ކުރީގެ ހިތްވަރު ނެރެން ޖެހިފައި މިއޮތީ: ކޯޗު
ކުރީގެ ހިތްވަރު ނެރެން ޖެހިފައި މިއޮތީ: ކޯޗު

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން ނޭޕާލް އަތުން ރާއްޖެ ބަލިވި ނަމަވެސް އަދިވެސް ޓާގެޓަށް ވާސިލްވުމުގެ ފުރުސަތު އޮތުމުން މިއީ ހިތްވަރު ގަދަކޮށް ކުރިއަށްދާންވީ ވަގުތު ކަމަށް ގައުމީ ވޮލީ ޓީމުގެ ސްރީލަންކާ ކޯޗު ކުމާރާ ވެންޑަކޫން ބުނެފި އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި ފަހަރު ވެސް ރާއްޖެ މުބާރާތް ފަށަން ޖެހުނީ ބައްޔަކުންނެވެ. މިދިޔަ ފަހަރު ފުރަތަމަ މެޗުން ބަލިވީ ބަންގްލަދޭޝްއާ ވާދަކޮށެވެ. އިއްޔެ ނޭޕާލް އަތުން ބަލިވި މެޗަށް ފަހު ކޯޗު ވެންޑަކޫން ބުނީ މިއީ އެއްގޮތަކަށް ވެސް މާ ބޮޑަށް މާޔޫސްވާންޖެހޭ ވަރުގެ ބައްޔެއް ނޫން ކަމަށެވެ.

"އަހަރެންގެ ކޯޗިން ކެރިއަރުގައި 300 އަށް ވުރެން ގިނަ ބައިނަލްއަގްވާމީ މެޗުތަކުގައި ކޯޗުކޮށްދީފިން. މި ކަހަލަ ދުވަސް އަންނަނާނެ. ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ދަށް ދުވަހެއްގައި ޓީމަށް ނުކުޅެވޭތަން ފެންނާނެ. އަދި އަހަރެމެން އަތުގައި އޮތް ސެޓުތައް އަހަރެމެން އަތުން ގެއްލުނީ. ވަރަށް މޮޅަށް ކުޅުނު އެކަމަކު މިއީ އަހަރެމެންގެ ނަސީބު ރަނގަޅު ދުވަހެއްް ނޫން،" ވެންޑަކޫން ބުންޏެވެ.

"މިދިޔަ އަހަރު ވެސް ފެށީ މި ކަހަލަ ގޮތަކަށް. އެ ފަހަރު ވެސް މި ޓީމު ކުރާ ހިތްވަރު ފެނުނު. ފުރަތަމަ ބަލިވި ނަމަވެސް ދެން ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ފައިނަލުން ޖާގަ ހޯދި. މި ފަހަރު ވެސް މި އޮތީ އެ ހިތްވަރު ނެރެގެން އެކަން ތަކުރާރު ކުރަން ޖެހިފައި."

އިއްޔެގެ މެޗުގެ ފުރަތަމަ ސެޓު ނޭޕާލުން ގެންދިޔައީ ރާއްޖޭން ބޮޑު ލީޑެއްގައި އޮއްވައި ފަހަތުން އަރައި 26-24 އިންނެވެ. ރާއްޖޭން ކުޅުން ރަނގަޅުކޮށް ދެ ވަނަ ސެޓު 15-25 އިން ގެންދިޔައިރު، ނޭޕާލް މޮޅުވީ ދެން ކުޅުނު ދެ ސެޓު 25-19 އަދި 26-24 އިން ގެންގޮސްގެންނެވެ.

"ފުރަތަމަ ސެޓު ފަށައިގެން ވަރަށް މޮޅަށް އަހަރެމެން ކުޅުނު. އެކަމަކު ވަކި ހިސާބަކުން ކުޅުންތެރިންނަަަށް މެޗަށް ދޭން ޖެހޭ ސަމާލުކަން ގެއްލި ހެދުނު ގޯސްތަކުގެ ފައިދާ ނޭޕާލުން ނެގީ،" ކުރިން ލަންކާ ގައުމީ ޓީމަށް ކޯޗުކޮށްދިން ވެންޑަކޫން ބުންޏެވެ.

އިއްޔެގެ މެޗުގައި މުހައްމަދު ޝާއިން (ޝާއިންޓެ) އާއި އަލީ ހުޒާމް ދެއްކި ކުޅުމަށް ކޯޗު ވަނީ ތައުރީފް ކޮށްފަ އެވެ.

މުބާރާތް ކުރިއަށްދާ އުސޫލަށް ބަލާއިރު ފައިނަލަށް ދާނީ ހުރިހާ ޓީމެއް ހުރިހާ ޓީމަކާ ކުޅެގެން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށްދާ ގޮތަށެވެ. ރާއްޖެ ދެން ކުޅޭ މެޗުގައި މާދަމާ ނުކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ.