އިތުބާރު ނެތްކަމުގެ ވޯޓު ނުހުއްޓުވޭނެކަމުގެ އަމުރާ އެކު އިމްރާންގެ މަގާމު ގެއްލެނީ
އިތުބާރު ނެތްކަމުގެ ވޯޓު ނުހުއްޓުވޭނެކަމުގެ އަމުރާ އެކު އިމްރާންގެ މަގާމު ގެއްލެނީ

އިސްލާމްއާބާދު (އެޕްރީލް 8) - ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ އިތުބާރު ނެތް ކަމަށް ޕާލަމެންޓުގައި އާދިއްތަ ދުވަހު ނަގަން އުޅުނު ވޯޓު ހުއްޓުވާފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ނިންމުމާ އެކު އިމްރާންގެ މަގާމު ގެއްލޭނެކަން ގާތްގަނޑަކަށް ޔަގީންވެއްޖެ އެވެ.

އިތުބާރު ނެތްކަމުގެ ވޯޓު އާދިއްތަ ދުވަހު ނެގި ނަމަ ބޮޑުވަޒީރުކަމުގެ މަގާމު އިމްރާނަށް ގެއްލުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ ވެރިކަންކުރާ ޕާޓީގެ ފަރާތުން ޕާލަމެންޓުގެ ނައިބް ރައީސްގެ މަގާމު އަދާކުރައްވާ ގާސިމް ސޫރީ ވަނީ އެއީ ބޭރުގެ ނުފޫޒުން ނަގަން އުޅޭ ވޯޓެއް ކަމަށާއި އެ ކަމަށް ބަހުސް ކުރުމުގެ ފުރުސަތު ވެސް ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ފަހުން އިމްރާން ޚާން، 67، ވަނީ ރައީސަށް ދަންނަވައިގެން ޕާލަމެންޓް އުވާލައި އަވަސް އިންތިޚާބެއް ބާއްވަން ނިންމަވައިފަ އެވެ.

އެކަމާ ނުރުހުން ފާޅުކޮށް އިދިކޮޅު ފަރާތްތަކުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދައިފަ އެވެ. ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އިތުބާރު ނެތްކަމުގެ ވޯޓު ހުއްޓުވޭނެ ގާނޫނީ ހުއްޖަތެއް ދެއްކިފައި ނެތް ކަމަށާއި އެ ވޯޓު ނެގުން ހުއްޓުވުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ. އަދި ޕާލަމެންޓް އުވާލުން ވެސް ވަނީ ސުޕްރީމް ކޯޓުން ބާތިލްކޮށްފަ އެވެ.

ޕާކިސްތާނުގެ އިލެކްޓޯރަލް ކޮމިޝަނުން ކުރިން ބުނެފައި ވަނީ 90 ދުވަސްތެރޭ އިންތިޚާބެއް ނުބޭއްވޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުން މިހާރު އަންގާފައި ވަނީ އިތުބާރު ނެތްކަމުގެ ވޯޓު ހޮނިހިރު ދުވަހު ނެގުމަށެވެ. އެ ވޯޓުން އިމްރާން ޚާނަށް ނާކާމިޔާބު ވެއްޖެ ނަމަ އިދިކޮޅު ފަރާތްތަކުން މަޝްވަރާ ކުރަމުން ދަނީ އާ އިންތިޚާބެއް ނުބާއްވައި އޮގަސްޓް 2023 އާ ހަމައަށް ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނާނެ ބޭފުޅަކު ހަމަޖެއްސުމަށެވެ. ބެލެވޭ ގޮތުގައި ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނީ ޕާކިސްތާން މުސްލިމް ލީގު-އެން (ޕީއެމްއެލް-އެން) ގެ ލީޑަރު ޝަހުބާޒް ޝަރީފެވެ.

ޕާކިސްތާނުގެ ޕާލަމެންޓުގެ 342 މެންބަރުންގެ އަޣުލަބިއްޔަތު ވަނީ އިމްރާން ޚާންގެ ޕާކިސްތާން ތަހުރީކީ އިންސާފް ޕާޓީ (ޕީޓީއައި) އަށް ގެއްލިފަ އެވެ. އަޣުލަބިއްޔަތު ގެއްލުނީ އިމްރާން ޚާންއާ ދެކޮޅަށް ވޯޓު ދޭނެ ކަމަށް ޕާލަމެންޓުގައި ހަތް މެންބަރުން ހިމެނޭ ކޯލިޝަން ޕާޓްނަރަކު ބުނުމުންނެވެ. ޕީޓީއައިގެ ވަރަށް ގިނަ މެންބަރުން ވެސް ވަނީ ފްލޯ ހުރަސް ކުރާނެ ކަމަށް ބުނެފަ އެވެ.

ޕާކިސްތާނަށް 1992 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕް ހޯދައިދިން ކެޕްޓަން ވިދާޅުވީ ރަޝިޔާ އާއި ޗައިނާއާ ގުޅޭ ގޮތުން ހުޅަނގުން ބޭނުންވާ ގޮތަށް އޭނާ ކަންތައް ނުކުރާތީ "ބޭރުގެ ނުފޫޒުން" އޭނާ މަގާމުން ދުރުކުރަން މަސައްކަތް ކުރާ ކަމަށެވެ. އަދި ޕާކިސްތާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ ވަންނަމުންދާ ކަމަށް މިދިޔަ ހަފުތާގައި އޭނާ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ޕާކިސްތާނުގައި އަދި މިހާތަނަށް އެއްވެސް މީހަކަށް ބޮޑުވަޒީރުކަމުގެ ދައުރު ފުރިހަމަ ކުރެވިފައެއް ނުވެ އެވެ. މިއީ 2018 ވަނަ އަހަރު ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި އިމްރާން ޚާން އަށް ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު ގޮންޖެހުމެވެ. އިދިކޮޅު ފަރާތްތަކުން އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކުރަން އުޅުނީ އިގްތިސާދު މެނޭޖް ނުކުރުމާއި ހަރުދަނާ ޚާރިޖީ ސިޔާސަތެއް ނެތް ކަމަށް ބުނެ އެވެ.