒާ ލޯގަނޑުކުރިމަތީގައި ހުއްޓިގަތެވެ. ލައިގެން ހުރި ހެދުންތައް ބޭލުމަށް ފަހު އަތުގައި އޮތް ހެދުން ލައި ވަނާތަކަށް ހެޔޮވަރުކޮށް ދެކޮޅަށް އެނބުރި ފަރިބަލަން ފަށެމުން ލޯގަނޑުގައި އެ ރީތިކަމުގެ ބެބުޅުން އަޅައިގަތެވެ.
ނީޒާ މިހާރު ލައިގެން އެހެރީ ކުރިއަށް ވުރެ ވެސް ކުރު ހެދުންކޮޅެކެވެ. އެކަމަކު ސާމިރަށް އެންމެ ރީތި ކުލަ އާއި ސާމިރަށް އެންމެ ކަމުދާ ސައިޒެވެ. ސްޓައިލެވެ. ފަލަމަސްގަނޑަށް ވަދެފައިވާ ވިލުނޫ ޖިންސުބުރިއަކާއި އަތް ނެތް، ކަރު ބޮޑު ޓޭންކް ޓޮޕެކެވެ.
"އެކަމަކު އަދިވެސް އަހަރެންގެ ހިތެއް ނުފުރެއެވެ."
ލޯގަނޑު ބުނާ ކަހަލަ އެވެ.
"މެރޫން އަކީ ބަދުނަސީބު ކުލައެކެވެ."
"މެރޫން އާއި ވިލުނޫ ދެން ނުވެސް ގުޅެއެވެ."
އެކަމަކު ލޯގަނޑުގެ މި ހުރިހާ ކަންބޮޑުވުމަކަށް ނުވަތަ ޖޭވުމަކަށް ނީޒާގެ އަތުގައި ވަގުތެއް ނެތެވެ.
އަތުކުރީގައި އޮތް ގަޑިން ނީޒާ ވަގުތު ބަލައިލިއެވެ. އިރުއޮއްސެނީއެވެ. އިރުއޮއްސުނީމަ އޭނާ އަށް ގަޑިޖެހުނީއެވެ. އެހިސާބުން ފެރީ ކެޓީ އެވެ. އެއަށް ފަހު ހަރާބުވާނީ އޭނާގެ ދުވަސް އެކަންޏެއް ނޫނެވެ. ދެން ނަގާ ރާޅު ބިންދާލާނީ އޭނާގެ މުޅި ދިރިއުޅުމަށެވެ. މި ތަރުތީބާއި ހަގީގަތް ދަސްވެފައިވުމުން އެ ސުނާމީއެއްގައި އަލުން ޖެހޭކަށް ނީޒާ ބޭނުމެއް ނޫނެވެ. މިހާރު ވެސް ހަޔާތުގެ ކޮންމެ ދުވަހަކީ ސުނާމީ އާއި ބިންހެލުމާއި ހުސް ތުރާލެވެ. ކަޅު ދުވަސްތަކެވެ.
ދޮރުފަތުގައި އަޅުވާފައި އޮތް ނީޒާގެ ރަސްމީ ކަޅުހެދުން ނަގައި ބޮލުން މަހާލައި ގަޔަށް ހެޔޮވަރުކޮށްލުމުން އޭނާގެ ކުރު ހެދުންތައް މި ދޫ ފަރުދާގެ ތެރެއަށް ވަދެ ގެއްލިއްޖެއެވެ. އަދި ލޯގަނޑުގެ މޫނު މައްޗަށް ވެރިވި ފޫހިކަމާ އެކު ނީޒާ އޭނާގެ ބުރުގާ ރީތިކުރަމުން ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ބްލެކް އޯކިޑްގެ ހުތްފޮނި ވަސްގަނޑެއް މުޅި ކޮޓަރި ތެރެއަށް ދޫކޮށްފައެވެ.
