ވިޔަރެއާލުން ވަރުގަދަ ބެޔާނަށް ސިހުން ގެނެސްފި
ވިޔަރެއާލުން ވަރުގަދަ ބެޔާނަށް ސިހުން ގެނެސްފި

ވިޔަރެއާލް (އޭޕްރިލް 7) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ސްޕެއިންގެ ވިޔަރެއާލުން ޖަރުމަނުގެ ވަރުގަދަ ބެޔާން މިއުނިކް 1-0 އިން ބަލިކޮށްފި އެވެ.

ވިޔަރެއާލުން ވަރުގަދަ ބެޔާނަށް ސިހުން ގެނެސްފި
ވިޔަރެއާލުން ވަރުގަދަ ބެޔާނަށް ސިހުން ގެނެސްފި

މިދިޔަ ނުވަ ސީޒަނުގެ ވެސް ޖަރުމަން ލީގުގެ ޗެމްޕިއަން ބެޔާން މިއުނިކާ ދެކޮޅަށް އަމިއްލަ ދަނޑުގައި ވިޔަރެއާލުން ލީޑު ނެގީ މެޗުގެ އަށްވަނަ މިނިޓުގަ އެވެ. އެޓީމުގެ ޖިއޮވާނީ ލޮ ސެލްސޯ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ޑެނިއެލް ޕަރޭހޯ ފޮނުވާލި ނަމަވެސް ކުރިމަތީ ހުރި އާނައުޓް ޑަންޖުމާ ވަނީ ކީޕަރު ޑައިވް ޖެހި ފަޅި ނޫން އަނެއް ފަޅިއަށް ބޯޅަ ފޮނުވާލައި ލީޑު ނަގައިފަ އެވެ. މިސްރާބު ބަދަލުވުމުން އެ ބޯޅަ ދިފާއު ކުރަން ބެޔާންގެ ކީޕަރު މެނުއެލް ނޯޔާ އަށް ފުރުސަތެއް ނުލިބުނެވެ.

ވިޔަރެއާލަށް ކުޅޭ ކުރީގެ އާސެނަލް މިޑްފީލްޑަރު ފްރާންސިސް ކޯކްލިން ވަނީ
ފުރަތަމަ ހާފުގެ 41 ވަނަ މިނިޓުގައި ލަނޑެއް ޖަހައިފަ އެވެ. އޭނާ އަރިމަތިން އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ނޯޔާ ބޯމަތިން އައިސް ގޯލުތެރެއަށް އޮއްސުނު ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ އެންޓޮނީ ޓޭލާ ވަނީ ކޯކްލިން އަށް ބޯޅަ ލިބުނުއިރު އޭނާ އޮފްސައިޑު ކަމަށް ނިންމައިފަ އެވެ.

ވިޔަރެއާލުން ފަހު ހާފުގައި ވެސް ގިނަ ހަމަލާތަކެއް އުފައްދައި އިތުރު ލަނޑުތަކެއް ޖަހަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއް ނުވި އެވެ. އެޓީމުން ލަނޑު ޖެހުމާ އެންމެ ގާތަށް ދިޔައީ ގެރާޑް މޮރޭނޯ ފޮނުވާލި ހަމަލާއަކުންނެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލު ދަނޑިއަށެވެ.

މި ސީޒަނުގައި ކުލަބާއި ގައުމީ ޓީމަށް މިހާތަނަށް 51 ލަނޑު ޖަހައިފައިވާ ރޮބާޓް ލެވަންޑޯސްކީ އަށް މާ އެދެވޭ ކުޅުމެއް މެޗުގައި ނުދެއްކުނެވެ. އެންމެ ފަހު ވަގުތު ކިންގްސްލޭ ކޯމަން ވަނީ ބެޔާން އަށް އެއްވަރުކުރުމާ ގާތަށް ޖެހިލައިފަ އެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރީ ވިޔަރެއާލްގެ ކީޕަރު ގެރޯނިމޯ ރޫލީ އެވެ.

ވިޔަރެއާލް ކުއާޓާ ފައިނަލަށް ހޮވުނީ ނޮކައުޓް ބުރުގެ ފުރަތަމަ ބުރުގައި އިޓަލީގެ ވަރުގަދަ ޔުވެންޓަސް ބަލިކޮށްފަ އެވެ. އަމިއްލަ ދަނޑުގައި ފުރަތަމަ ލެގު އެއްވަރުވި ނަމަވެސް ޔުވެންޓަސްގެ ދަނޑުގައި އެޓީމުން ވަނީ ފަސޭހަ ކަމާ އެކު މޮޅުވެފަ އެވެ.

މިރޭގެ މޮޅަކީ ވިޔަރެއާލުން 2006 ވަނަ އަހަރު އޭޕްރީލް މަހަށް ފަހު ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި އަމިއްލަ ދަނޑުގައި މޮޅުވި ފުރަތަމަ މެޗެވެ. އެފަހަރު ވިޔަރެއާލް ވަނީ އިންޓަ މިލާން ބަލިކޮށް ސެމީ ފައިނަލަށް ވެސް ދަތުރު ކޮށްފަ އެވެ. ނަމަވެސް ސެމީން ކެޓީ އާސެނަލް އަތުން ބަލިވެގެންނެވެ.

ވިޔަރެއާލާއި ބެޔާން ކުޅޭ ކުއާޓާ ފައިނަލުގެ ދެވަނަ ލެގު ކުޅޭނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ މިޔުނިކުގަ އެވެ.