09 އެޕްރީލް 2022 - 06:10

އޭނާގެ އުމުރުން މިހާރު 86 އަހަރު ވެފައިވާއިރު ބަލި ހާލަތު ހުރި ގޮތުން އެއީ ކުރަން ފަސޭހަ ކަންކަމެއް ނޫނެވެ. ނަމަވެސް ގއ. މާމެންދޫ ހަލީމާ އިބްރާހިމްގެ އޮތް މައިވަންތަކަމުގެ ލޯބި ކޮންމެ ދުވަހަކު އެ ދެނީ އުމުރުން 3-4 އަހަރުން ފެށިގެން ނުހިނގި، އެނދުގައި އޮންނަން ޖެހިފައިވާ، މިހާރު އުމުރުން 49 އަހަރުގެ އަންހެން ދަރިފުޅަށެވެ.

ހަލީމާގެ ހަގު ދަރިފުޅު ޒާހިދާ އަށް ނުހިނގި އެނދުގައި އޮންނަތާ 46 އަހަރު ވެއްޖެ އެވެ. އެކަމަކު، މިއަދު ވެސް ޒާހިދާގެ ހުރިހާ ކަމެއް ބަލަހައްޓަނީ މިހާރު މުސްކުޅިވެ އުމުރުން 80 އިން މައްޗަށް ގޮސްފައިވާ އެ މަންމަ އެވެ. ކޮންމެ ދުވަހަކު ތިން އިރަށް ފެންވަރުވައި ރީތިކޮށް، ނެޕީ ޖަހަން ޖެހެ އެވެ. ކޮންމެ އިރަކު ވެސް ކާންދެނީ ހަލީމާގެ އަމިއްލަ އަތުންނެވެ.

އެ ދަރިފުޅަކީ އަމިއްލަ އަތުން އެއްވެސް ކަމެއް ނުކުރެވޭ އަދި އޮތްތަނުން އަމިއްލަ ބާރުގައި ހިއްލައި ވެސް ލެވޭ ކުއްޖެއް ނޫނެވެ. އެހެންވެ، މަންމައަކީ ކިތަންމެ މުސްކުޅި މީހަކަށް ވިޔަސް އެ މަންމަ އާއި ގޭގައި މި ވަގުތު ހުންނަ ދައްތަ ޒުނައިރާ ކޮށްދިން ކަމެއް ނޫނިއްޔާ ނުކޮށްދެވެ އެވެ. ފެންވަރުވާއިރުގައި ވެސް ކޮއްޅަކަށް ނުހުރެވެ އެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިއަށް ޖެހިލާއިރު، ޒާހިދާ އުރާލައިގެން ކަހަލަ ގޮތަކަށް ފާހާނާ އަށް އުފުލައި ހެދީ މަންމަ ހަލީމާ އެކަންޏެވެ. އެހެން އެއްވެސް މީހަކަށް އެކަމެއް ނުޖައްސަ އެވެ. ޒާހިދާއަކީ އެވްރެޖް އިސްކޮޅެއް ހުރި އަދި ބޮޑު މީހަކަށް ވުމުން ހަލީމާ އެކަނި މިއަދު އުރާލައިގެނެއް ނުގެންދެވޭނެ އެވެ. ހަލީމާ އަށް ކިރިޔާ ވެސް އެކަން ކުރާ ނަމަ ކުރާނީ އަދިވެސް އަމިއްލަ އަތުންނެވެ.

"މަންމަ ވެސް ކުރީގެ ގޮތެއް ނޫން މިހާރު. މަންމަ އަށް އެކަނި މިހާރަކު ޒާހިދާ ނުނެގޭ. އެހެންވެ އަހަންނާއި މަންމައާ ދެ މީހުން ވެގެން ޒާހިދާ ފާހާނާ އަށް ގެންދާތާ ދެ އަހަރު ވަރު ވެއްޖެ. މިހާރު ވެސް ޒާހިދާ ފެންވަރުވާނީ މަންމަ އަމިއްލަ އަށް. ކާން ދިނުން ވެސް އެހެން މީހަކަށް ދޫކޮށެއް ނުލާނެ،" ހަލީމާ އަށް ގޭތެރޭގައި އެހީތެރިވެ އުޅޭ އަށް ވަނަ ދަރިފުޅު ޒުނައިރާ ބުންޏެވެ.
