އެވްރިލް ލެވީން އެންގޭޖު ވެއްޖެ
އެވްރިލް ލެވީން އެންގޭޖު ވެއްޖެ

ކެނެޑާގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ އެވްރިލް ލެވީން އެންގޭޖު ވެއްޖެ އެވެ.

ދެހާހުގެ ކުރީކޮޅުގައި ދިވެހި ޒުވާނުންގެ މެދުގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދި ލަވަކިޔުންތެރިޔާ އެވްރިލް އެންގޭޖު ވެފައި ވަނީ އެމެރިކާގެ ޕޮޕް ޕަންކް ލަވަކިޔުންތެރިޔާ މޮޑް ސަންއާ އެވެ.

އެވްރިލް އޭނާ ރައްޓެހިވެގެން އުޅުން މޮޑް ސަންއާ އެންގޭޖު ވެފައިވާކަން ހާމަކުރީ އިއްޔެ އެވެ. އެ މީހުން އެންޖޭޖުވީ މިދިޔަ މަހު 27 ގަ އެވެ.

މޮޑް ސަން، އެވްރިލް އަށް ޕްރޮޕޯސް ކުރީ، އެ ދެމީހުން ޕެރިސް އަށް ދިޔަ ދަތުރެއްގައި ބޯޓެއްގެ މަތީގައި ކަމަށް އެވްރިލް ބުންޏެވެ.

އެވްރިލް އާއި މޮޑް ދިމާވިތާ މާ ގިނަ ދުވަސްތަކެއް އަދި ނުވެ އެވެ. އެ ދެމީހުން ދިމާވީ އެވްރިލް މިދިޔަ ފެބްރުއަރީގައި ނެރުނު އޭނާގެ ހަތްވަނަ ސްޓޫޑިއޯ އަލްބަމް ތައްޔާރުކުރަން އުޅުމުގެ ތެރޭގަ އެވެ. އެ ދެމީހުން އެކީގައި މިއުޒިކް ތައްޔާރުކުރަން އުޅުމުގެ ތެރޭގައި ލޯބީގެ ގުޅުމެއް ފެށުނީ އެވެ.

އެވްރިލް ވަނީ މީގެ ކުރީން ދެ ފަހަރަކު ކައިވެނިކޮށްފަ އެވެ.