މިއަދުގެ ދަތުރަށް އޭނާ ކެއްކީ ޗިކެން ޕިކާޓާއެވެ. އާނއެކެވެ. ގަރުދިޔަ އާއި ބަތާއި ފަތާއި ލުނބޯ ހުތާއި ކަނޑޫދޫ މިރުހެއް ނޫނެވެ. ސާމިރަށް އެންމެ މީރު ކެއުމެވެ. ސާމިރަށް އެންމެ ރީތި ހެދުމެވެ. ސާމިރުގެ ހެޔަށް ގޮތް ހަދާލާ ބްލެކް އޯކިޑެވެ.
"ހުސް ސާމިރުގެ ފެވަރިޓެވެ. މަށަށް ކޯއްޗެއް ހެއްޔެވެ؟"
މަޑު ދުވެލީގައި ރާޅުތައް ކަފަމުން ގޮސް ދޫނިދުއަށް ވަދެ ފެރީ ބަނދަރުކޮށް ޖަލުގެ ފާރަވެރިންގެ އިރުޝާދާއެކު ސާމިރުގެ ގޮޅިއާ ދިމާލަށް ކޮކާހަނދުވަރުގެ އަލިކަމުގައި ހިނގަމުންދިޔައިރު ނީޒާގެ ހިތަށް އަރައި ފައިބަމުންދިޔަ ހިޔާލަކީ މިއެވެ.
"އަބަދަށް ވެސް މީހެއްގެ އަޅެކެވެ. އަބަދަށް ވެސް ސާމިރުގެ އަޅެކެވެ."
ތެދެކެވެ. މިރެއަކީ އަނެއްކާވެސް ސާމިރަށް ހާއްސަ ރެއެކެވެ. ޖަލުގެ ބަހުރުވައިން ނަމަ 'ފަނަރައިގެ ތަޅާފޮޅުމަށް' ހާއްސަ ރެއެކެވެ. މަހެއްގެ ކޮންމެ ފަނަރަ އަކީ ގައިދީންނާއި އެމީހުންގެ އާއިލީ ބައްދަލުވުމަށް ހާއްސަ ރެއެކެވެ. އެންމެ މީރު ކާއެއްޗެއްސާއި ޖިސްމަށް އަރާމާއި ލައްޒަތު ގެނެސްދޭ މީހަކާ އެކު ރޭކުރުމުގެ ފުރުސަތު ލިބޭ ފަނަރައިގެ ރޭގަނޑެވެ.
ނީޒާ އާއި ސާމިރު މިރޭ އަނެއްކާވެސް ދޫނިދޫގެ ހާއްސަ ކުޑަގޮޅިއަކުން ބައްދަލުމިވަނީ ދުވަސްގަނޑަކަށް ވުރެން ބޮޑު މެދުކެނޑުމަކަށް ފަހުއެވެ. ޖަލުގައި ގައިދީން ހިންގި ހަމަނުޖެހުންތަކަކާ ގުޅިގެން އާއިލީ ބައްދަލުވުންތައް މެދުކަނޑާލިތާ ދެ އަހަރެއްހާ ދުވަސް ފަހުން މުޅިން އަލަށެވެ.
ލިޔެކިޔުންތަކުގައި ސޮއިކޮށް ފާސްކޮށް ނިމުމުން ޖަލުގެ ފާރަވެރިޔާ ނީޒާ ގޮވައިގެން ގޮސް ވެއްދީ ސާމިރުގެ ހާއްސަ ގޮޅިއަށެވެ. ސާމިރު ވެސް އެހެރީ މިރެއަށް ރީތިވެގެންނެވެ. ދިގުކޮށްފައި އޮތް އިސްތަށިގަނޑު މައްޗަށް އަޅައި އޮމާންކޮށްފައެވެ. ނަލަނަލަ ކާކީ ޓީޝާޓަކާއި ކަޅުކުލައިގެ ޖީންސެއް ލައިގެންނެވެ. ދިގުކޮށްފައިވާ ތުނބުޅީގައި ވެސް ތެލާއި އަތަރު އުނގުޅައި ފުނާ އަޅާފައިވާ ކަހަލައެވެ.
