07 އެޕްރީލް 2022 - 22:20

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކުގެ ތިރީގައި މޭޒު ބަހައްޓައިގެން ވިޔަފާރިތައް ހިންގުން މަނާކޮށް، ފިޔަވަޅު އަޅާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ދިން އިންޒާރަށް ބެލުމެއް ނެތި ބައެއް މީހުން ވިޔަފާރި ފުޅާކުރަން ފަށައިފި އެވެ.

މި ރޯދަ މަސް ފެށިއިރު، ޓަވަރުތަކުގެ ބޭރުގައި ވިޔަފާރިކުރަމުން އައީ ހެދިކާގެ އެކި ބާވަތްތައް މޭޒާއި ޕިކަޕުތަކުގައި އަތުރައިގެންނެވެ. އެކަމަކު އެއަށް ވުރެން ފުޅާކޮށް، ފިލައިން ތަންތަން ހަދައިގެން އެކި ބާވަތްތަކުގެ މުދާ ވަނީ ވިއްކަން ފަށައިފަ އެވެ.

އާއްމުކޮށް ބޭނުންވާނެ ހުރިހާ މުދަލެއް އެތަނުގައި ވިއްކަ އެވެ. މިތަންތަން ހަދާފައި ހުރީ ކެފޭތަކުގައި ހުންނަ ސްޓައިލަށް އެތަނުގައި ތިބެގެން މީހުންނަށް ކައިބޮއެ ހެދޭނެ ގޮތަށް މޭޒާއި ގޮނޑި ވެސް ބަހައްޓައިގެންނެވެ.

ކުރިން ހިންގި ހެދިކާ މޭޒުގައި މިހާރު މާރުކޭޓުން ލިބޭ ގޮތަށް ތަރުކާރީ އާއި މޭވާ ވިއްކާ މީހުން ވެސް އެބަތިއްބެވެ. ގޮޅިއަކުން ލިބޭނެ ހުރިހާ ސާމާނެއް ބައެއް ތަންތަނުގައި އަތުރާލާފައި އެބަހުއްޓެވެ.
ބިދޭސީންނާއި ދިވެހިން ވެސް އެ ވިޔަފާރީގައި އުޅޭ މަންޒަރު ފެނެ އެވެ. މިފަހުން ސޯޝަލް މީޑިއާގައި ވަނީ ބިދޭސީން އެތަނުގައި "ގެއެއް" ހަދައިގެން ދިރިއުޅެމުންދާ މައްސަލަ ވެސް ފެންމަތިވެފަ އެވެ. އެއީ ވެސް އެޗްޑީސީން ބުނާ ގޮތުގައި "ފުޑް ސްޓޯލް" އެކެވެ. އެތަނުގެ ތެރޭގައި ކާއެއްޗެއްހި ތައްޔާރުކޮށް، ވިއްކަމުންދާ އިރު، ކައިބޮއެ ނިދާ ހަދަނީ ވެސް ފިލައިން ބަންދުކޮށްފައިވާ އެ ތަންކޮޅުގެ ތެރޭގަ އެވެ.
މިގޮތަށް ވިޔަފާރި ހިންގަމުން އައި އެންމެން ވެސް އެކަން ކުރަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އަންނަ އާދީއްތަދުވަހުގެ ކުރިން ތަންތަން ހުސްކުރަން ވަނީ އަންގައިފަ އެވެ.
އެޗްޑީސީން އެކަން މަނާކުރީ ފްލެޓް ސަރަހައްދުގައި ވަރަށް ގިނަ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަމުން އަންނާތީ، އެތަނުގައި ހުންނަ ކާބޯތަކެތީގައި ހުންނަންޖެހޭ ސާފުތާހިރު ކަމުގެ މިންގަނޑު ވެސް ނުހުންނަ ކަމުގެ ޝަކުވާ ލިބޭތީ އެވެ. އެ ކަހަލަ ވިޔަފާރިކުރެވެނީ ކަމާބެހޭ ފަރާތްތަކުން ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަމުގައި ވިޔަސް އެތަނުގައި އުޅޭ މީހުން އެ ވިޔަފާރި ކުރަނީ ހުއްދަ ވެސް ނުނަގަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން މީހުން ދިރިއުޅެން ފަށާފައިވާ ހިޔާގެ އެކި ޓަވަރުތަކުގެ ބޭރުގައި މިގޮތަށް ވިޔަފާރިކުރަން ޖެހެނީ އެ ސަރަހައްދުގައި ވިޔަފާރި ކުރެވޭނެ ލުއި ގޮތެއް ނެތުމުން ކަމަށް އެ މީހުން ބުނެ އެވެ. ކޮމާޝަލް އޭރިއާގައި މަދު އަދަދަކަށް ފިހާރަތަކެއް ހުޅުވާފައި ހުއްޓަސް އެތަންތަނުގައި ވެސް ތަކެތީގެ އަގު ބޮޑުކަމުގެ ޝަކުވާ ކުރެ އެވެ.
އެ ސަރަހައްދުގައި އުޅޭ މީހުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމުން މި ރޯދަ މަހާ ދިމާކޮށް އެޗްޑީސީން ވަނީ އެތަނުގައި ލޯކަލް މާރުކޭޓް ހިންގަން ހިޔާގެ 19 މީހަކަށް ފުރުސަތު ދީފަ އެވެ. އަންނަ ހަފްތާ ތެރޭގައި މީގެ ތެރެއިން ބައެއް ތަންތަނުން ހިދުމަތް ލިބޭނެ ކަމަށްވެ އެވެ.