09 އެޕްރީލް 2022 - 00:01

ސިއްހީ ދާއިރާއަށް މި ސަރުކާރުން ގެންނަ ބަދަލުތަކުން އާއްމުންގެ އިތުބާރު ލިބެމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ހިދުމަތް ހޯދުމަށް ކުރިއްސުރެ އޮތް އުނދަގޫތަކަށް ހައްލެއް ހޯދައިދީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޓާޝަރީ ފަރުވާގެ ހިދުމަތް ގާއިމްކޮށް ތަފާތު ފަރުވާތައް ފަހިކޮށްދީފައިވާ ކަމަށެވެ. އެ މަސައްކަތްތަކުގެ ސަބަބުން އާއްމުންގެ އިތުބާރު ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިންގިލާބީ ބަދަލުތަކެއް ގެނެސް، އެ ކަންކަން ހާސިލްވެފައިވަނީ މިއިން ޒަމާނެއްގައި ސިއްހީ ދާއިރާއަށް ކުރިމަތިވެފައިނުވާ ބޮޑެތި ގޮންޖެހުންތަކާއެކުގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ވެސް ސިއްހީ ދާއިރާގައި އޮތީ މައްސަލަތައް ފުނިޖެހިފައި ކަމަށާއި އެއާއެކު ކޮވިޑު-19 އާ ދެކޮޅަށް މަސައްކަތްތައް ފަށަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މަސައްކަތުގެ ތެރޭގައި އުޅެނިކޮށް ރާއްޖޭގައި ތިބި ބޭރުގެ ސިއްހީ ހިދުމަތްތެެރިން އެ މީހުންގެ ގައުމުތަކަށް އަނބުރާ ދާން ފެށުމުން ބޭރުން އިތުރަށް މީހުން ހޯދަން ދަތިވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޓެސްޓް ކުރުމާ ސިއްހީ ފަރުވާ އާއި ރައްކާތެރިކަމަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު އިމްޕޯޓް ކުރާ ގައުމަކަށް ރާއްޖެ ވީއިރު، އެ ތަކެތި ލިބުން އިންތިހާ އަށް ދަތިވެ ރާއްޖެ ގެނެވޭނެގޮތް ނެތުމުން ދިމާވާނެ ގޮންޖެހުން ތަކަކީ ވެސް ފަސޭހައިން އިހުސާސް ކުރެވެން އޮތް ހަގީގަތެއް،" ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.
"ފަތުރުވެރިކަމަށް ބަރޯސާ ވެފައިވާ އިގުތިސޯދެއްގައި ފަތުރުވެރިކަން އެއްކޮށް ހުއްޓުމުން ކުރިމަތިވާނެ މާލީ ދަތިތަކާ އިޖުތިމާއީ ގޮންޖެހުން އަންގައި ދިނުމަކަށް މާގިނަ ތަފާސް ހިސާބެއް ބޭނުމެއް ނުވޭ. މި ދެންނެވި ނާޒުކު ޙާލަތުގައި ވެސް މި ދިވެހި ރާއްޖެވަނީ ދުނިޔެއަށް ނަމޫނާ ދައްކައި ދީފައި."
ކޮވިޑުގެ ކަންކަން އެންމެ ރަނގަޅަށް މެނޭޖުކޮށް، އެންމެ އަވަހަށް ބޯޑަރު ހުޅުވާލި ގައުމަކީ ރާއްޖެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ އެކަން ހާސިލްވީ ހުރިހާ ފަރާތްތަކާ ގުޅިގެން، ދިވެއްސެއް އަދި ބިދޭސީއެއް ތަފާތުނުކޮށް ކޮވިޑު ވެކްސިނާއެކު ސިއްހީ ފަރުވާ ފޯރުކޮށްދިނުމުންނެވެ.
އެއާއެކު، ތިމާވެއްޓާ ގުޅުންހުރި މައްސަލަތައް ހައްލުކޮށް ތިމާވެށީގެ ހާލަތާ ގުޅިގެން ދިމާވާ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމުގައި ވެސް އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ކާމިޔާބީ އަށް ހުރަސް އެޅިއްޖެ ނަމަ އަޅުގަނޑުމެންގެ ބިމާއި ކަނޑާއި ވައި ނުސާފުވެ ތަޢައްޔަރުވުމުން އަޅުގަނޑުމުންގެ އިގުތިސޯދަށާއި ސިއްހަތަށާއި މުޅި ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަން ގަބޫލު ކުރަން ޖެހޭ. އަދި އެފަދަ ކަންކަމުގެ އަސަރު ކުރިމަގުގެ ޖީލުތަކާ ހަމައަށް ދެމިގެންދާނެކަން ދެނެތިބެ އެކަމަށް ސަމާލު ވާން ޖެހޭ. ކޮންމެ ކަމެއްގައި ވެސް ތިމާވެއްޓާ، ތިމާއާއި ތިމާގެ އާއިލާ އާއި ތިމާގެ މުޖުތަމައުގައި ދިރިއުޅޭ އެންމެންގެ ސިއްހަތަށް ހެޔޮގޮތް އިހުތިޔާރުކުރާ ނަމޫނާ ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހޭ،" އޭނާ ވިދާޅުވި އެވެ.
އިއްޔެ ފާހަގަކުރި މި އަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ޝިއާރަކީ "އަވަ ޕްލެނެޓް، އަވަ ހެލްތު" ނުވަތަ އަހަރެމެންގެ ގުރަހަ، އަހަރެމެންގެ ސިއްހަތެވެ.