އެހާ ޅަ އުމުރުގައި ޒާހިދާ އަށް ނުހިނގެން ފެށި ސަބަބެއް އަދިވެސް ނޭނގެ އެވެ. ކުއްލިއަކަށް ބޮލަށް އެރި ތަދަކާ އެކު ކަނާތު ފަޅީގެ ބާރު އެއްކޮށް ދިޔައީ އެވެ. ކަނާތު ފަޅީގައި އެއްވެސް ހަރަކާތެއް ނުހުރެ އެވެ. ކަނާތުގެ އިނގިލިތައް ވެސް ހުޅުވެނީ ގަދަކަމުންނެވެ. އައްޑޫގައި އިނގިރޭސިން ތިބި ދުވަސްވަރު ދިމާވި ކަމަކަށް ވާތީ، ޒާހިދާ އެ ދުވަސްވަރު އައްޑު އަށް ގެންގޮސް މޮޅެތި ޑޮކްޓަރުންނަށް ދެއްކި އެވެ. ފަހުން މާލެ ގޮސް އެހެން ޑޮކްޓަރުންނަށް ވެސް ދެއްކި އެވެ. ދަރިފުޅަށް ހިނގޭތޯ ބަލަން ހަލީމާ އަށް އަމިއްލަ އަށް ވެސް ކުރެވެން ހުރި ހުރިހާ ކަމެއް ކުރި އެވެ. އެކަމަކު ނަސީބެއް އަތަކު ނުހިފި އެވެ.
"އެންމެން ވެސް ބުނަނީ ރަނގަޅެއް ނުކުރެވޭނެއޭ. ބައްޔެއް ނުފެނެއޭ. އެ ހިސާބުން ދެން އަޅުގަނޑުމެން ދެން މިކަން ހުއްޓާލައިފިން،" ހަލީމާ ބުންޏެވެ.
"ޒާހިދާގެ އުމުރުން 3-4 އަހަރާ ހަމައަށް ތަންތަނުގައި ހިފައިގެން ތެދުވެ، ހިނގަން އުޅޭނެ. ޖޯލީގައި ހިފައިގެން ހިނގައިގަންނަން އުޅޭނެ އޭރު. އެކަމަކު ކުއްލި ގޮތަކަށް އެ ގޮތަށް އުޅުން ވެސް ހުއްޓުނީ."
ޒާހިދާ އަށް އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭތީ އަބަދު އޮންނަނީ ގޭގެ ފެންޑާގައި ހުންނަ އުނދޯއްޔެއްގައި ބާއްވައިފަ އެވެ. މުޅި ދުވަހު އެހެން އޮންނަ ޖެހޭތީ ހަށިގަނޑުގެ އެކި ތަންތަން ފާރުވެ، ދޭތެރެދޭރެއިން ފޮޅު ނަގަ އެވެ.
"އެއީ އަމިއްލަ އަށް ތާހިރު ނުވެވޭ ކުއްޖެއް. އެ ކުއްޖާ އެއްލައެއް ނުލެވޭނެ އަޅުގަނޑަކަށް. ދައްތަ ދުނިޔޭގައި ހުރިހާ ދުވަހަކު ޒާހިދާގެ ހުރިހާ ކަމެއް ބަލަހައްޓާނަން. އެހެން މީހަކަށް އެ ކަން ޖައްސާކަށް ބޭނުމެއް ނޫން،" ހަލީމާ ބުންޏެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި އެ ދަރިފުޅުގެ ކަންކަން އެހެން މީހަކާ ހަވާލު ކޮށްފި ނަމަ މަންމަގެ ލޯބިން މަހުރޫމް ވާނެ އެވެ. މަންމަ ދޭ އަޅާލުމާއި އެހީތެރިކަން އެ މީހަކަށް ނުދެވޭނެ އެވެ. އެހެންވެ، ޒާހިދާގެ އެއްވެސް ކަމެއް އެހެން މީހަކަށް ދޫކޮށްލާކަށް މަންމަގެ ހިތެއް ނުރުހެ އެވެ.
"އަމިއްލަ އަށް [ޒާހިދާގެ] ކަންކަން ކުރިއްޔާ މާ ފަސޭހަވާނެ،" ހަލީމާ ބުންޏެވެ.
ހަލީމާގެ ނިދާ އެނދު ވެސް ބަހައްޓާފައި ހުންނަނީ ދަރިފުޅު ބާއްވާފައި އޮންނަ އުނދޯލި ކައިރީގަ އެވެ. ކަމެއް ދިމާާވުމުން މަންމަ އަށް ގޮވާލާއިރަށް އަޑު އިވޭ ހިސާބުގަ އެވެ. އޭނާގެ ދިރިއުޅުމުގެ ހުރިހާ ވަގުތެއް ހުސްކުރަނީ ދަރިފުޅަށް ލޯބި ދީ، އޭނާ އަށް ހިދުމަތް ކުރުމުގަ އެވެ.
