06 އެޕްރީލް 2022 - 13:18

ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، މަސް ކިރުވާ އަދަދު އިތުރުވުމުން މިފްކޯ އިން މަސް ގަންނަ އަދަދު މިއަދުން ފެށިގެން ލިމިޓް ކޮށްފި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެއްފަހަރާ ގިނަ ދޯނިތަކުން ދެކުނުގެ ސެންޓަރުތަކަށް މަސް ކިރުވާ އަދަދު ކެޕޭސިޓީއަށް ވުރެ އިތުރުވެފައިވާ ކަމަށެވެ. އެހެންވެ މަސް ކިރުމުގައި ދަތިތަކާ ދިމާވާ ކަމަށާއި މަސް ކިރުވަން ކިޔޫގައި ޖެހޭ އަދަދު ވެސް އިތުރުވެފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މިފްކޯއިން ބުނި ގޮތުގައި ފާއިތުވި ދެ ދުވަހު އެކި ސެންޓަރުތަކަށް 1،390 ޓަނުގެ މަސް ކިރުވަން ދޯނިތަކުން ވަނީ ގޮސްފަ އެވެ. އެއީ އެވްރެޖުކޮށް ދޯންޏަކަށް 12 ޓަނު ކަމަށް ވާއިރު ބޮޑެތި ދޯނިތަކުން ދުވާލަކު 25-60 ޓަނުގެ މަސް ބާނަ އެވެ.
ކިޔޫގައި ތިބި ދޯނިތަކުގެ ތެރެއިން އިއްޔެގެ ނިޔަލަށް ކިޔޫ އަށް އަރައި ތިބި ދޯނިތަކުން ބާނާފައިވާ ހުރިހާ މަހެއް މިފްކޯ އިން ގަންނާނެ އެވެ. ނަމަވެސް މިއަދުން ފެށިގެން ކިޔޫގައި ޖެހޭ ދޯނިތަކުން ކިރާނީ ފަސް ޓަނުގެ މަސް ކަމަށް އެ ކުންފުނިން ބުންޏެވެ.
މަހާ ގުޅޭ ކަންކަން މިފްކޯ އިން މެނޭޖް ކުރެވެންދެން އަމަލު ކުރާނީ އެ ގޮތަށެވެ. އެއީީ މިހާރު ކިޔޫގައި ތިބި ދޯނިތަކުން މަސް ގަނެ، ފްރީޒް ކުރަން ވަގުތު ބޭނުންވާތީ ކަމަށް އެ ކުންފުނީގެ ބަޔާނުގައި ވެ އެވެ.
މިފްކޯގެ ދެކުނުގެ ކެޕޭސިޓީއަކީ 420 ޓަނެވެ. އެ ކެޕޭސިޓީ އިތުރު ކުރުމަށް މާދަމާ އެ ކުންފުނީގެ ޖަޒީރާ-102 ކޫއްޑު އަށް ދާނެ އެވެ. އެއީ 100 ޓަނުގެ މަސް ގަނެވޭ ވަރުގެ ބޯޓެކެވެ.
ކެޕޭސިޓީއަށް ވުރެ ގިނައިން މަސް ލިބޭތީ މިފްކޯ އިން އަންނަނީ ކޯލްޑް ސްޓޯރޭޖްތަކުން ޖާގަ ހޯދަން ކެރިއާ ބޯޓުތައް ގެންގޮސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.