ސަންގުމަރުމަރު
ސަންގުމަރުމަރު

އެތަނުގެ ބޭރުގައި ލިޔެފައި އޮތީ 'ރަންކޮކާގޭ ރަން ސިނަމާ' އެވެ. ދޮރު ހުޅުވާލާފައި ނީޒާ އެތެރެއަށް ވަދެގަތެވެ. ބައިސްކޯފުގެ ރިހި އިސްކިރީނުގައި ޕްލޭވަމުން ދިޔައީ ފިލްމު "ސިލްސިލާ" އެވެ. ފިނިކޮށްލާފައި އޮތް މާހައުލު ފުރާލާފައި އޮތި ހުސްގޮނޑިތަކުންނެވެ. ރަންކޮކާގޭ ރަން ސިނަމާއެއްގެ އެއްވެސް ސިފައެއް މިތަނުގައި ނުވެއެވެ. ނަމަވެސް އެތެރެއަށް ވަދެ ކުރިއަށް ހިނގަމުން ދިޔަ ވަރަކަށް ނީޒާގެ ހަނދާނުގައި ކުލަވަމުން ދިޔައީ ކުޑައިރުގެ ހަފުތާބަންދާއި ބޮލީވުޑް ފިލްމުގެ މަޖަލާއި ފޯރިއެވެ.

ކުއްލިއަކަށް ރިހިއިސްކިރީނުގެ ހިނގުން ހުއްޓި، ހަނދެއް ފަދަ ނަލަ ރޭކާގެ މޫނު ކްލޯޒްއަޕެއްގައި ހުއްޓިއްޖެއެވެ. ސިނަމާގެ ރަން ގޮނޑިތައް ކުއްލިއަކަށް ދިއްލިއްޖެއެވެ. އެއާއެކު މީހަކު ތެދުވެ ނީޒާ އަށް ގޮވާލުމުން ނީޒާ ވެސް ހުއްޓުން އަރައިފިއެވެ. އެއަޑެއް އައީ ފަހަތުންނެވެ. އެނބުރި ބަލައިލިއިރު ސިނަމާގެ މެދަކާ ހިސާބަކުން ފެންނަން ހުރި ގޮނޑިއެއްގައި އިށީނދެލައިގެން އިނީ ދެބައިއުމުރުން މައްޗަށް ގޮސްފައިވާ އަންހެނެކެވެ. އޭނާ އެންމެ ވައްތަރީ ނީޒާގެ މަންމަ ޒުލްފާއާ އެވެ. އެކަމަކު ނީޒާ އަށް އެކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟

ފަސްއެނބުރި މި އަންހެން މީހާއާ ދިމާލަށް ބަލަހައްޓައިގެން ހުރެފައި ނީޒާ މަޑުމަޑުން، ގޮނޑިތަކުގެ ދޭތެރެއިން ގޮސް އެތަނުން ގޮނޑިއެއްގައި ޖައްސާލިއެވެ. އެއާއެކު ހީވީ ސިނަމާ އެކުގައި ރޫޅި ބޮލަށް ވެއްޓިގެން އައިހެންނެވެ. ވެއްޓިގެން އައި ސީލިންގުގެ ބައިތަކުން ސަލާމަތްވުމަށް ނީޒާ އަށް ތެޅިގަނެވުނެވެ. ލޯ މަރާލެވުނެވެ.

އެ ދެ ލޯ އަލުން ހުޅުވަން ކެރުނީ އިރުކޮޅެއް ފަހުންނެވެ. އެއްވެސް އަނިޔާއެއް، ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން ކަށަވަރުވުމުންނެވެ. މަޑުމަޑުން ނީޒާ އޭނާގެ ދެ ލޯ ހުޅުވާލިއެވެ.

