ސަންގުމަރުމަރު
ސަންގުމަރުމަރު

ޕާޓް 1 - ޗެޕްޓާ 4: ކަޅާއި ހުދުގެ އިންޒާރު

އިރާކޮޅަކީ އިރުއޮއްސުމާއި ނުވައެއް ޖެހުމާ ދެމެދެވެ. އެއީ ރޭގަނޑުގެ ފުރަތަމަ ދަމެވެ. ނީޒާގެ ހަނދާނަށް ވިލިނގިލީގެ ބީޗާއި ސަންގުމަރުމަރުގެ މި ދަރުބާރު އަބަދުވެސް ކުލަވެ ސިފަވެގެން އައީ މި އަނދިރި، އެކަނިވެރި މާހައުލުގެ ތެރެއިންނެވެ. ބައެއް ދުވަސްދުވަހު، އިރުއޮއްސުނު ހިތްގައިމު މަންޒަރު ފެނުނެވެ. އެކަމަކު އަހަންނާ އެކުގައި އަބަދުވެސް އެންމެ ގިނައިރު ހޭދަކުރީ އިރާކޮޅުގެ މި ފުސް އަނދިރީގަ އެވެ.

ނަމަވެސް ދިރިއުޅުމުގެ ސަފުހާތައް އުކަމުން އޭނާ އަބަދުވެސް ކިޔައިދިން ވާހަކަ އަކީ ދުވާލެއްގެ އިރާއި އާ ދުވަހެއްގެ އަލިކަން ބަލައިލުމަށް އޭނާގެ ހިތުގައި އުފެދެމުންދިޔަ ޝައުގުވެރިކަމެވެ. އިރު އޮއްސުނު ހިތްގައިމު މަންޒަރު ބައެއް ދުވަސް ދުވަހު އޭނާ އަށް ފެނުނު ފެނުމަކީ މި އާ ދުވަހަށް އޭނާ ޖަހާ ފަލީގެ ދުވެލީގައި ކުރިއެރުންތަކެއް ލިބުނު ދުވަސްތަކެކޭ ބުނެވިދާނެއެވެ.

އެކަމަކު ދެން އޭނާއާ މި ބައްދަލުވީ ޖަމާލެވެ. ނަމުގެ މާނާގައި ބުނާހާ ރީތި އަދި ކިތަންމެ އަލި މޫނަކަށްވިޔަސް ރޭގަނޑުގެ މި އަނދިރިކަމުގައިވީ ހަގީގަތްތަކަށް ޝައުގުވެރިވާ ޒުވާން ހިތެކެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ، ނީޒާގެ ހިތުގައިވީ ޝައުގުވެރިކަމާ މުޅިން އިދިކީލި ހިތެއްގެ ވެރިއެކެވެ. އަދި ނީޒާއާ އެކު ފުރަތަމަ ދަމުގެ ޖާދޫގައި ޖެހުނު ހިސާބުން ފެށިގެން ދުވާލުގެ އަލިގަދަ ހިތްގައިމު މަންޒަރަށް އޭނާ މިހާރު އެހެރީ ފޫހިވެ ނިމިފައެވެ. މިހާރު އޭނާގެ އަމާޒަކީ ކުރިމަތިން ފެންނަން އޮތް އަނދިރިކަމުގެ ތެރެއަށް ވަދެގެން ދެވެން އޮތް އެންމެ ދުރަކަށް ދިއުމެވެ.

މިވަރުންދާ ނަމަ މި ދެ ހިތް އަހަރެމެން ގުޅުވާނީ ކިހިނަކުން ހެއްޔެވެ؟ ދެ ވައްތަރުގެ ޖިންސު އެކަތި އަނެކައްޗަށް ޝައުގުއުފެދި ހިތްލެނބުނަސް މުޅިން ދެ ދިމާލަކަށް ދާން ބޭނުވަނީ ކަމުގައިވާ ނަމަ މި ދެ ހިތް ގުޅުވަން ހިތުގެ އެންމެ މަތީ ދަރަޖައިގެ ސްޕެޝަލިސްޓަކަށް ވެސް އުނދަގޫވާނެއެވެ.

އެކަމަކު ޖަމާލުގެ ސަބަބާއި ހާލަތަކީ މިއެވެ.