ސާމިރު މަޑުކޮށްލައިގެން ހުރީ ގޮޅީގެ އެންމެ އެތެރޭގައެވެ. ފާރުގައި ލެނގިލައިގެން ނޭވާހިފަހައްޓާލައިގެންނެވެ. ނީޒާ އަށް ހުރެވުނީ ލަދުގަނެ އިސްދަށަށް ޖަހައިގެންނެވެ. ސާމިރު އާއި ނީޒާގެ ނަޒަރު ގޮސް ބައްދަލުވީ ގޮޅީގެ ފާރަވެރިޔާ ނީޒާގެ ބުރަކަށީގައި އެއް އަތް އަޅައި މަޑުމަޑުން އެތެރެއަށް ކޮއްޕާލުމުންނެވެ.
ދޮރުފަތް ލައްޕައި ބޭރުން ތަޅުލުމާއެކު ނަގޫރޯޅިއެއްހެން އެނބުރިގެން އައިސް ސާމިރު އޭނާގެ އަނބިމީހާ ޖަހައިގެން ގެންގޮސް ވެއްޓިގަތީ ގޮޅީގެ އެތެރޭގައި ބަހައްޓާފައި ހުރި ސިންގަލް ދަގަނޑު އެނދުމައްޗަށެވެ. އެއަށް ފަހު، ގަޑި ދެ ގަޑިއިރު ފާއިތުވެގެން ދިޔައިރު ވެސް ނީޒާ އޮތީ ސާމިރުގެ އަތްދަށުގައެވެ.
ޗިކެން ޕިކާޓާ ހިހޫވެ ނިމިއްޖެއެވެ. އެކަމަކު ސާމިރަށް ދެން ކީއްހެއްޔެވެ؟ އޭނާގެ ބަނޑު އޭނާ ބޭނުންވި ގޮތަށް ފުރައި ނިމިއްޖެއެވެ.
ނީޒާ ވަނީ ފާހާނާ އަށެވެ. ފެންވަރައިގެން ނުކުތްއިރު އެނދުމަތީގައި ހުސްގަޔާ އިނދެގެން ސާމިރު އޭނާ އަށް އެންމެ މީރު ޕާސްޓާކަނީއެވެ. އެ ކެއުމަށް ވިހަނުލައި ނީޒާ ގެނެސްދޭކަން އެއީ ސާމިރުގެ ނަސީބެވެ. އޭނާގެ ބަދުނަސީބަކީ އެއް އިރެއްގައި އެންމެ ގާތުގައި ތިބި ސިޔާސީ ބާރުތަކަށް ކިޔަމަންވީ ކަމެވެ. އެއަށް ފަހު ގޮސް އޭނާ ޖެހުނު ހަރުކަށި ވިސްނުމާއި ބާޠިލު ފިކުރެވެ. ނަމަވެސް އެންމެ ބޮޑު ބަދުނަސީބަކީ ކޮބައިތޯ ސުވާލުކޮށްފި ނަމަ މިއިން އެއްވެސް ކަމަކަށް ސާމިރު އެއްބަހެއް ނުވާނެއެވެ. ވަކިން ހާއްސަކޮށް ފަހުން ގޮސް އޭނާ ޖެހުނު ފިކުރެވެ. އަދި މިހާރު ވެސް އޭނާގެ ހިތާއި ނަފުސު ހިބަކޮށްދީފައިވާ އެ އަނދިރި ފިކުރެވެ.