މިހާރު މިއީ ރަންކޮކާގޭ ރަން ސިނަމާއެއް ނޫނެވެ. ރިހިއިސްކިރީނެއް ނެތެވެ. ގޮނޑިތަކެއް ނެތެވެ. އެކަމަކު ސަންގުމަރުމަރުގެ ހިލަ ބެންޗަކާއި ވިލިނގިލީގެ ބީޗުގައި ހަދާފައިވާ ހަޓެކެވެ. ނީޒާ އަހަރެންގެ ބުރަކަށީގައި އިށީނދެލައިގެން އިންއިރު އޭނާއާ ޖެހިގެން އަދިވެސް އެއްކަލަ އަންހެން މީހާ އިނެވެ. އޭނާ އިނީ އުދަރެހާ ދިމާލަށް ބަލަހައްޓައިގެންނެވެ.

ނީޒާ އަށް ހުރެވުނީ މި ވާހަކައިގެ ކިޔުންތެރިއެއްހެން ހަމަ ރަނގަޅަށް ވެސް ވާނުވާ ނޭނގިފައެވެ.

"ނީޒާ އަށް ޔަގީންތަ އެއީ އުދަރެސްކަން؟،" ދެބައިއުމުރުގެ އަންހެން މީހާ ނީޒާއާ ދިމާލަށް އެނބުރި ބަލައި ހީލިއެވެ.

"އަހަންނަކަށް ޔަގީނެއް ނުން މިހާރު އެއްވެސް ކަމެއް؟،" ނީޒާ އަހަރެން ދޫކޮށްލައި އިންތަނުން ތެދުވެ ކުރިއަށް ޖެހުނެވެ.

ދުވާލުގެ ހިތްގައިމު މި ނަލަނަލަ މަންޒަރުގައި އޮޅިފައި އޮންނަންވީ ކޮން ކަމެއް ހެއްޔެވެ؟

"ކާކު މިހާރު ތިއީ؟ ވެގެން މި އުޅޭ ގޮތެއް ދެން މަށަށް ކޮންމެވެސް މީހަކު ކިޔައިދޭންވެއްޖެއެއްނުން. ދެން ބުނޭ ތިވެސް އަހަރެން ދުއާކޮށްގެން މިތަނަށް ގެނައި މީހެކޭ،" ނީޒާގެ ހިތްހަމަނުޖެހުން ބޭރުކޮށް އުދަރެހާ ދިމާލަށް އޭނާ އެނބުރިގަތެވެ.

"އަހަރެން މިއީ ނީޒާ އެ ޖަމާލްގެ ކިބައިން ސަލާމަތްކޮށްދިން މީހާ. އަހަރެންގެ އެ އަލިބުރު ނީޒާ ޖަހައިނުގަތް ނަމަ ޖަމާލް ފަދައިން ނީޒާ ވެސް ގެއްލި ހަލާކުވެގެންދިޔައީސް،" އަންހެން މީހާ އިނީ ދެން ވެސް އިށީނދެލައިގެންނެވެ.

އޭނާ ވާހަކަ ދައްކަން ފެށުމުން އިތުރު ސުވާލުތައް މޫނުމައްޗަށް ލައިގެން ނީޒާ އޭނާއާ ދިމާލަށް އެނބުރުނެވެ. އެކަމަކު ދެން ވެސް ކިޔާނެ އެއްޗެއް ނުވަތަ ކުރާނެ ސުވާލެއް ނީޒާގެ ދުލަކަށް ނައެވެ. ދޫ ބަންދުވެފައިވާ ކަހަލައެވެ.

"އަހަރެމެން މިތަނުގައި ސުލްހަވެރިކަމާ އެކު ދިރިއުޅެމުންގެންދާތާ އެތައް ސަތޭކަ އަހަރެއް ފާއިތުވެގެން ހިނގައްޖެ. ޖަމާލަކީ އެގޮތަށް އަނދިރިކަމަށް ހެއްލި ގެއްލިގެން ދިޔަ ފުރަތަމަ މީހާ،" ދެބައިއުމުރުގެ އަންހެން މީހާ ކިޔައިދިނެވެ.

"ދެން މިތަނަކީ މިއީ ކޮން ތަނެކޭ؟،" ނީޒާ އަށް ނުހުރެވިގެން ގޮސް އަހާލެވުނެވެ.

