24 ޑިސެމްބަރ 2016 - 12:45

ޑާކް ރެއިން އެންޓަޓައިންމަންޓްގެ ކުރިއަށް އޮތް ފިލްމު "މީ ލޯތްބަކީ" އާ މެދު ކުރެވޭ އުންމީދުތައް ވަރަށް ބޮޑެވެ. މި ރޮމޭންޓިކް ކޮމެޑީގެ މަސައްކަތް ވަަރަށް ބާރަށް ކުރިއަށް ދާ އިރު، ފިލްމުގެ ކާސްޓަށް އަނެއްކާވެސް މުހިއްމު ނަމެއް އިތުރުވެއްޖެ އެވެ.
މި ފަހަރު ލަވަކިޔުންތެރިޔާ ޔާމީން ރަޝީދެވެ.
މި އަހަރު ކުރީކޮޅު ޑާކް ރެއިނުން ރިލީޒް ކުރި "ވާށޭ މަށާ އެކީ" އަށް ޔާމީންގެ ކުރީގެ ލޯބިވެރިޔާ މީރާ މުހައްމަދު މާޖިދާ އެކު ހަމައެކަނި ކިޔައިދިނީ ލަވައެކެވެ. އެކަމަކު މި ފަހަރު ފިލްމުގައި އެކްޓް ވެސް ކުރަނީ އެވެ.
ޑާކް ރެއިނުން ދައްކާލި މި ފިލްމުގެ ފުރަތަމަ ޕޯސްޓަރުގައި ޔާމީން ފެންނަނީ އެ ފިލްމުގެ ލީޑް ރޯލް ކުޅޭ ބަތަލާ މަރިޔަމް އައްޒައާ އެކުގަ އެވެ. އެހެންވެ ޔާމީންގެ ރޯލަކީ ބެލުންތެރި ބަލާހިތްވާ ކަހަލަ ލޯބީގެ ރޯލަކަށް ވެދާނެ އެވެ.
އެކަމަކު އޭނާގެ ރޯލާ ބެހޭ ގޮތުން އެއްޗެއް ބުނަން ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އަދި ބޭނުމެއް ނޫނެވެ.
"ފިލްމު ބަލާލީމަ އެނގިގެން ދާނެ ކޮން ކަހަލަ ރޯލެއްކަން. ފިލްމުގެ ޕޯސްޓަރު ސީރީޒްގެ ތެރެއިން ދައްކާލި ޕޯސްޓަރެއްގައި ޔާމީން އާއި އައްޒަ އެ ފެނިގެން ދަނީ،" މޮގާ ބުންޏެވެ.
ލަވަ ކިޔުންތެރިއެއްގެ ގޮތުގައި ޔާމީން ކިތަންމެ މަޝްހޫރަސް، ހަގީގަތުގައި އޭނާއަކީ ކެމެރާގެ ކުރި މައްޗަށް އާ މީހެއް ނޫނެވެ.
ޓީވީއެމުން މީގެ އަހަރުތަކެއް ކުރިން ގެނެސް ދިން "ވައިސޫރި" ޑްރާމާގެ ބައެއް އެޕިސޯޑްތަކުން ކުޑަކުއްޖެއްގެ ރޯލުން އޭނާ ފެނިފައިވެ އެވެ.
ނަމަވެސް "މީ ލޯތްބަކީ" ވެގެން ދާނީ ޔާމީން ފީޗާ ފިލްމަކުން ފެންނަ ފުރަތަމަ ފަހަރަށެވެ. އޭނާ މި ފިލްމުން ފެންނާނެކަން އެނގުމަކީ ޔަގީނުން ވެސް ފިލްމަށް ކުރެވޭ އިންތިޒާރު ބޮޑުވާނެ ކަމެކެވެ.
"މީ ލޯތްބަކީ" އަކީ ބޮޑު ކާސްޓެއް ހިމެނޭ ފިލްމެކެވެ. ފިލްމުގެ ލީޑު ރޯލް ކުޅެނީ އައްޒަ އާއި ޖުމައްޔިލް ނިމާލް (ޖުމަލް) އެވެ. އޭގެ އިތުރުން މި ފިލްމުން އަލަށް ވެސް ބައެއް ތަރިން ތައާރަފުވާނެ ކަމަށް ވެ އެވެ. އޭގެ ތެރޭގައި މޯލްޑިވިއަން އައިޑޮލް އިން ވިދާލި ލަވަ ކިޔުންތެރިޔާ އިބްރާހީމް އަމާން ވެސް ހިމެނެ އެވެ.
ފިލްމު ޑައިރެކްޓްކުރަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ސްކްރީންޕްލޭ ލިޔުނީ ޗިއްޕެ އާއި މޮގާގެ އަންހެނުން އަދި ޑައިރެކްޓަރު އައިޝަތު ފުއާދު އެވެ. ފިލްމު ސިނަމާ އަށް އަންނާމީ އެޕްރީލް 5، 2017 ގަ އެވެ.