06 އެޕްރީލް 2022 - 10:36

ޚިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ ސީލައިފް ގްލޯބަލް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރީ މުއްދަތު ހަމަވި ފަހުން ކަމަށް ވާތީ އެ މައްސަލަ އެ ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އައްމަޓީ މިދިޔަ މަހު ކްރިމިނަލް ކޯޓުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހު އެވެ. މީގެ ކުރިން ދެ ފަހަރަށް ކްރިމިނަލް ކޯޓުން އައްމަޓީ ދޫކޮށްލުމުން ވެސް، އޭރު އައްމަޓީ އަލުން ބަންދުކުރީ ހައި ކޯޓުގެ އަމުރަށެވެ.
މިފަހަރު އައްމަޓީ ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު އެ މައްސަލަ ބޭރުކޮށްލީ ކޯޓު އަމުރުތައް އިސްތިއުނާފް ކުރަން އޮންނަ 48 ގަޑިއިރު ހަމަވިފަހުން އެ މައްސަލަ ހުށަހަޅާފައިވާތީ އެވެ. އެ މައްސަލަ ހުށަހެޅީ އެ މުއްދަތު ހަމަވިތާ އެއް ދުވަސް ފަހުންނެވެ.
ދައުލަތުން ކޯޓުގައި ބުނެފައިވާ ގޮތުން 48 ގަޑިއިރުގެ މުއްދަތު ދައުލަތުން ގުނަމުން އަންނަނީ އެކަމެއް ފެށޭ ދުވަސް ނުވަތަ އެ ނިންމުން ކޯޓުން ނިންމާ ދުވަސް ނުހިމަނަ އެވެ. އެގޮތަށް މުއްދަތު ގުނުމުން އިސްތިއުނާފް މުއްދަތު ހަމައެއް ނުވެ އެވެ.
އެކަމަކު ހައި ކޯޓުގެ ހުކުމުގައިވަނީ ދުވަސް ގުނުމުގައި އެކަމެއް ހިނގާ ދުވަހާއި ނިމޭ ދުވަސް ނުގުނޭނެ ކަމަށް ގާނޫނުގައި އޮތަސް، ގަޑިއިރު ގުނުމުގައި އެފަދަ އުސޫލެއް ގާނޫނުގައި ނެތް ކަމަށެވެ. އަދި ހައްޔަރުކުރާ މީހުންގެ ބަންދާ މެދު 24 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމުމުގައި ވެސް މިހާތަނަށް ކޯޓުތަކުން ގަޑިއިރު ގުނަނީ ހައްޔަރުކުރާ ދުވަސް ހިމަނައިގެން ކަމަށް އެ ހުކުމުގައިވެ އެވެ. އެ އުސޫލުން މިފަދަ އަމުރުތަކުގެ އިސްތިއުނާފް މުއްދަތު ވެސް ގުނަން ޖެހޭނީ އެ އުސޫލުން ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން މުއްދަތު ހަމަވިފަހުން މައްސަލަ ހުށަހަޅާފައިވާތީ އިޖްރާއީ ގޮތުން ބަލާއިރު، އެ މައްސަލަ ދެން އިތުރަކަށް ކުރިއަށް ނުގެންދެވޭނެ އެވެ. އެހެންވެ، އައްމަޓީ ބަންދުން ދޫކުރުމާ ބެހޭގޮތުން ދައުލަތުން ފާހަގަކުރި ކަންކަން އިތުރަށް ބެލޭނެ ތަނެއް ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.
ފަނޑިޔާރު އަބްދުﷲ ހަމީދު ރިޔާސަތު ބެލެހެއްޓެވި ހައި ކޯޓުގެ އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ.