ކިޔޭވް އިން ރަޝިޔާ ސިފައިން ފައިބައި ނިމިއްޖެ
ކިޔޭވް އިން ރަޝިޔާ ސިފައިން ފައިބައި ނިމިއްޖެ

ޔޫކްރޭންގެ ވެރިރަށް ކިޔޭވްގެ ރަށްބޭރު ސަރަހައްދަށް އަރައި ތިބި ރަޝިޔާ ސިފައިން އެ ސަރަހައްދުން އެއްކޮށް ފައިބައި ނިމިއްޖެ ކަމަށް، އެމެރިކާގެ ދިފާއީ ވުޒާރާ އިން ބުނެފި އެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ބުނި ގޮތުގައި ކިޔޭވް ހިފުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެން، އެ ސަރަހައްދު ދޫކޮށް ރަޝިޔާގެ ހުރިހާ ސިފައިން އެމީހުންގެ އަސްކަރީ ސާމާނުތަކާ އެކުގައި ހިނގައްޖެ އެވެ. އޭގެ އިތުރުން ބެލަރޫސްގެ ސަރަހައްދީ ރޮނގާ ކައިރީގައި އޮންނަ ޗެރްނިހީވްގައި ތިބި ރަޝިޔާ ސިފައިން ވެސް އެ ސަހަރު ދޫކޮށް ހިނގައްޖެ ކަމަށް އެމެރިކާ އިން ބުނެ އެވެ.

ކިޔޭވްގެ ރަށްބޭރުން އިރުމަތީ ފަރާތުގައި ތިބި ރަޝިޔާ ސިފައިން އެނބުރި ދިޔައީ ޔޫކްރޭންގެ އިރުމަތީ ފަރާތަށާއި ރަޝިޔާގެ ތެރެއަށެވެ. ކިޔޭވްގެ ހުޅަނގު ފަރާތުގައި ތިބި ރަޝިޔާ ސިފައިން ދިޔައީ ބެލަރޫސްގެ ތެރެއަށެވެ.

"ކިޔޭވްގެ ތެރެއިން ވެސް އަދި ރަށްބޭރު ސަރަހައްދުން ވެސް ރަޝިޔާ ސިފައިންގެ އެއްވެސް ހަރަކާތެއް މިހާރަކު ނުފެނޭ. އަދި ޗެރްނިހީވްގެ ތެރެއިން ވެސް އަދި ރަށްބޭރު ސަރަހައްދުން ވެސް ރަޝިޔާ ސިފައިންގެ އެއްވެސް ހަރަކާތެއް މިހާރަކު އަހަރެމެންނަކަށް ނުފެނޭ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕެންޓަގަންގެ ތަރުޖަމާން ޖޯން ކިރްބީ އިއްޔެ ވިދާޅުވި އެވެ.

"ރައީސް ލަޑިމިއާ ޕުޓިން ހާސިލްކުރަން ބޭނުންވި ސްޓްރެޓީޖިކް އަމާޒުން އޭނާ އަށް ހާސިލުވީ ސުމެއް."
ތަރުޖަމާން ވިދާޅުވި ގޮތުގައި ޔޫކްރޭނަށް އަރައި ތިބި ރަޝިޔާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށުގައި އޮތީ، ޔޫކްރޭންގައި އާންމުން ދިރިއުޅޭ ވަރަށް ކުޑަ ބިންކޮޅެކެވެ.

ރަޝިޔާ ސިފައިން ކިޔޭވް ސަރަހައްދުން ފައިބައިގެން ދިޔައީ، ފެބްރުއަރީ 24 ވަނަ ދުވަހު ފަތިހު ފެށި އަސްކަރީ ހާއްސަ ހަރަކާތުގެ ފުރަތަމަ ފިޔަވަހި ނިމިއްޖެކަން އިއުލާން ކުރުމަށް ފަހު އެވެ. އެ ފިޔަވަހީގައި އޮތީ ޔޫކްރޭންގެ އަސްކަރީ ގާބިލުކަން ނައްތައިލުން ކަމަށާއި، ދެ ވަނަ ފިޔަވަހީގައި އަމާޒުކުރާނީ، އިރުމަތީ ދޮންބާސް ސަރަހައްދަށް ކަމަށް ވެސް ރަޝިޔާ އިން ބުނެފައިވެ އެވެ.

ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގައި ތިބި ބޭރުގެ ނޫސްވެރިން ބުނާ ގޮތުގައި، ދޮންބާސް ސަރަހައްދުގައި ރަޝިޔާގެ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. ރަޝިޔާ ސިފައިންގެ ހަމަލާތައް މިހާރު ބޮޑަށް އަމާޒުކޮށްފައިވަނީ، ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން އަމިއްލަ އަށް މިނިވަންކަން އިއުލާންކުރި ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާގައި ތިބި ޔޫކްރޭން ސިފައިންނަށެވެ.

އެ ދެ ޖުމްހޫރިއްޔާގެ ތެރެއިން ލުހާންސްކް ޖުމްހޫރިއްޔާގެ ގާތްގަނޑަކަށް 90 ޕަސެންޓް އޮތީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގަ އެވެ. އަދި ޑޮނެޓްސްކް ޖުމްހޫރިއްޔާގެ ދެ ބައިކުޅަ އެއްބައި އޮތީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގަ އެވެ.

ދޮންބާސް ސަރަހައްދުގައި ތިބި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ޔޫކްރޭން ސިފައިން ހަނގުރާމަ ކުރަމުން އަންނަތާ މިހާރު އަށް އަހަރު ވެއްޖެ އެވެ. ދޮންބާސް ސަރަހައްދު ޔޫކްރޭނުން ވަކިވުމަށް މަސައްކަތް ކުރަނީ ރަޝިޔާގެ ވަރަށް ބޮޑު ތާއީދަކާއި އަސްކަރީ މަދަދެއް ލިބިގެންނެވެ.