ސާމިރު އަތުލައިގަތީ އޭނާ ކުރިން ތަބާވީ ސިޔާސީ ވެރިންގެ ތެރެއިން ވެރިޔަކަށް އަމާޒުކޮށް މާލޭގައި ދިން ބޮމުގެ ހަމަލާއަކާ ގުޅިގެން ދެ ހަފުތާ ވަންދެން ސިފައިންނާއި ފުލުހުން މުޅި ރާއްޖޭގައި ހިންގި ވަރުގަދަ ހަރަކާތެއްގައި އައްޑު އަތޮޅު ހިތަދޫ އިންނެވެ. އެ ހަމަލާގެ މޭސްތިރިންނާ އަޅާބަލާއިރު ސާމިރު އަކީ އެމީހުންގެ ލަޝްކަރަށް ނިސްބަތްވާ ތިއްކެކެވެ. އަދި ދައުލަތާ އެއްބަސްވުން ހަދައި އަދަބުލުއި އަރާމު ގައިދީ ދިރިއުޅުމެއް ހިޔާރުކުރުމުން އޭނާ އަކީ މިހާރު އެބައިމީހުންގެ ޖަމާއަތުން ބޭރުކޮށް މަނާކޮށްފައިވާ ނަމެކެވެ. އަދި ސާމިރަކީ ވެސް މިހާރު އަމާޒުގެ ފަތްގަނޑެކެވެ. މި ގޮޅިން ސަލާމަތްވުމަށް ސާމިރު މިހާރު ކޮންމެ ކަހަލަ އަގަކަށް ވެސް ބޯޖަހައި ކިޔަމަންވާން ތައްޔާރަށް ހުރި ސަބަބަކީ އެއީއެވެ.
ކޮޓަރި ތެރެއަށް ވެރިވެފައި އޮތް ފަނޑުއަލިކަމުގެ ތެރެއިން ކުރިއަށް ޖެހެމުން ގޮސް ނީޒާ އެނދުގައި އިށީނުމުން ސާމިރު އޭނާގެ ޕާސްޓާ ތަށި ކައިރީގައި ހުރި މޭޒުމަތީގައި ބެހެއްޓުމަށް ފަހު ނީޒާއާ ދިމާލަށް ދެ އަތް ދިއްކޮށް ހީލިއެވެ. އެ ދައުވަތުގައި ހިފައި އެނދު މައްޗަށް އަރައިގެން ގޮސް ނީޒާ ހަމަޖެހިލީ ސާމިރުގެ އުނގުތެރޭގައެވެ. ކުލަ ޖައްސާފައި އޮތް ނީޒާގެ ބުޅި އިސްތަށިގަނޑުގެ ތެރެއިން އިނގިލިތައް ދުއްވަމުން ގެންގޮސް ސާމިރުގެ އެ އިނގިލިތައް ހުއްޓުނީ ނީޒާގެ ކަނދުރާއަށެވެ.
ކަނދުރާމަތިން ތިރިއަށް ގޮސް ބުރެއް ޖަހާލައިގެން ކަރުވަޅާ ދިމާލަށް ދާން ފެށުމުން ނީޒާ ކުއްލިއަކަށް ސާމިރުގެ ދެ އަތުގައި ހިފައި ދަމައި ތިރިއަށް ގެނެސް ބޮސްދިނުމަކުން އެ ދެ އަތުގައިވީ ލޭ ފިނިކޮށް މައިތިރިކޮށްގަތެވެ.
"ވަރަށް ބޮޑު ކަމަކު އެދެން ވެފަ އެބައޮތް ނީޒާގެ ކިބައިން،" ސާމިރު މިހެން ބުނުމުން ނީޒާ ބޯ ހިއްލައި ސާމިރުގެ މޫނަށް ބަލައިލިއެވެ. ސާމިރު އަނެއްކާވެސް އަތް ދަމައިގެން ގެނެސް ނީޒާގެ ބުޅި އިސްތަށިގަނޑާ ކުޅެން ފެށި އެވެ.
ސާމިރު ބޭނުންވަނީ ކޮން ކަމެއް ހެއްޔެވެ؟ ނުވަތަ އަހަންވީ، ސާމިރު އަދި އިތުރަށް ބޭނުންވަނީ ކޮން ކަމެއްތޯ ހެއްޔެވެ؟
ނީޒާ އަނެއްކާވެސް ކުރިން އޮތް ގޮތަށް އެނބުރިގަތެވެ.
