130 ކިލޯގެ ޑްރަގްގެ މައްސަލަ: ދެ މީހުން ބޭސްފަރުވާ އަށް ބަންދުން ދޫކޮށްލައިފި
130 ކިލޯގެ ޑްރަގްގެ މައްސަލަ: ދެ މީހުން ބޭސްފަރުވާ އަށް ބަންދުން ދޫކޮށްލައިފި

ރާއްޖެ އަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދައުލަތުން ދައުވާކުރާ ދެ މީހަކު ބޭސްފަރުވާ އަށް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ކަންނެލި ދޯންޏެއްގައި 2020 ވަނަ އަހަރު ރާއްޖެ އެތެރެކުރި 130 ކިލޯގެ ޑްރަގްގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ މީހުންގެ ތެރެއިން އެ ކޯޓުން ބަންދުން ދޫކޮށްލީ، އެ ކަމުގައި އިސްކޮށް ހަރަކާތްތެރިވި މީހާ ކަމަށް ފުލުހުން ތުހުމަތުކުރާ ޕީއެންސީގެ ކައުންސިލް މެމްބަރެއް ކަމަށްވާ ގއ. ވިލިނގިލީ ލައިޓްހައުސް، ޝަހީބް އިބްރާހިމާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަހުމަދު މޫސާ އެވެ.

އެ ދެ މީހުން ދެ މަހަށް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ބަންދު މުރާޖައާ އަޑުއެހުމުގައި، ބޭސްފަރުވާއާ ގުޅޭގޮތުން އެ ދެ މީހުންގެ ފަރާތުން ފާހަގަކުރި ކަންކަމާ ގުޅިގެންނެވެ. ބަންދުން ދޫކުރީ ޝަރުތުކޮށްފަ އެވެ. އެއީ ކޯޓަށް އެއްބާރުލުން ދިނުމާއި ހުއްދަ ނެތި މާލެ އިން ބޭރަށް ނުދިނުމާއި ރޭގަނޑު ގެއިން ބޭރަށް ނުނިކުތުން ފަދަ ޝަރުތުތަކެކެވެ.

ޝަހީބްގެ ވަކީލުން ބުނީ އޭނާ އަށް ކަސްރަތު ކުރުމުގެ ފުރުސަތު ދިނުމަށާއި ނަފްސާނީ އިތުރު ޓެސްޓްތަކެއް ހަދަން ޑޮކްޓަރު ލަފާ ދީފައިވާ ކަމަށެވެ. އެކަން ކަރެކްޝަންސުން ނުކުރާ ކަމަށާއި ޑޮކްޓަރުން ދޭ ލަފައާ ބެހޭގޮތުން ވެސް އެ އިދާރާ އިން އޮޅުވާލައިގެން ވާހަކަ ދައްކާ ކަމަށް ވަކީލުން ވިދާޅުވި އެވެ. އަދި މައިބަދައިގެ މައްސަލައެއްގެ ސަބަބުން މީގެ ކުރިން ވެސް ޝަހީބަށް ފަރުވާ ދޭން ޖެހުނު ކަމަށް ވަކީލުން ވިދާޅުވި އެވެ.

ދައުލަތުން ބުނިގޮތުގައި އޭނާ ޑޮކްޓަރަށް ދައްކައި، ޑޮކްޓަރުގެ ލަފައާ އެއްގޮތަށް ފަރުވާ ދެ އެވެ. އަދި އެންމެ ފަހުން ހެދި ޓެސްޓްތަކުން ވެސް، ޝަހީބުގެ ސިއްހީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ދައްކާ ކަމަށް ދައުލަތުން ބުންޏެވެ.

ޝަހީބް ބުނީ އޭނާ ޑޮކްޓަރަށް ދައްކަނީ ޖަލުގައި ތިބޭ އެންމެން ކޮންމެ ދެ ހަފުތާއަކުން ޖަލުގެ ޑޮކްޓަރަށް ދައްކާ އުސޫލުން ކަމަށެވެ. އަދި އެކި ސިއްހީ މައްސަލަތައް ދިމާވާތީ އެކަމާ ބެހޭ ޚާއްސަ ޑޮކްޓަރުންނަށް ދައްކަން ޖަލުގެ ޑޮކްޓަރު ލަފާ ދިނަސް، ކަރެކްޝަންސުން އެކަން ނުކުރާ ކަމަށް އޭނާ ބުންޏެވެ.

ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަމުން ޝަހީބު ވަނީ ކޮންމެ މަހަކު ބަންދު މުރާޖައާ އަޑުއެހުމެއް މިގޮތަށް ބާއްވަނީ ކީއްކުރަންތޯ ވެސް ސުވާލު އުފައްދައިފަ އެވެ.

އަހުމަދު މޫސާގެ ވަކީލުން ބުނީީ މަތީ ކޯޓުތަކުގެ ނިންމުންތައް ހުރިގޮތުން ޖަލުގައި ހުންނަ މީހާ މަރުގެ ތުންފަތް މައްޗަށް ދިއުމުން ނޫން ގޮތަކަށް ބަންދުން ދޫނުކުރެވޭ ކަމަށެވެ، އެހެންވެ، ބަންދާ މެދު އިތުރު އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަހުމަދު މޫސާ ވެސް ފުރަތަމަ ބުނީ އެގޮތަށެވެ.

އެކަމަކު އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ އަހުމަދު މޫސާގެ ސިއްހީ ފަރުވާއާ ގުޅޭ ކަންކަން ވެސް ދައުލަތުގެ ކިބައިން ސާފުކުރައްވައިފަ އެވެ. އަދި އެއްވެސް މީހަކަށް ގެއްލުންވާނެ ގޮތަށް ކޯޓުތަކުން ނިންމުންތައް ނިންމާފައި ނުހުންނާނެ ކަމަށާއި ބަންދުގައި ތިބޭ މީހުންގެ ހާލަތަށް ކޯޓުތަކުން ބަލާނެ ކަމަށް ވިދާޅުވި އެވެ.

ދައުލަތުން ބުނީ މީގެ ދެ މަސް ކުރިން އަހުމަދު މޫސާ ފުއްޕާމޭގެ ޑޮކްޓަރަކަށް ދެއްކުމުން އިތުރު ޓެސްޓްތަކެއް ހަދަން ލަފާ ދިނަސް، ކަރެކްޝަންސްގެ މުވައްޒަފުންގެ ދަތިކަން ހުރުމުން އެކަން މިހާތަނަށް ނުކުރެވޭ ކަމަށެވެ. އަދި ވީހާ ވެސް އަވަހަކަށް އެކަން ކުރާނެ ކަމަށް ކަރެކްޝަންސްއާ ހަވާލާދީ ދައުލަތުން ބުންޏެވެ.

ޓެސްޓެއް ނުހެދި، ދެ މަހަށް ވުރެ ދިގުވެެގެން ގޮސްފައިވާއިރު އެއީ އެކަށީގެންވާ މުއްދަތެއްތޯ އިސްގާޒީ ސުވާލު ކުރެއްވި އެވެ. ގާޒީ ވިދާޅުވީ ބޭސްފަރުވާއާ ގުޅޭ ކަންކަން ކުރިއަށް ގެންދަން ދައުލަތަށް ގިނަ ފުރުސަތުތަކެއް ކުރިން ދީފައިވާ ކަމަށެވެ. އެހެންވެ، ބޭސްފަރުވާއަށްޓަކައި ދެ މަހަށް އެ މީހުން ބަންދުން ދޫކޮށްލަން ނިންމެވީ ކަމަށް ވިދާޅުވި އެވެ.