އެފްއޭއެމްގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް އަދި ނުދޭ
އެފްއޭއެމްގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް އަދި ނުދޭ

ރޯދަ މަސް ފެށުމުގެ ކުރިން ދޭން، ގާނޫނުން ލާޒިމުކޮށްފައިވާ ރޯދަ އިނާޔަތް އެފްއޭއެމްގެ މުވައްޒަފުންނަށް އަދި ނުދޭކަން އެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފަކު "މިހާރަ"ށް ޔަގީންކޮށްދީފި އެވެ.

މާލީ ގޮތުން މައްސަލަތައް ކުރިމަތިވެފައިވާ އެފްއޭއެމްގެ މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ އިތުރުން މިދިޔަ ދެ މެހުގެ މުސާރަ ވެސް ދީފައިނުވާ ކަމަށް އެފްއޭއެމްގައި މަސައްކަތް ކުރާ މުވައްޒަފަކު، ނަން ހާމަނުކުރަން އެދި ބުންޏެވެ. އޭނާ ބުނި ގޮތުގައި، އެފްއޭއެމްގެ މުވައްޒަފުންނަށް މި އަހަރު މުސާރަ ދީފައި ވަނީ ޖެނުއަރީ މަހު އެކަންޏެވެ.

އޭނާ ބުނީ އިނާޔަތާއި މުސާރަ ވެސް ދޭނެ ކަމަށް ބުނާ ކަމަށެވެ. ނަމަވެސް މުސާރަ އާއި އިނާޔަތް ދިނުން ލަސްވެފައި ވުމުން މުވައްޒަފުންގެ މެދުގައި ވެސް ކަންބޮޑުވުން އޮތް ކަމަށް އޭނާ ބުންޏެވެ.

"އެންމެ ބޮޑަށް ދަތި ވާނީ އެންމެ އާދައިގެ މުވައްޒަފުންނަށް. ރޯދައިގެ ކުރިން ފިހާރަތަކުގައި ސޭލް އަޅުވާފައި އޮއްވައި އަގު ހެޔޮކޮށް އެއްޗެއް ގަނެލެވޭނެ ގޮތް ވެސް ނުވީމަ ކަންބޮޑުވޭ،" އޭނާ ބުންޏެވެ.

މިދިޔަ މަހު 23 ގައި ސަރުކާރުން އާންމުކުރި އިއުލާނުގައި ވަނީ މި އަހަރު ވެސް ރޯދަ އެލަވެންސްގެ ގޮތުގައި ކޮންމެ މުސްލިމް މުވައްޒަފަކަށް 3،000ރ. ދޭން ޖެހޭނެކަން ހަނދާންކޮށްދީފަ އެވެ. އަދި އިނާޔަތް މިދިޔަ މަހުގެ 25 ގެ ކުރިން ދިނުމަށް ވެސް އަންގާފައިވެ އެވެ. އެއް ވަޒީފާއަށް ވުރެ ގިނައިން ވަޒީފާ އަދާކުރާ ނަމަ އެ މުވައްޒަފަކަށް އިނާޔަތް ދޭނީ އަސާސީ ވަޒީފާ އަދާކުރާ ތަނުން އެކަނި ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އެ މުއްދަތު ފަހަނަޅައި ދިޔައިރު ސަރުކާރުގެ ބައެއް އޮފީސްތަކުން ވެސް އިނާޔަތް ދީފައިނުވާތީ އެކަން ސަމާލުކަމަށް އަ އެވެ.

ކްލަބްތަކަށް އެފްއޭއެމުން ދޭން ޖެހޭ ފައިސާ ވެސް ބައެއް ކްލަބްތަކަށް ދީފައެއް ނުވެ އެވެ. ކްލަބުތަކަށާއި ރެފްރީންނަށް ވެސް މުސާރަ ނުދޭ މައްސަލަ ފެންމަތި ކުރެއްވީ އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް އެވެ. ގިނަ ކްލަބްތަކަށް ވެސް ވަނީ މާލީ މައްސަލަތައް ކުރިމަތިވެފަ އެވެ. ކްލަބްތަކުން ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަ ވެސް ބޮޑެވެ.

ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ރެނޭ ހިޑިންކުގެ ކޮންޓްރެކްޓް ގަވާއިދާ ހިލާފަށް ބާތިލުކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި އޭނާ އަށް 187,375 ޑޮލަރު (2.9 މިލިއަން ރުފިޔާ) ދޭން މައްސަލަ ބެލި ފީފާގެ ޓްރައިބިއުނަލް އިން ވަނީ އެފްއޭއެމަށް އަންގައިފަ އެވެ.

އެ ފައިސާ 45 ދުވަހުގެ ތެރޭގައި ނުދައްކައިފި ނަމަ ފީފާ އިން އެފްއޭއެމަށް ދޭން ޖެހޭ ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން ޕަސަންޓެއް އުނިކުރާނެ އެވެ. އެއީ އެ ފައިސާ އިން ރެނޭ އަށް ބަދަލު ދިނުމުގެ ގޮތުންނެވެ.