"މިއީ ނަފުރާތޫން،" މުސްކުޅި އަންހެން މީހާ ނީޒާގެ މޫނަށް ބަލައި ސީދާ ޖަވާބު އޭނާގެ އަތަށް ދިނެވެ.

"ނަފުރާތޫނަކީ ކޮބާ؟،" ނީޒާގެ ދެ އަތުގައި ބައިވަރު ސުވާލެވެ.

"އެއީ ތޫނު ފުރާނަ. އެންމެ ހެޔޮ، އެންމެ އަލި، އެންމެ ތޫނު ފުރާނަތަކުގެ ދުނިޔެ. ދުނިޔެ ނިމި ހަލާކުވެ ނެތިގެން ދިއުމަށް ފަހު ދެ ބަޔަކަށް ބަހާލެވުނު މީހުންގެ ތެރޭގައި ތިބި އެންމެ ރަނގަޅު މީހުންގެ ވެށި. މިއީ އަހަރެމެންގެ ވެށި،" ދެބައިއުމުރުގެ އަންހެން މީހާގެ ވާހަކަތަކުން ނީޒާ ބަސް ހުއްޓުވާލިއެވެ.

ކިޔާނެ އެއްޗެއް ބޮލަށާއި ހިތަށާއި ދުލަކަށް ނައެވެ. ބޭއިހުތިޔާރުގައި މަޑުމަޑުންގޮސް ނީޒާ އަންހެން މީހާގެ ގާތުގައި އަނެއްކާވެސް އިށީނެވެ.

"އަދި އަހަރެން މިއީ ދަރިފުޅުގެ މަންމަ،" އަންހެން މީހާގެ އަތް ގެންގޮސް މަޑުމަޑުން ނީޒާގެ އަތްމަތީގައި ބޭއްވިއެވެ.

ނީޒާގެ ދެ ލޯ ވަނީ ފެންކަޅިވެފައެވެ. ޒުލްފާ މަޑުމަޑުން ނީޒާގެ ގައިގައި ބައްދާލިއެވެ. މިފަހަރު ނީޒާ އެއްވެސް ކަމަކާ ދެކޮޅެއް ނަހަދައެވެ. ފަހަރެއްގައި މަޔަކާއި ދަރިއެއްގެ ދެމެދުގައިވީ ގުޅުމުގެ ބާރުގައި އެންމެފަހުން ގުޅިލާމެހުނީއެވެ.

"އެކަމަކު އަހަރެން ހަނދާނުގައި ތިއިން އެއްވެސް ކަމެއް ނެތީ ކީއްވެގެން ހެއްޔެވެ؟،" ނީޒާގެ ހިތަށް އެރީ މިހެންނެވެ.

"އަހަރެންގެ ހަނދާނުގައި މަންމައެއް ނެތީ ކީއްވެގެން ހެއްޔެވެ؟"

"މިތަނުގައި އޮތް އަމާންކަން ނަގާލައި ހަމަނުޖެހުން އުފައްދަން ނުބައި ފުރާނަތައް މަސައްކަތްކުރާތާ ވަރަށް ދުވަސްވެއްޖެ. މި ދަރުބާރާއި މި ސަންގުމަރުމަރު ހިލައިގެ ހިމާޔަތުގައި މިތަން މިގޮތުގައި އޮތަ ނުދޭން ނުބައި ފުރާނަތައް މަސައްކަތްކުރާތާ ވަރަށް ދުވަސްވެއްޖެ،" ޒުލްފާ ފެށީ އަނެއްކާވެސް އެހެން ދިމާލަކުންނެވެ.

"ޖަމާލް އަކީ ނުބައި ފުރާނައެއް. ދަރިފުޅުގެ ބޮލަށް އޭނަ ވިހަލަމުންގެންދާތާ މިހާރު އެތައް އަހަރެއްވެއްޖެ."

"އެކަމަކު އަހަރެން ހީކުރީ ޖަމާލްއާ ބައްދަލުވިތާ އަދި މިވީ މަހެއް ކަމަށް،" ވާނުވާނޭނގި ހައިރާންވެފައި ނީޒާ ބުނެލިއެވެ.

