08 އެޕްރީލް 2022 - 11:43

މިދިޔަ 29 އަހަރުގެ ހިސާބުތަކަށް ބަލާއިރު ވެސް ރާއްޖެއަށް އެންމެ ހޫނީ ކޮންމެ އަހަރަކު ވެސް އޭޕްރީލް މަހު ކަމަށާއި ކޮންމެ ދުވަސްވަރެއްގައި ވެސް އެންމެ ހޫނު ގަދަވަނީ މެންދުރު ފަހު 2 ޖަހާ އެހާއިރު ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

އޭޕްރީލް މަހަކީ އެންމެ ހޫނު ގަދަ މަސް ކަމަށް މެޓް އޮފީހުން ކުރިން ވެސް ބުނެ އެވެ. އެކަމަކު މިދިޔަ 29 އަހަރުގެ ހިސާބުތަކާ އެކު މެޓް އޮފީހުން ވަނީ ރާއްޖޭގެ ތިން ސަރަހައްދުގެ ފިނިހޫނުމިން އަހަރުގެ އެކި ދުވަސްވަރު ހުންނަ ގޮތް ވެސް ކިޔައިދީފަ އެވެ.
ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި އެންމެ ހޫނު ގަދައީ އުތުރުގަ އެވެ. އުތުރުން ހދ. ހަނިމާދޫގެ މިދިޔަ 29 އަހަރު އޭޕްރީލް މަހުގެ އެވްރެޖް ފިނިހޫނުމިނަކީ 29.7 ޑިގްރީސެލްސިއަސް އެވެ. ދެން އެންމެ ހޫނީ ރާއްޖޭގެ މެދުތެރެއަށެވެ. ހުޅުލޭގެ 29 އަހަރުގެ ހިސާބުތަކުން ދައްކަނީ އޭޕްރީލް މަހުގެ އެވްރެޖް ފިނިހޫނުމިނަކީ 29.6 ޑިގްރީސެލްސިއަސް ކަމަށެވެ. ދެކުނުން ސ. ގަމަށް ބަލާއިރު މިދިޔަ 29 އަހަރު އޭޕްރީލް މަހުގެ އެވްރެޖް ހޫނުމިނަކީ 28.9 ޑިގްރީސެލްސިއަސް އެވެ.
މެޓް އޮފީހުން ކޮންމެ ދުވަހަކު ވެސް ރާއްޖޭގެ ފަސް ސަރަހައްދެއްގެ ފިނިހޫނުމިން އާންމުކުރެ އެވެ.
މެޓުން ބުނީ މި ދުވަސްވަރު ވައި މަޑުކަމުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުންނާނެ ކަމަށާއި ވައިގެ ހޫނުމިނަށް ވުރެ އިހްސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާނެ ކަމަށެވެ. އަދި މި ދުވަސްވަރު އެހާ ހޫނުގަދަވަނީ މިއީ އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރަށް ވާތީ ކަމަށް ވެސް މެޓުން ބުންޏެވެ.
އެވްރެޖްކޮށް މުޅި މަހުގެ ތެރޭގައި އެންމެ ހޫނުގަދަ މަހަށް އޭޕްރީލް ވިޔަސް ވަކިވަކި ދުވަސްތަކުގައި މީގެ ކުރިން ވެސް 29 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ހޫނު މިން ޖެހިފައިވެ އެވެ.
ރާއްޖެ އަށް މިހާތަނަށް އެންމެ ހޫނުގަދަވީ ސެޕްޓެމްބަރު 12، 1991 ގަ އެވެ. އެ ދުވަހު ލ. ކައްދު އަށް 36 ޑިގްރީ ސެލްސިއަސްއަށް ހޫނު ގަދަވި އެވެ.
ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ހޫނު މަޑީ ޖެނުއަރި-ޑިސެމްބަރުގަ އެވެ.