"ނަޖީބުއާ ބައްދަލުކޮށްލަން އެބަޖެހޭ... އަނެއްކާވެސް،" ސާމިރުގެ ވާހަކައިގެ ފަހު ބައި އައީ ބުރިވެ ވަކިވެގެންނެވެ.
އެ ސަބަބު ވަރަށް ސާފެވެ. އަދި ފަނޑިޔާރު ނަޖީބުﷲގެ ޕްރައިވެޓް ޕެންތުހައުސް އަށް ދިއުމަށް ސާމިރު އަނެއްކާވެސް އެ އެދޭ ސަބަބު ވެސް ވަރަށް ސާފެވެ. ނަމަވެސް ހިތާއި ބޮލުގައި ދެމެމުން ދިޔަ ޖަޒުބާތުތައް ހިފަހައްޓައިގެން ނީޒާ އޮތްގޮތަށް އޮތީ އެވެ.
އެހެން އޮތްވައި ލޯ މެރުނު އިރެއް ނޭނގެއެވެ. ފުންމައިގެން ގޮސް ކުއްލިއަކަށް ހޭލެވުނީ ގޮޅީގެ ދަގަނޑު ދޮރުފަތުގައި ޖަލުގެ ފާރަވެރިޔަކު އައިސް މުގުރުބުރިއަކުން ތަޅައިގަތް އަޑަށެވެ. ސިހިގެން ގޮސް ނީޒާ އަށް ހޭލެވުނުއިރު ކައިރީގައި ހުރި ދަގަނޑު ގޮނޑިއެއްގައި ޖައްސާލައިގެން ސާމިރު އިނެވެ. ނީޒާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އަނެއްކާވެސް ބޮލުގައި ވަރަށް ރީއްޗަށް ފުނާއަޅައި އޮމާންކޮށްލައިގެންނެވެ. އެކަމަކު ގައިދީއެއްގެ ޔުނީފޯމުގައެވެ.
ގޮނޑިން ތެދުވިގެން އައިސް ނީޒާގެ ގައިގައި ސާމިރު ބައްދައިގަތެވެ. އިރުކޮޅެއް ވަންދެން އެގޮތަށް އޮވެފައި ނީޒާ ދޫކޮށް އޭނާ ގޮސް މަޑުކޮށްލީ ދޮރު ކައިރީގައެވެ. ދޮރުގެ މެދަކާ ހިސާބުގައި ހުރި ހަތަރެސްކަން ކުޑަ ގޮޅިއެއް ގާޑުކަލޭގެ ހުޅުވާލުމުން ނީޒާއާ ދިމާލަށް ބަލައި ހީލުމަށް ފަހު ސާމިރު ފުރަގަހަށް އެނބުރި އެ ގޮޅީގެ ތެރެއަށް ދެ އަތް ކޮށްޕާލިއެވެ. އެ ދެ އަތް އަލުން ދަމައިގެން ދޮރާ ދިމާލަށް އެނބުރުނުއިރު އޭނާ ހުރީ ފަހަތަށް ބިޑިއަޅުވައިފައެވެ.
ގާޑުކަލޭގެ ދޮރު ހުޅުވާލުމުން ސާމިރު ބޭރަށް ނުކުމެ ގެއްލިއްޖެއެވެ. އަނެއްކާވެސް 30 ދުވަސް ފަހުން ދެ މީހުން ހަމަ މިގޮތަށް މި ކޮޓަރި ތެރެއިން ބައްދަލުވާނެއެވެ. އެކަމަކު އޭގެ ކުރިން ނީޒާ އަށް ގޮސް ނަޖީބު ރުއްސިއްޖެ ނަމަ ދެ މީހުން ރޭކުރަން ޖެހޭ ގޮޅިއަކަށް ކޮންމެހެން ދޫނިދޫގެ މި ކުޑަގޮޅިވާކަށް ނުޖެހޭނެއެވެ. އަދި ސާމިރުގެ ރޭވުމާ އެއްގޮތަށް ދެ މީހުންގެ މުސްތަގުބަލު ޒައިތޫންޏާއި ބޮކަރުގެ މަލުގެ ވާދީއަކަށް ވެސް ބަދަލުކޮށްލެވިދާނެއެވެ.