"އެއީ އޭނަ ދަރިފުޅަށް ވިސްނައިދޭ ގޮތް. އެމީހުންގެ ބޭނުމަކީ އަސްލާއި ހަގީގަތް އޮޅުވާލުން. އެމީހުންގެ ބޭނުމަކީ މި ދުނިޔެ އަށް ވެރިވެގަތުން،" ޒުލްފާ ކިޔައިދިނެވެ.

"އެހެންވީމަ ކޮބައިތަ އަހަރެންނަށް އަސްލު ވީގޮތަކީ؟ ކީއްވެތަ ޖަމާލް އެކަހަލަ ނުބައި ރޭވުންތަކެއް ރާވަންވީ؟،" ނީޒާ ސުވާލުކުރިއެވެ.

ނީޒާގެ ފެންކަޅިވެފައިވެފައިވީ ދެ ލޯ ކުލުނާއި ލޯބިން ފޮހެލަ ދިނުމަށް ފަހު ޒުލްފާ އޭނާ އިންތަނުން ތެދުވިއްޖެއެވެ. އެއާއެކު ސަންގުމަރުމަރުގެ މި ދަރުބާރު ކުދިކުދިވެ ވިއްސިވިހާލިވެ ރޫޅި ވަށައިގެން އެނބުރިގަތެވެ. ދެން ކުއްލިއަކަށް އަނެއްކާވެސް ނީޒާ އަށް އިނދެވުނީ ރަންކޮކާގޭ ރަން ސިނަމާގެ ރަން ގޮނޑިއެއްގައެވެ. ޖެހިގެން ހުރި ގޮނޑީގައި އިނީ ޒުލްފާ އެވެ.

ޒުލްފާ ފުއްޓައްކެއް ކަނޑާލުމާ އެކު ބައިސްކޯފުގެ ރިހި އިސްކިރީނުގައި މަންޒަރުތައް ދިރިގަތެވެ. ނީޒާގެ ކުޑައިރުގެ ހަޔާތުގެ މަންޒަރުތަކެވެ. އައްޔަގެ ޝޯތަކަށް ގޮސް ޖެހި ސަކަރާތާއި ނެގި ހުރިހާ ފޯރިއެކެވެ. މަންމަ އާއި ބައްޕަގެ ކަޅާއި ހުދާއި ކުލައިންވީ މަންޒަރުތަކެވެ. އެއަށް ފަހު ސާމިރުގެ ދިރޭ ތަސްވީރެވެ.

"މިއީ ކާކު؟،" ނީޒާ އަށް ކުއްލިއަކަށް އަހާލެވުނެވެ.

"ތިއީ ސާމިރު،" ޒުލްފާ އެ މަންޒަރު ހުއްޓުވާލިއެވެ.

"ސާމިރު އަކީ ކާކު؟،" ނީޒާ އެނބުރުނީ ޒުލްފާއާ ދިމާލަށެވެ.

"ސާމިރު އަކީ ދަރިފުޅުގެ ހަޔާތަށް އައި ވަރަށް މުހިންމު މީހެއް ދަރިފުޅާ. މަންމަ ބޭނުންވަނީ މި ހުރިހާ ހަނދާންތަކެއްގެ ތެރެއަށް ދަރިފުޅު އަމިއްލަ އަށް ވަދެގެންދާތަން އަލުން ބަލަން،" ޒުލްފާ އަނެއްކާވެސް މަންޒަރު ޕްލޭކޮށްލިއެވެ.

ރިހި އިސްކިރީނުގައި ދިރިގެން ދެން އެނބުރި ބަލައިލީ ޖަމާލްގެ މަންޒަރެކެވެ.

"ޖަމާލް"

ބޭއިހުތިޔާރުގައި ނީޒާ އަށް ބުނެލެވުނެވެ.

