08 އެޕްރީލް 2022 - 17:33

މޮސްކޯ (އެޕްރީލް 8) - ޔުކްރޭނަށް އަރައި ދޭން ފެށި ހަމަލާތަކުގައި އެ ގައުމުގެ ސިފައިންނަށް ބޮޑު ގެއްލުމެއް ލިބި ސިފައިންގެ ތެރޭން ގިނަ ބަޔަކު މަރުވެފައިވާ ކަމަށް ރަޝިޔާ އިން އެއްބަސްވެއްޖެ އެވެ.

އިނގިރޭސި ޗެނަލް ސްކައި ނިއުސްގައި ވާހަކަ ދައްކަވަމުން ރަޝިޔާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވީ ސިފައިންގެ ތެރެއިން ގިނަ ބަޔަކު މަރުވުމަކީ ރަޝިޔާ އަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ. އެކަމަކު ކުރިއަށް އޮތް ދުވަސްތަކުގައި ރަޝިޔާގެ އަމާޒަށް ވާސިލް ވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕެސްކޯފް މި މޭރުމުން ވާހަކަ ދެއްކެވި އިރު ރަޝިޔާ ވަނީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ބޭރުކޮށްފަ އެވެ. އާއްމު މަޖިލީހުގައި ނެގި ވޯޓުގައި 193 މެންބަރުންގެ ތެރޭން 93 ގައުމުން ވަނީ ރަޝިޔާ ބޭރުކުރަން ތާއީދުކޮށްފަ އެވެ. ވަކިކޮޅަކަށް 58 ގައުމުން ވޯޓު ނުދޭއިރު 18 ގައުމަކުން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.
ހިއުމަން ރައިޓްސް ކައުންސިލުން ރަޝިޔާ ބޭރުކުރަން ފާސްކުރި އިރު ޔުކްރޭނުގެ އުތުރުގެ ބުޗާގައި ރަޝިޔާ ސިފައިން، އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
ބުޗާގައި ހިންގާފައިވާ ގަތުލްއާއްމުތަކުގެ ޒިންމާ ރަޝިޔާ އިން އުފުލަން ނުޖެހޭނެ ކަމަށް ޕެސްކޯފް ވިދާޅުވި އެވެ. ނަމަވެސް ސްކައި ނިއުސްގައި އޭނާ ވަނީ ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެއްބަސްވެފަ އެވެ.
މާޗް 25 ވަނަ ދުވަހު ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ވަނީ ހަނގުރާމައިގައި 1،351 ސިފައިން މަރުވި ކަމަށް ބުނެފަ އެވެ. ނަމަވެސް ޔުކްރޭނުން ބުނެފައި ވަނީ ރަޝިޔާ ސިފައިންގެ 19،000 މީހުން މަރުވެފައިވާ ކަމަށެވެ.
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ ތަރުޖަމާންގެ މަގާމު 2000 ވަނަ އަހަރުން ފެށިގެން އަދާކުރައްވަމުން ގެންދަވާ ޕެސްކޯފް ވިދާޅުވީ ރަޝިޔާ އިން މިހާރު ބަލަނީ ހަނގުރާމަ ނިމުމަކަށް ގެންނާނެ ގޮތްތައް ކަމަށެވެ.
"ރަޝިޔާގެ އަސްކަރިއްޔާ އިން މިހާރު ދަނީ މި އޮޕަރޭޝަން ނިމުމަކަށް ގެންނާނެ ގޮތްތައް ބަލަމުން. އަދި އުއްމީދު ކުރަނީ ކުރިއަށް އޮތް ދުވަސްތަކުގައި މި ހަނގުރާމައިގައި ރަޝިޔާގެ އަމާޒަށް ވާސިލްވެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ރަޝިޔާ އިން މިހާރު ވަނީ ޔުކްރޭނުގެ ވެރިރަށް ކިޔޭވް ހިމެނޭ ސަރަހައްދުން ސިފައިން ބޭލުމަށް ފަހު އެ ގައުމުގެ އިރުމައްޗަށް ހަނގުރާމައިގެ ފޯކަސް ބަދަލުކޮށްފަ އެވެ. އެކަމަކު ހަނގުރާމަ ނިމެން އުޅޭކަމުގެ ނިޝާނެއް އަދި ފެންނާކަށް ނެތެވެ.