އަހަރެމެންނާ ހަލީމާއާ ވާހަކަ ދައްކަމުން ދިޔައިރު ފެންނަމުންދިޔަ އެންމެ ހިތްދަތި އެއް މަންޒަރަކީ ކައިރީގައި އޮތް އެ ދަރިފުޅަށް ކުރަމުންދިޔަ ފުން އަސަރުތަކެވެ. މަންމަގެ ވާހަކަތައް އަޑުއަހާފައި ގިސްގިސްލާފައި ދޭތެރެދޭތެރެއިން ރޯން ފަށަ އެވެ. އެ ހުރިހާ އެއްޗެއް އަޑުއަހާފައި ބަޑިފަޅައިގެން ދެ އެވެ. އަމިއްލަ ހާލަތު ހިތަށް އަރައިފަ އެވެ. ޒާހިދާ ދެކެ މަންމަ ވާ ލޯބި އަމިއްލަ ދުލުން ބަޔަކަށް ކިޔައިދޭތީ އެވެ.
މަންމައަށްޓަކައި ޒާހިދާ ބުނެލަން އޮތީ "ޝުކުރިއްޔާ" އެވެ. އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭއިރު، މަންމަ ދުނިޔޭގައި ނެތް ނަމަ އެ ލޯބި ދޭނެ އެހެން މީހަކު ނުހުންނާނެކަން ޒާހިދާ އަށް އިހުސާސްވާ ކަހަލަ އެވެ. އުމުރުން އެއް އަހަރުގައި ބައްޕަ ނިޔާވެއްޖެ އެވެ. ބައްޕަގެ އެއްވެސް ހަނދާނެއް ނެތެވެ.
ހަލީމާ ބުނާގޮތުން ކިތަންމެ ހާލެއްގައި އުޅެން ޖެހުނަސް މިހާތަނަށް ދުވަހަކު ވެސް ދަރިފުޅުގެ ޝަކުވާއެއް ނުކުރެ އެވެ. މީހަކު ގޮވައި، ވާހަކަ ދައްކާއިރަށް ރޯން ފަށާ ކަމަށް މަންމަ ބުންޏެވެ.
"ހިތަށް އެއްޗެހި އަރަނީ އެ،" މަންމަ ބުންޏެވެ.
އަހަރެމެންގެ އިންޓަވިއުގެ ތެރެއިން ވެސް ވާހަކަ ޒާހިދާއާ ވާހަކަ ދައްކަން ފެށުމުން ފެށީ ރޯށެވެ. ރޯވަރުން ގިނަ ސުވާލުތަކަށް ޖަވާބެއް ނުދެވެ އެވެ.
"ފެންވަރުވައި ރީތިކޮށް، ހުރިހާ ކަމެއް ކޮށްދެނީ މަންމަ. ބުނެލަން ބޭނުންވަނީ ޝުކުރިއްޔާއޭ،" ޒާހިދާ ބުންޏެވެ.
އަބަދު އުނދޯލީގައި އެހެން އޮންނާތީ އޭނާ އަށް މި ވަގުތު އެންމެ ބޮޑަށް ބޭނުންވަނީ އެނދަކާއި ގޮދަޑިއެކެވެ. "މިހާރު" ގެ ނޫސްވެރިން އެ ސުވާލު ކުރުމުން ވެސް ޒާހިދާ އަށް އަމިއްލަ އަށް ދިން ޖަވާބުގައި ވެސް ބުނީ ބޭނުންވަނީ އެނދަކާއި ގޮދަޑިއެއް ކަމަށެވެ.
ދަރިފުޅުގެ ހުރިހާ ކަމެއް ހަލީމާ ކުރަމުން އަންނައިރު އެހެން ބައެއްގެ އެހީތެރިކަމެއް ނުލިބެ އެވެ. ދަރިފުޅަކީ ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ވާތީ ސަރުކާރުން ކޮންމެ މަހަކު 2،000ރ. ދެ އެވެ. އެކަމަކު، ދަރިފުޅުގެ ނެޕީ ހަރަދަށް އެކަނިވެސް މަހަކު 2،500ރ. ހަރަދުވެ އެވެ. ނަމަވެސް ހަލީމާގެ ޝަކުވާއެއް ނެތެވެ. އޭނާގެ މައިވަންތަކަމުގެ ލޯބި އެ ދަރިފުޅަށް ލިބޭނެކަމުގެ ޔަގީންކަން އޮވެ އެވެ.
ހަލީމާ އަށް ކިރިޔާ ވެސް ކޮއްޅަށް ހުރެވޭ ނަމަ އެ ލޯބި ޔަގީނުން ވެސް އުނިނުވާނެކަން އުމުރުން 86 އަހަރުގައި ވެސް އެ ދަނީ ދައްކަމުންނެވެ. މިއަށް ކިޔާނީ މައިވަންތަކަމުގެ ލޯތްބެވެ.
ނޯޓް: ޒާހިދާ އަށް އެހީތެރިކަމެއް ދޭން ބޭނުންވާ ބަޔަކު ނަމަ 7995935 (ޒުނައިރާ، ޒާހިދާގެ ދައްތަ) އަށް ގުޅުމުން އެކަން ހަމަޖެހޭނެ އެވެ.