"ޖަމާލަކީ ވެސް ދަރިފުޅުގެ ހަޔާތަށް އައި ވަރަށް މުހިންމު މީހެއް. ބައެއް ފަހަރަށް އަހަރެމެންގެ ދިރިއުޅުން ބަދަލުވުމަށް ބޭނުންވަނީ އެ ހާއްސަ މީހާއާ ބައްދަލުވުން. އަދި އަނެއް ބައި ފަހަރަށް އެ ދިރިއުޅުން ވިއްސިވިހާލިވެގެން ދަނީ ވެސް ހަމަ އެ ބުނާ ހާއްސަ މީހަކާ ބައްދަލުވާ ހިސާބުން،"

މަންމަގެ އެ ވާހަކައިން ޒުލްފާގެ ބޮލުގައި އުފެއްދީ އަނެއްކާވެސް ސުވާލުތަކެކެވެ.

"އަހަރެން މި ހާލާތަށް ވައްޓާލި މީހަކީ ޖަމާލު ހެއްޔެވެ؟"

ނީޒާ އޭނާގެ މަންމައާ ދިމާލަށް އެނބުރުމާއެކު އޭނާގެ މަންމަ އާއި ސިނަމާގެ މާހައުލު އެކުގައި ވިއްސިވިހާލިވެ ކުދިކުދި އެތިކޮޅުތަކަށް ބަދަލުވެ އަނެއްކާވެސް އެނބުރިގަތެވެ. އަދި ހިފެހެއްޓުމެއް ނެތި ނީޒާ ތިރިއަށް ވެއްޓިގަތެވެ.

ބިންމަތީގައި ޖެހުނުއިރެއް، ޖެހުނު ގޮތެއް އަދި ޖެހުނު ތަނެއް ވެސް ނޭނގެއެވެ. ހޭލެވުނުއިރު ނީޒާ އޮތީ ކޮޓަރިއެއްގައެވެ. އެނދުމަތީގައި އޭސީގެ ފިނިކަމުގެ ތެރޭގައެވެ. ކޮޓަރި ތެރޭގައި ހުރި އަލަމާރީގެ ލޯގަނޑު ކުރިމަތީގައި ހުއްޓި ހުރެ ރީތިވަމުން ދިޔައީ އިސްކޮޅުން ދިގުކޮށް ނަލަކޮށް ހެދިފައި ހުރި ފިރިހެނެކެވެ. ޖަމާލެވެ.

"ކޮބާ؟ ނިދީގަ އަދިވެސް ހުވަފެން ބަލަނީތަ؟،" ޖަމާލް އައިސް އެނދުކައިރިއަށް ހުއްޓި ލޯގަނޑެއްހެން ނީޒާގެ ކުރިމަތީގައި ހުއްޓިގަތެވެ.

"މިއީ އަދިވެސް ހުވަފެނެއްތަ؟،" ނީޒާ އަހާލިއެވެ.

"ސާބަސް. މިއީ 2022. މިހާރު އެއޮތް ބާރަ ޖަހަނީއޭ،" މިހެން ބުނެފައި އެނބުރިގެން ގޮސް ޖަމާލް ކޮޓަރިން ނުކުމެއްޖެއެވެ.

ފުންމައިގެން ތެދުވެ ނީޒާ ބޭނުންވީ އޭނާ ފަހަތުން ދުއްވައިގަންނާށެވެ. ނަމަވެސް އެ ދެފައިގައި އެ ހިތްވަރެއް އެހިނދަކު ނުޖެހުނެވެ. އެނދުން ތެދުވެ ހިނގައިގަތުމަށް ނީޒާ އަށް އިރުކޮޅެއް ނެގިއެވެ. މަޑުމަޑުން ކުރިއަށް ޖެހެމުން ގޮސް ކޮޓަރީގެ ދޮރު ހުޅުވައި އޭނާ ބޭރު ބަލައިލިއެވެ.

ޖަމާލް މިހާރު އެހެރީ ކުޑަ ކުއްޖަކު ގޮވައިގެންނެވެ. އެ ދެ މީހުން ސިޓިންރޫމުގައި ކުޅެ ސަކަރާތް ޖަހަނީއެވެ.