ގުޅުން ގޯސްވެފައި އޮތް ޕީޖީ އާއި އޭސީސީ އެއްކީލި ވަނީ
ގުޅުން ގޯސްވެފައި އޮތް ޕީޖީ އާއި އޭސީސީ އެއްކީލި ވަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގު ނިންމައި ފޮނުވާ މައްސަލަތަކުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ ނުކުރަނީ ޖިނާއީ ކުށެއްގެ ދައުވާކޮށް، ކުށް ސާބިތުކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނުހުންނާތީ ކަމަށް ބުނެ އޭސީސީއާ އެކު އުފެދިފައި އޮތް މައްސަލަ ހައްލުކޮށް އެކުގައި މަސައްކަތް ކުރެވޭނެ ކަމަށް އާ ކޮމިޝަނުން ވިދާޅުވެއްޖެ އެވެ.

ގުޅުން ގޯސްވެފައި އޮތް ޕީޖީ އާއި އޭސީސީ އެއްކީލި ވަނީ
ގުޅުން ގޯސްވެފައި އޮތް ޕީޖީ އާއި އޭސީސީ އެއްކީލި ވަނީ

އޭސީސީގައި ކުރިން ތިއްބެވި މެމްބަރުންނާއި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހާ ދެމެދު އޮތީ ގުޅުން ގޯސްވެފަ އެވެ. ތަހުގީގުކޮށް ފޮނުވާ މައްސަލަތަކުގެ ފެންވަރާ މެދު ސުވާލު އުފައްދައި ދައުވާ ނުކޮށް ދިގުދަންމާތީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވެސް މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. މައްސަލަތައް ނުބެލި ލަސްވަމުންދާތީ މަޖިލީހުން ކުރިމަތިވި ޕްރެޝަރުތަކާ ހެދި އެ މެމްބަރުން މަގާމުން އިސްތިއުފާ ދެއްވުމާ ހަމައަށް ވެސް މި ނުތަނަވަސްކަން ދެ މުއައްސަސާގެ މެދުގައި އޮތެވެ.

ޕީޖީ އޮފީހުން ތަކުރާރުކޮށް ބުނެފައިވާ ގޮތުގައި އޭސީސީން ތަހުގީގުކޮށް ފޮނުވާ މައްސަލަތަކުގައި ކޯޓަށް ނުދަނީ ދައްކާނެ ވާހަކަތަކާއި ހެއްކާއި ގަރީނާ ނޯންނާތީ އެވެ.

އޭސީސީގެ އާ ރައީސް އާދަމް ޝާމިލް އިއްޔެ ވިދާޅުވީ، މައްސަލަތަކުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރުމާ މެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ޕީޖީ އޮފީހުގެ ފުރިހަމަ އެއްބާރުލުން އޭސީސީ އަށް ލިބޭނެ ކަމުގެ ޔަގީންކަން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ދެއްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ޕްރޮސިކިއުޓަ ޖެނެރަލްގެ އަރިހަށް އަޅުގަނޑުމެން ކުރި ޒިޔާރަތުގައި މަޝްވަރާ ކުރިން ހެކި ވަޒަންކުރުމުގެ ދާއިރާގައި ކޮން ގޮތަކަށް އަޅުގަނޑުމެންގެ ތަމްރީންތައް ބައްޓަން ކޮށްގެންތޯ ދެ މުއައްސަސާ އެއް އަމާޒަކަށް އެއްކީލިކޮށް މަސައްކަތް ކުރެވޭނީ،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އޭސީސީގެ އިންވެސްޓިގޭޓަރުންނާއި ޕީޖީގެ ޕްރޮސިކިއުޓަރުން އެކުވެގެން ތަމްރީންތަކެއް ހެދޭނެ މަގަށް ބައްޓަންކުރަން އަޅުގަނޑުމެންގެ ދެ މުއައްސަސާ އިން އެއްބަސްވެވިފައި ހުރީ."

އޭސީސީ އާއި ޕީޖީ އޮފީހާ ދެމެދު ކުރިން ކަންތައްތަކެއް ހިނގާފައި ވިޔަސް ޝާމިލް ވިދާޅުވީ އެ ކޮމިޝަނުގައި މިވަގުތު ތިބި އިންވެސްޓިގޭޓަރުންގެ ގާބިލްކަމާ މެދު ސުވާލެއް ނެތް ކަމަށެވެ. އެކަމަކު އަބަދުވެސް ފަންނާއި ގާބިލްކަން އިތުރަށް ފުރިހަމަކުރުމުގެ ފުރުސަތާއި ޖާގަ އޮންނަ ކަން ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަން ތަހުގީގު ކުރުމުގައި ޕްރޮފެޝަނަލް ސެޓިފިކޭޝަންއެއް ލިބިފައި ތިބި ބަޔަކަށް އޭސީސީގެ އިންވެސްޓިގޭޓަރުން ހެދުމަށް އެމެރިކަން ބާ އެސޯސިއޭޝަނާ އެކު އަންނަނީ މަސައްކަތް ކުރަމުންނެވެ.

"ކޯހުގެ ފަހު ބައިގައި އެ ބޭފުޅުން އެ ތިއްބެވީ. އެހެންވީމާ ކޮރަޕްޝަން ތަހުގީގު ކުރުމުގައި ސެޓިފައިޑް އިންވެސްޓިގޭޝަން އޮފިސަރުންތަކެއް މި އުފެދެނީ. ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް މިގޮތަށް ހާއްސަވެގެން ބަޔަކު މި އަންނަނީ،" އޭނާ ވިދާޅުވި އެވެ.

ކޮމިޝަންގެ ނައިބު ރައީސް އަބްދުއްސަލާމް ވެސް ވިދާޅުވީ އޭސީސީގެ އިންވެސްޓިގޭޓަރުންނަކީ ވަރަށް ކޮލިޓީ މޮޅު، ކޮރަޕްޝަން މައްސަލަތަކަށް ފައްކާވެފައި ތިއްބެވި ބޭފުޅުން ކަމަށެވެ. ޕީޖީ އޮފީހާއި އޭސީސީގައި ވެސް މައްސަލަތަކެއް އެބަހުރި ކަމަށާއި ހެކި ވަޒަންކުރުމުގައި ދިމާވާ ކަންކަމުގައި ހައްލު ހޯދޭނެ ކަމަށް ވިދާޅުވި އެވެ.

"ދެ ފަރާތުން މަޝްވަރާ އެބަކުރަން މި މައްސަލަތަކުގައި ދައުވާކުރެވޭނެ ނިޒާމަކީ، ފަސޭހަ އިން ގެނެވޭނެ ގޮތަކީ ކޮބައިތޯ ބެލުމަށް،" އޭނާ ވިދާޅުވި އެވެ.