07 އެޕްރީލް 2022 - 12:42

ކުށުގެ ވެށީގައި އުޅޭ، ލޭ އޮހޮރުވާލުން ފަދަ އަނިޔާވެރި ވިސްނުން ކުރިއަށް ނެރޭ ނުރައްކާތެރި ކުށްވެރިންނަށް އަމާޒުކޮށްގެން 100 ޓެގު ރާއްޖެއަށް ގެނެސްފި އެވެ.
ހޯމް މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން މޮނިކޮން އަމުރު ނެރެ ޓެގު އަޅުވައިގެން މޮނިޓާކުރަން ޖެހޭ 100 ކުށްވެރިން އެބަތިއްބެވެ. ޓެގު ހުސްވެ، ކުށްވެރިން ދޫވެ، އިދާރާތައް ގޮތް ހުސްވާ ހިސާބަށް ގޮސްފައި ވަނިކޮށް ހާއްސަ ބަޖެޓަކުން ޓެގު ހޯދަން ހޯމް މިނިސްޓްރީން ބަޔަކާ ހަވާލުކުރީ މީގެ ހަތަރު މަސް ކުރިންނެވެ.
މޮނިކޮން ޓެގު ހޯދުމަކީ މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައި އޮތް ކަމެއް ނޫނެވެ. ނަމަވެސް ސަރުކާރުން އިސްކަން ދީގެން އެކަމަށް ހާއްސަ ބަޖެޓެއް ކަނޑައެޅީ އެވެ.
ހޯމް މިނިސްޓްރީގެ މީޑިއާ އެގްޒެކެޓިވް ހަފްސީ އަބްދުﷲ "މިހާރު" އަށް ވިދާޅުވީ 100 ޓެގު ރާއްޖެ އަށް ގެނެސް، އަމުރު ނެރެ ޓެގު އެޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ޓެގު އެޅުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަނީ،" ހަފްސީ ވިދާޅުވި އެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި 100 މީހުން ތިއްބަސް ފަހުން އެ އަދަދު އިތުރުކުރަން ވެއްޖެ ނަމަ ޓެގު ހޯދައި ކުރިއަށް ގެންދާނެ އެވެ. މި ފަހުން ވެސް އަމުރު ނެރެ ބައެއް މީހުންގެ ފައިގައި ޓެގު އަޅުވާފައިވެ އެވެ
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ނެރޭ މޮނިކޮން އަމުރަކީ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންގެ ފައިގައި ޓެގް އަޅުވައި، އެ މީހުން މޮނީޓާ ކުރަން ނެރޭ އަމުރެކެވެ. އެ އަމުރަކީ ހޯމް މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް ހައި ކޯޓުން ނެރޭ އަމުރެކެވެ. އެ އަމުރާ ޚިލާފްވެއްޖެ ނަމަ އެއީ 18 މަސް ދުވަހުގެ ޖަލު ހުކުމެއް އަންނަ ކުށެކެވެ.
ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންގެ ފައިގައި ޓެގު އަޅުވަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އުމަރު ނަސީރު ހޯމް މިނިސްޓަރުކަމުގައި ހުންނެވި އިރު އެވެ.