ތައްޔާރުވެގެން ތެޅިފޮޅެމުން ނީޒާ ގޮސް ފެރީ އަށް އެރިއިރު އެންމެން އޭނާގެ އިންތިޒާރުގައި ތިބި ކަހަލައެވެ. ނުވަތަ ގަޑިޖެހި ލަސްވުމުން އެންމެން ވެސް އެ ތިބީ ހިތްހަމަނުޖެހިފައެވެ. މޫނުތައް ކުނިކޮށްލައިގެންނެވެ. ނީޒާ އެއްވެސް މީހަކާ ކަޅިހަމަކުރުމެއް ނެތި އިސްދަށަށް ޖަހައިގެން ގޮސް ފެރީ އަށް އަރައި އެންމެ ފަހަތު ސީޓުގައި އިށީނދެ، އަތްދަބަސް ތެރެއިން ނެގި އަވި އައިނު ލޮލަށް ހެޔޮވަރުކޮށް، އެއްފައި މައްޗަށް އަނެއް ފައި ވައްޓާލައިގެން ހާސްކަމުގެ ނޭވާ ބޭރުކޮށް ހަމަޖެހިގަތެވެ. އެ މަންޒަރު ބަލަން ފެރީގެ އަނެއް ފަޅީގެ ގޮނޑިބަރީގައި ހުރި ޒުވާން ފިރިހެނަކު ނީޒާގެ ލޮލުގައި އަޅައިގަތް ނަމަވެސް ދެނަހުރިކަމަށް ނަހަދައެވެ.
އާއިލީ ބައްދަލުވުމުގެ ބައިވެރިންނާ އެކު ފެރީ ދޫނިދޫއިން ފުރައިގެން މާލެ ދިއުމަށް ނުކުމެއްޖެއެވެ. އެއާއެކު ނީޒާ ކައިރީގައި އައިސް އިށީނީ އަނެއް ގޮނޑިބަރީގައި އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރި ޒުވާނާއެވެ.
ދެ މީހުން މީގެ ކުރިން ވެސް އެތައް ދުވަހެއްގެ މަތިން ހަމަ މިގޮތަށް ބައްދަލުވެއްޖެއެވެ. ދޫނިދޫގެ އާއިލީ ބައްދަލުވުމުގެ ތެރެއިންނެވެ. އެކަމަކު އެއް ފެރީއަކުން މިގޮތަށް ބައްދަލުމިވީ އަލަށެވެ.
އެ ޒުވާނާގެ ނަމެއް ނީޒާއަކަށް ނޭނގެއެވެ. އަދި ނީޒާ އަށް ކިޔަނީ ނީޒާ ކަމެއް އެ ޒުވާނާއަކަށް ވެސް ނޭނގެއެވެ. އަމުދަކުން ދެ މީހުން ދެ މީހުންގެ ނަމާއި ވަނަވަރު ހޯދާކަށް ވެސް ނޫޅެއެވެ. ނަމަވެސް ނީޒާގެ އާއިލީ ބައްދަލުވުމުގައި އޭނާ އަންނަނީ ޖަލުގައި އޮތް ފިރިމީހާއާ ބައްދަލުކުރަންކަން އެންމެނަށް އެނގޭ ފަދައިން މި ޒުވާނާ އަށް ވެސް އެކަން އެނގެއެވެ.
އެކަމަކު މި ޒުވާނާގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އޭނާގެ އަމާޒަކީ ކާކު ހެއްޔެވެ؟ ގޮޅީގައި އޮތީ އަންހެނުން ކަމުގައިވާ ނަމަ އޭނާ އަރަން ޖެހޭ ފެރީއަކީ މުޅިން އެހެން ފެރީއެކެވެ. ގޮޅީގައި އޮތީ އޭނާގެ އާއިލާގެ ކާކު ހެއްޔެވެ؟
"ނުބައި ފެރީއަކަށް ނުން މިއަދު އަރައި ތިހިރީ،" ތެދުވިގެން އައި ޒުވާނާ އައިސް ކައިރީގައި އިށީނުމުން ނީޒާ މިހެން ބުނެލީ މާ ބޮޑު ހަރަކާތްކުރުމެއް އަދި އިހުސާސެއް ދެއްކުމަކާ ނުލައެވެ.
