"އެއް ވަނައިގައި އޮތުމުގެ ޕްރެޝަރާ ކުރިމަތިލެވޭނެ"
"އެއް ވަނައިގައި އޮތުމުގެ ޕްރެޝަރާ ކުރިމަތިލެވޭނެ"

ލަންޑަން (ޑިސެމްބަރު 23) – ތާވަލުގެ އެއް ވަނައިގައި އޮތުމުގެ ޕްރެޝަރާ ޗެލްސީގެ ކުޅުންތެރިންނަށް ކުރިމަތިލެވޭނެ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ޖެހިޖެހިގެން 11 މެޗުން ހޯދި މޮޅާ އެކު ޗެލްސީ ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ.

"އެއް ވަނައިގައި އޮތުމަކީ ހިތްހަމަޖެހުމެއް. އަހަރެން ގަބޫލެއް ނުކުރަން، އެއް ވަނައިގައި އޮތުމުން މާބޮޑަށް ޕްރެޝަރު ކުރިމަތިވާނެ ކަމަށާއި މިވަގުތު ރަނގަޅީ ފަހަތަށް ޖެހުން ކަމަށް ބުނެ މީހުން ދައްކާ ވާހަކަތައް. އަހަރެން ބޭނުންވަނީ އެއް ވަނައިގައި އޮވެ އެ ޕްރެޝަރާ ކުރިމަތިލާން،" ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ މިއީ ޗެލްސީގެ ބުރަ މަސައްކަތުން ހޯދި މަގާމެއް ކަމަށާއި މަގާމުގައި ދެމި އޮތުމަކީ ވަރަށް މުހިއްމު އެކަމަކު ފަސޭހަ ކަމެއް ނޫން ކަމަށެވެ.

"ސީޒަން ފެށުނުއިރު އެއްވެސް މީހަކު ނުބުނާނެ ޗެލްސީ މި މަގާމުގައި އޮންނާނެއޭ. މިއީ އަހަރެމްނެ ވަރަށް ބުރަ މަސައްކަތުން އައި ހިސާބެއް. އަހަރެމެންނަށް މި މި މަގާމުގެ ޕްރެޝަރާ ވެސް ކުރިމަތިލެވޭނެ،" ކޮންޓޭ ބުންޏެވެ.

ސީޒަނުގެ އެންމެ ބުރަ ދުވަސްތަކާ ކުރިމަތިލާން ތައްޔާރުވަމުން އަންނައިރު ކޮންޓޭ ބުނީ އޭނާ ބޭނުންވަނީ ކުޅުންތެރިން ވެސް އޭނާ ވެސް މި ވަގުތު ޓޭބަލަށް ނުބެލުން ކަމަށެވެ. މި ވަގުތު މެޗުތަކުން މޮޅުވެ ޕޮއިންޓް ހޯދަންވީ ކަމަށާއި ތާވަލުގައި އޮތް ހިސާބެއް ވިސްނަންވާނީ ސީޒަން ނިމުމުން ކަމަށް ކޮންޓޭ ބުންޏެވެ.

ޗެލްސީ ދެން ކުޅެން ޖެހޭނީ ހޯމަ ދުވަހު ބޯންމައުތާ ދެކޮޅަށެވެ.