07 އެޕްރީލް 2022 - 16:04

ލ. ފޮނަދޫގައި އޯޕަން އެކްސަސް ފައިބަ ނެޓްވޯކް އެޅުމުގެ ހުއްދައަށް އެދުމުން އެ ހުއްދަ ނުދިނުމުން އެ ރަށު ކައުންސިލާ ދެކޮޅަށް އެލްޖީއޭއަށް މައްސަލަ ހުށަހަޅައިފި އެވެ.
އެ މައްސަލަ ހުށަހެޅީ ރާއްޖޭގެ ބައެއް ރަށްތަކުގައި ފައިބަ ނެޓްވޯކް ގާއިމްކޮށް ހިދުމަތް ދެމުންދާ އަމިއްލަ ކުއްފުންޏެއް ކަމަށްވާ ފަންބޮނޑި މޯލްޑިވްސް އިންނެވެ. އެ ކުންފުނިން މައްސަލަ ހުށަހެޅީ ވިޔަފާރި ކުރުމުގެ ތަފާތުކުރާ ކުރާ ކަމަށް ބުނެ އެވެ.
ފަންބޮނޑި އިން ހުއްދައަށް އެދުމުން އެ ހުއްދަ ނުދޭން ފޮނަދޫ ކައުންސިލުން ނިންމީ އެ ރަށުގައި ފައިބަ ނެޓްވޯކުގެ ހިދުމަތް ދޭން ރައްޔިތުންގެ މަސްލަހަތު ހިމެނޭ ތިން ކުންފުންޏަކަށް ހުއްދަ ދީފައިވާތީ އެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް އެ ކައުންސިލުން ނުބުނެ އެވެ
ކައުންސިލުން ފޮނުވި ސިޓީއަށް ރައްދު ދީ ފަންބޮނޑި އިން ބުނީ ފޮނަދޫގައި ފައިބަ ނެޓްވޯކުގެ ހިދުމަތް ދެމުން އަންނަނީ ދިރާގުން އެކަނި ކަމަށެވެ. އިތުރު އެއްވެސް ނެޓްވޯކެއް މިހާތަނަށް އެ ރަށުގައި ގާއިމް ކޮށްފައި ނުވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ފަންބޮނޑި ކުންފުނިން ބުނީ، އިންޓަނެޓާއި މީޑިޔާގެ ވަސީލަތްތަކަކީ އަސާސީ ހިދުމަތްތައް ކަމަށް ވާއިރު، އެ ހިދުމަތުގެ ސަބަބުން މުޅި މުޖުތަމައަށް އޭގެ ފައިދާ ކުރާނެ ކަމަށެވެ. ރައްޔިތުންނާ ގުޅުން ހުރި އަދި ފޮނަދު އަށް އިންވެސްޓް ކުރުމަށް ކުރާ މަސައްކަތަށް ކައުންސިލުން ހުރަސް އެޅުމަކީ އެ ކުންފުނީގެ ކަންބޮޑުވުމެކެވެ.
ފަންބޮނޑި މޯލްޑިވްސްގެ ޑިރެކްޓަ އޮފް އޮޕަރޭޝަން ފާތިމަތު އާސިޔާ "މިހާރު" އަށް ވިދާޅުވީ ފޮނަދޫ ކައުންސިލުން އެ ކުންފުންޏަށް ހުއްދަ ނުދޭން ނިންމީ ގާނޫނާއި ގަވައިދާ ހިލާފަށް ކަމަށެވެ.
"އަޅުގަނޑަށް ހަމަ އެއްގޮތަކަށް ވެސް ނޭނގެ ކީއްވެ ކަމެއް. ރަށުގެ ކުރިއެރުމާއި ތަރައްގީއާ މުޅި ރައްޔިތުންގެ ފައިދާ އާއި ލާބައާ ގުޅިފައިވާ މިފަދަ އިންފްރާސްޓަކްޗާގެ މަޝްރޫއުތަކަށް ކައުންސިލުން ހުރަސް އަޅަނީ ކީއްވެ ކަމެއް،" އާސިޔާ ވިދާޅުވި އެވެ.
ފަންބޮނޑިން ފޮނަދޫގައި ގާއިމް ކުރުމަށް ހުށަހެޅި ނެޓްވޯކުގެ އަގު ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާ އަށް އަރަ އެވެ. އެއީ އެ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. ރާއްޖޭގައި ފައިބަ އޯޕަން އެކްސަސް ނެޓްވޯކެއް އެންމެ ފުރަތަމަ ގާއިމްކުރީ ވެސް އެ ކުންފުނިންނެވެ. ވިލުފުށީގައި ގާއިމް ކޮށްފައިވާ އެ ނެޓްވޯކްގައި އުރީދު އާއި ދިރާގުން ވެސް ހިދުމަތް ފޯރުކޮށްދެ އެވެ.
މިހާރު ވެސް ފަންބޮޑި ކުންފުނިން އަންނަނީ އިތުރު ހަތް ރަށުގައި ފައިބަ ނެޓްވޯކްތަކެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ފައިބަ އޯޕަން އެކްސަސް ނެޓްވޯކަކީ ޒަމާނީ ޓެކްނޮލޮޖީ އަށް ވާސިލްވުމަށް ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ބޭނުން ކުރާ އިންފްރާސްޓަކްޗާ ނިޒާމެެކެވެ. އެއީ އެއް ކަނެކްޝަނަކުން ގިނަ އަދަދެއްގެ ޓެކްނޮލޮޖީ ހިދުމަތްތަކެއް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.