"ނުބައި ފެރީއަކަށްވިޔަސް ރަނގަޅު މީހާއާ ނޫންތަ މި ބައްދަލުވީ،" އެ ޒުވާނާގެ ވާހަކައިގައިވަނީ މައްލަވަކުރުމުގެ ރާގާއި ޝައުގުވެރިކަމެވެ.
އެއީ އަބަދުވެސް އޭނާގެ ގޮތެވެ. އެހެންވެ ނީޒާ އަބަދުވެސް އޭނާއާ ވާހަކަ ދައްކަނީ ބަހައްޓަން ޖެހޭ ދުރުމިން ބޮލާއި ހިތަށް ކަށަވަރުކޮށްދީގެން ހުރެއެވެ.
ނީޒާ އަނގައިންނެއް ނުބުންޏެވެ.
"ކޮން އިރަކުންތަ ތީނަގެ ހަޒްބަންޑް ދޫކޮށްލަނީ؟،" ޒުވާނާގެ ސުވާލު ތޫނުވެފައި ސާފުކަމުން ނީޒާގެ މޭގައިވީ ހިމޭންކަން ދިޔައީ ކަފައިގެންނެވެ.
ކުއްލިއަކަށް ނީޒާ އޭނާގެ މޫނަށް ބަލައި ހުއްޓުނެވެ.
"ކޮން އިރަކުންތަ އަހަރެމެން ދެ މީހުން އެއްބަސްވީ ކަމާ ނުބެހޭ ވާހަކަ ދައްކަން؟،" ނީޒާ އަނެއްކާވެސް ކުރިން އިންގޮތަށް އެނބުރި ލޮލުގައި އޮތް އަވިއައިނު ހެޔޮވަރުކޮށް ހަމަޖެހިގަތެވެ.
"ވަރަށް ބޮޑަށް ސޮރީ މެޑަމް. އެއްގޮތަކަށް ވެސް ކޯފާ އިސްކުރައްވާ އެއްޗެއްނުން އިނގޭ،" ޒުވާނާ މިހެން ބުނެލުމުން ނީޒާ އޭނާ އަށް ދޫކޮށްލީ ލުއި ހިނިތުންވުމެކެވެ.
ދެ މީހުން އެއަށް ފަހު އިރުގަނޑެއް ވަންދެން އަނގައިންނެއް ނުބުނެއެވެ. ފެރީގެ އިންޖީނުގެ އަޑާއި ރާޅުތަކުގެ ބީހުން މަޑުމަޑުން މި ފެރީގަނޑު މާލެއާ ގާތަށް ޖައްސަމުން ދިޔަ ވަރަކަށް ހީވަނީ އެ ދެ މީހުންގެ ދެމެދުގައި ދުރުމިނަކާއި އިމެއް ކުރަހަމުން ގެންދިޔަހެންނެވެ. ނަމަވެސް އެ ޒުވާނާ އަށް އެ ހިމޭން އިމުގައި ކެތެއް ނުކުރެވުނެވެ.
"ދެން ހަމަ މަށާ އަނގައިންނެއް ވެސް ނުބުނާނަންތަ މިއަދު؟،" ޒުވާނާ ނީޒާގެ މޫނަށް ބަލައި އެނބުރުނެވެ.
ނީޒާ ވެސް އޭނާގެ މޫނަށް ބަލައި ހުއްޓުނެވެ.
"އަހަންނަކަށް ނޭނގޭ އަހަރެމެން ދެ މީހުން ތިހާ އަނގަތަޅާ ހިތްވާ ދެ ރައްޓެހިންނަށް ބަދަލުވި ދުވަހެއް،" ނީޒާގެ މޫޑާއި ރާގު ވެސް އެންމެފަހުން ލުއިވެ އުފުލިގަތެވެ.
