06 އެޕްރީލް 2022 - 12:29

ރަޝިޔާ ސިފައިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގައި މިހާރު އެންމެ ވަރުގަދަ އަށް ހަމަލާތައް ބަދަލުކުރަމުންދާ މަރިއުޕޯލްގައި އިންސާނީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް އިނގިރޭސި ވިލާތުގެ ދިފާއީ ވުޒާރާ އިން ބުނެފި އެވެ.
އަސްކަރީ ސިއްރު މައުލޫމަތުތަކާ ހަވާލާދީ، އިނގިރޭސި ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ޔޫކްރޭންގެ ދެކުނުން އަޒޯވް ކަނޑުގެ އައްސޭރީގައި އޮންނަ މަރިއުޕޯލް އަށް، ރަޝިޔާ އިން އިއްޔެ އާއި ރޭ ވެސް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދިނެވެ. އޭގެ އިތުރުން ޔޫކްރޭން ސިފައިންނާއި މަރިއުޕޯލަށް އަރައި ތިބި ރަޝިޔާގެ އެއްގަމު ލަޝްކަރުގެ ސިފައިންނާ ދެމެދު، މަރިއުޕޯލްގެ މަގުތަކުގައި ދަނީ ވަރަށް ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންނެވެ.
ދެ ފަރާތުގެ މެދުގައި ބަދަލުކުރާ ހަމަލާތައް ވަރުގަދަވެފައިވާތީ، މަރިއުޕޯލްގެ އާންމުން ތިބީ ގެތަކުގައި ތާށިވެފައި ކަމަށާއި، ކާބޯތަކެއްޗާއި ޒަރޫރީ އެހެން ސާމާނު ހޯދަން ބޭރަށް ނުކުތުން ދަތިވެފައި ކަމަށް ވެސް އިނގިރޭސި ދިފާއީ ވުޒާރާ އިން ބުނެ އެވެ.
"އެ ސަހަރުގެ 160،000 މީހުންގެ ތެރެއިން ގިނަ މީހުން މިހާރު ވެސް ތިބީ ކަރަންޓުގެ ހިދުމަތް ނުލިބި. މުވާސަލާތު ކުރެވޭނެ ގޮތެއް ނެތް. ބޯފެނެއް ބޭހެއް ލިބޭކަށް ނެތް. ހޫނު ކުރެވޭނެ ގޮތެއް ނެތް. އެހީ ފޯރުވައިދޭން މަސައްކަތްކުރާ މީހުން މަރިއުޕޯލް އަށް ވަނުމަށް ރަޝިޔާ ސިފައިން ދަނީ ހުރަސްއަޅަމުން. ރަޝިޔާ ސިފައިން މަސައްކަތް ކުރަނީ، އާންމުން ބަނޑަށް ޖައްސައިގެން ވިޔަސް، ދިފާއުގައި ހަނގުރާމަކުރާ މީހުން ހަތިޔާރު ބަހައްޓަން މަޖުބޫރު ކުރުން،" އިނގިރޭސި ދިފާއީ ވުޒާރާ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ހުސްވި ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފަތިހު ރަޝިޔާ ސިފައިން ޔޫކްރޭނަށް ހަމަލާ ދޭން ފެށުމާ އެކު، މަރިއިޕޯލް އަށް ވެސް ހަމަލާތައް އަމާޒުކުރި އެވެ. ނިމި ދިޔަ މާޗް މަހުގެ ކުރީކޮޅުން ފެށިގެން ރަޝިޔާ ސިފައިން މަރިއުޕޯލް ހިސޯރު ކޮށްފައި އޮތުމުގެ ސަބަބުން، އެ ސަހަރުން ނުކުންނަން ބޭނުންވި އެތައް ހާސް ބަޔަކު އަދިވެސް ތިބީ ނުކުމެވޭނެ ގޮތެއް ނެތިފަ އެވެ.
ރަޝިޔާ ސަރުކާރާއި ޔޫކްރޭނާ ސަރުކާރާ ދެމެދު މަޝްވަރާކޮށް އެއްބަސްވެވުނު ގޮތުގެ މަތިން، މީގެ ކުރިން ރަޝިޔާ ސިފައިން ވަނީ މަރިއުޕޯލް ދޫކޮށް ދާން ބޭނުންވާ މީހުން އެ ސަހަރުން ނުކުތުމަށް ހަތަރު ފަހަރެއްގެ މަތިން މަގު އަމާންކޮށްދީފަ އެވެ. ނަމަވެސް މިދިޔަ ހަފުތާގައި ރެޑް ކްރޮސް އިން ބުނި ގޮތުގައި ރަޝިޔާ ސިފައިން ކުރިމަތިކުރާ ޝަރުތުތަކުގެ ސަބަބުން، އެ ސަހަރުން މީހުން ނެރުމުގެ ކަންތައް ކުރިއަށް ގެންދިއުން ދަތިވުމުން މިހާރު ވަނީ އެ މަސައްކަތް މެދުކަނޑާލައިފަ އެވެ.
މަރިއުޕޯލް އިން އާންމުން ނުކުންނަން އެކަށީގެންވާ ފުރުސަތު ފަހިކޮށްނުދީ، މެދުކެނޑުމެއް ނެތި ބޮން އަޅައި މިސައިލާއި ރޮކެޓުން ހަމަލާތައް ދެމުން ދާތީ، މުޅި ސަހަރު މިހާރު އޮތީ ސުންނާފަތިވެފައި ކަމަށް، ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެ އެވެ.
ރަޝިޔާ ސިފައިން މިހާރު މަސައްކަތް ކުރަމުން ދަނީ މަރިއުޕޯލްގެ މެދުތެރޭ ސަރަހައްދަށް ވަދެގަތުމަށެވެ. ނަމަވެސް އެ ސަހަރުގެ އެތެރޭގައި ތިބި ޔޫކްރޭން ސިފައިންގެ ދިފާއީ ރައްދު ހަމަލާތަކުގެ ސަބަބުން، ރަޝިޔާ ސިފައިން ބޭނުންވާ ހަލުވިމިނުގައި ކުރިއެރޭ ގޮތެއް ނުވެ އެވެ.