ނަސްރު 80 ވަނަ މެރަތަން އަށް، މެޑަލް ހަދިޔާކުރާނީ ޑިފެންސް މިނިސްޓަރު މާރިޔާ އަށް!
ނަސްރު 80 ވަނަ މެރަތަން އަށް، މެޑަލް ހަދިޔާކުރާނީ ޑިފެންސް މިނިސްޓަރު މާރިޔާ އަށް!

ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވި، ދުވުންތެރިޔާ ނަސްރުﷲ އަހްމަދު (ނަސްރު)ގެ 80 ވަނަ މެރަތަންގެ މެޑަލް ހަދިޔާ ކުރަން ބޭނުންވަނީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަށް ކަމަށް އޭނާ ބުނެފި އެވެ.

ނަސްރު 80 ވަނަ މެރަތަން އަށް، މެޑަލް ހަދިޔާކުރާނީ ޑިފެންސް މިނިސްޓަރު މާރިޔާ އަށް!
ނަސްރު 80 ވަނަ މެރަތަން އަށް، މެޑަލް ހަދިޔާކުރާނީ ޑިފެންސް މިނިސްޓަރު މާރިޔާ އަށް!

ތަޖުރިބާކާރު ކޯޗު އަދި މެރަތަން އަށް ހާއްސަ ދުވުންތެރިޔާގެ 80 ވަނަ މެރަތަންގައި ދުވަން އޭނާ މިހާރު ވަނީ އިންޑިއާގެ ބެންގަލޫރަށް ގޮހެވެ. ނަސްރު ދުވާ ބެންގަލޫރު މެރަތަން އޮންނާނީ ހޮނިހިރު ދުވހުގެ ރޭ ފަތިހު އެވެ.

އެމްއެންޑީއޭފްގައި ވަޒީފާ އަދާކުރަމުން އަންނަ ނަސްރު ބުނިގޮތުގައި މިނިސްޓަރު މާރިޔާ އަށް މެޑަލް ހަދިޔާ ކުރަން ބޭނުންވަނީ އޭނާގެ ކެރިއާ އަށް މާރިޔާ ދެއްވާ އެއްބާރުލެއްވުމަށް ޝކުރު އަދާކުރުމުގެ ގޮތުންނެވެ. މިނިސްޓަރު މާރިޔާގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފް އަދި ޔުނިޓް ކޮމާންޑަރު އަހްމަދު ޝާރިމް އޭނާގެ ކެރިއާ އަށް ބޮޑު އެއްބާރުލުމެއް ދެއްވާކަން ނަސްރު ފާހަގަކުރި އެވެ.

"އެ ބޭފުޅުންގެ އެއްބާރުލުމެއް ނެތި އަޅުގަނޑަށް މި ހިސާބަށް ނުދެވުނީސް،" ދެކުނު އޭޝިއާގައި ވެސް އެންމެ ގިނަ މެރަތަންގައި ވާދަކުރި ދުވުންތެރިންގެ ތެރޭގައި ހިމެނޭ ނަސްރު ބުންޏެވެ.

ބެންގަލޫރު މެރަތަން އަކީ މި އަހަރު ނަސްރު ދުވާ ދެވަނަ މެރަތަން އެވެ. މި އަހަރު އޭނާ އެންމެ ފުރަތަމަ ވާދަކުރީ ތުރުކީގެ އަނަޓޯލިޔާގެ ރަންޓޯލިޔާ މެރަތަންގަ އެވެ.

ނަސްރު އެންމެ ފުރަތަމަ މެރަތަންއެއްގައި ދުވީ 1999 ގައި މާލޭގައި ބޭއްވި އެމްޓީސީސީ މެރަތަންގަ އެވެ.

މެރެތަންގައި އޭނާގެ އެންމެ ހާއްސަ އަހަރަކީ 2018 އެވެ. އެ އަހަރު އޭނާ ވަނީ 13 މެރަތަންގައި ދުވެފަ އެވެ. އެ 13 މެރެތަން ވެސް އޭނާ ވަނީ ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމައިފަ އެވެ. މިދިޔަ އަހަރު ނަސްރު ވަނީ 12 މެރެތަން ފުރިހަމަކޮށްފަ އެވެ.