"އަހަރެމެން ދެ މީހުން ވާނީ ފެރީ ބަޑީސް އަށް ދޯ،" ޒުވާނާ ބުނެލިއެވެ.
"އަލަށް އެއް ފެރީއަކަށް އެރުނީމަތަ؟،" ނީޒާ ޖެއްސުންކޮށްލިއެވެ.
"އެހެންވީމަ ދޫނިދޫ ބަޑީސްދޯ؟،" ޒުވާނާ މިހެން ބުނުމުން ނީޒާ ހިފަހައްޓަން އުޅުނު ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.
އެއަށް ފަހު އޮލަ ވާހަކައިގެ ތެރޭގައި ދެމެމުން ދަނިކޮށް ފެރީ ލަފައި މީހުން ފައިބާން ފަށައިފިއެވެ. ފެރީން ފޭބިއިރު ނީޒާ އަށް ހުރެވުނީ އެ ޒުވާނާއެކު ޖެހުނު ސަކަރާތް ހިތަށް އަރައި ހިސާބަކަށް މޮޔަ ހީވެފައެވެ. މާލޭގެ ކޮންކްރީޓު ބިމުގައި ދެ ފައި ޖެހުމާއެކު އަނެއްކާވެސް ހަޔާތުގެ ހޫނާއި ދިލަ ކުއްލިއަކަށް މުޅި ހަށިގަނޑުގައި ދެމިގަތެވެ. ދިރިއުޅުމުގެ ޒިންމާތައް ބޮލަށް ވަދެގެންފިއެވެ.
ޓެކްސީއަކަށް މަޑުކޮށްލައިގެން ހުއްޓައި އޭނާގެ ކައިރިއަށް އަނެއްކާވެސް އައިސް މަޑުކޮށްލީ އެއްކަލަ ޒުވާނާއެވެ. ދޫނިދޫގެ ބަޑީއެވެ.
"ކޮބާ ؟ މިއަދު ވެސް ނާރާނަން،" އެ ޒުވާނާ އައިސް ނީޒާ އަށް ދިނީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ދީފައިވާ ދައުވަތެކެވެ.
މަގުގެ ދެކޮޅު ބަލައި ހިނިތުންވެލަމުން ނީޒާ އެންމެފަހުން ޒުވާނާގެ ސައިކަލް ފަހަތަށް އަރައިފިއެވެ.
"ތެންކިޔޫ،" ގެ ކައިރިއަށް ގެންގޮސް މަޑުކޮށްލުމުން ސައިކަލުން ފައިބަމުން ނީޒާ ބުނެލިއެވެ.
"އެކަމަކު އަދިވެސް ނަމެއް ނުބުނަމެއް ނުން،" އެ ޒުވާނާ ނީޒާއާ ދިމާލަށް އެނބުރި ބަލައި ހީލިއެވެ.
"ނީޒާ،" ނަން ބުނަން އިރުކޮޅެއް ނެގިޔަސް މޫނު މައްޗަށް ފެތުރިގެންދިޔަ ހިނިތުންވުމުން ނީޒާ ސަލާމަތެއް ނުވިއެވެ.
"މިއީ ޖަމާލް،" ނީޒާއާ ދިމާލަށް އަތްދިއްކޮށްލަމުން އެ ޒުވާނާ ބުނެލިއެވެ.
"ނައިސް ޓު މީޓް ޔޫ ޖަމާލް"
ޖަމާލްގެ އެ އަތުގައި ހިފަން ކިތަންމެ ބޭނުންވިޔަސް އެ އަތުގައި ނުހިފައި ނީޒާ ހީގެންފައި އެނބުރިގެން ގޮސް ގެއަށް ވަދެ ގެއްލިއްޖެއެވެ.
ޖަމާލް އޭނާގެ ސައިކަލްގައި ކުއްލިއަކަށް ނައްޓާލިއެވެ.