ދުވާލުގެ އަލިގަދަ ތަރި އޭނާ އަށް ފެނިއްޖެއެވެ. ރަތްދަކަ އަވިން ފިހިއްޖެއެވެ. ދާ އޮހޮރި ބަނޑުނުފުރި ހާންތިވެ ނިމިއްޖެއެވެ. އެ ހިތަށް ފިނިކަމެއް ނުލިބި އަބަދުވެސް ކުރީގެ ހަޔާތުގެ ދަލާއި ހޫނާއި ނާށީގެއަލިފާނާއި ދޮންދަގަނޑުގައި ޖެއްސީތީއެވެ. ފަހަރެއްގައި ރޭގަނޑެއްގެ ފިނިކަމަށް ޖަމާލްގެ ހިތުގައި ޝައުގުވެރިކަން އުފެއްދީ އޭނާގެ މި ނިކަމެތި ހާލާތެވެ. ނުވަތަ އޭނާގެ ހަޔާތުގައި އިރަށް ވުރެ ބޮޑު ހުޅެއް ރޯކުރި މީހުންގެ ކިބައިން ބަދަލުހިފުމަށް ހިތުގައި އުފައްދަމުންދިޔަ ވަސްވާހާއި ކަރަންޓެވެ. ނުވަތަ އޭނާގެ ހުވަފެނާއި ހިޔާލުން އެ ސިފަކޮށްދޭ "ދުނިޔެ" އިން ނުކުމެ ސަލާމަތްވުމަށް ސަމުގާ އެނބުރޭ އެނބުރުމެވެ.

ޖަމާލް އެންމެ ޝައުގުވެރިކަމާ އެކުގައި ކިޔެވީ ނަރު ގުޅާނެ ގޮތާއި ބޮކި ދިއްލާނެ ގޮތެވެ. އެހެންވީމަ، އަނދިރިކަން ފަތަހަކުރެވިދާނެ ކަމުގެ އުއްމީދާއި އިތުބާރު އޭނާގެ ހިތުގައި އެންމެފަހުން އުފެއްދީކަމަށް ވެދާނެއެވެ.

ނަމަވެސް ދުނިޔޭގެ މި އަނދިރިކަމުގައި އެ ބުނާ ސަލާމަތުގެ އައްސޭރިއެއް ނެތްކަން ނީޒާ އަށް ވަރަށް ޔަގީނެވެ. ޖަމާލް ފަސްދީފައި ދިޔަ މަންޒިލުގައި އޮތް މާހައުލަށް ނީޒާ ޝައުގުވެރިވަނީ އެހެންވެގެންނެވެ. ދުވާލެއްގެ އެ އަލިގަދަ މަންޒަރު ދުވަހަކުވެސް އޭނާ އަށް ފެނިފައި ނެތް ކަމަށް ގަބޫލުކުރެވޭތީ އެވެ. އަމިއްލަ ލައިފްގެ ބެކްސްޓޯރީއާ މެދު އެންމެފަހުން ހިތުގައި ޝައްކު އުފެދިފައިވާތީއެވެ.

ކަޅާއި ހުދަށް ޖަމާލާއި ނީޒާގެ ހިތް ދަމައިގެން ގެންދާ ގޮތަކީ މިއެވެ.

ޖަމާލް އައީ އަބަދުވެސް އިރުގެ އަލިކަމާއި ހޫނު ހިފައިގެންނެވެ. ނީޒާ އައީ އަނދިރި ހިޔަންޏެއްގެ ސިފައިގައެވެ. އަދި އިރާކޮޅެއްގައި ދެ މީހުން ބައްދަލުވެ ދެ މީހުންގެ ދިރިއުޅުމުގެ މަގުސަދާއި އަމާޒު ވެސް ހަމަ ކުއްލިއަކަށް ބަދަލުވީއެވެ. ދިރިއުޅުމުގެ އަސްލު މަގުސަދު ދެނެގަތުމަށް ނުވަތަ ހޯދުމަށް 'ރަނގަޅު މީހާއާ ބައްދަލުވުން' ވަރަށް މުހިންމޭ މީހުން ބުނެ އުޅެއެއް ނޫން ހެއްޔެވެ؟

ޖަމާލަކީ ފަހަރެއްގައި އެ ރަނގަޅު މީހާއެވެ. ނުވަތަ އެ ރަނގަޅު މީހާ އަކީ ނީޒާ އެވެ.

މިކަން ޔަގީންނުވިޔަސް ޖަމާލު ކިޔައިދިން ވާހަކަ އާއި އުފެއްދި ސުވާލުތަކަށް ފަހު ނީޒާ އަށް މިހާރު ހީވަނީ އޭނާގެ ހަޔާތުގެ ވާހަކަ އަކީ މިޔޭ ކިޔައިގެން އަހަރެން ކިޔައިދިން އެ ހުރިހާ ވާހަކަ އަކީ އޭގައި އެއްވެސް އަސްލެއް ނެތް ހުސް ވާހަކަތަކެއް ކަމަށެވެ. އެއީ ހަމައެކަނި ބޮލުގައި އިންދާފައިވާ ހިޔާލުތަކެއް ކަމަށެވެ. އަދި ނީޒާ އަކީ ވެސް ޖަމާލް އެ ބުނާ ފަދައިން 'މި ދުނިޔެއެއްގައި' ބަންދުވެފައިވާ ކޮންމެވެސް އެއްޗެއް ކަމަށެވެ.

އެކަމަކު މިހެން ވާންވީ ކީއްވެގެން ހެއްޔެވެ؟ މިއީ އަހަރެންގެ ވާހަކައެކެވެ. އަހަރެން ކިޔައިދޭ ވާހަކައެކެވެ. އެހެންވީމަ މި ކެރެކްޓާތަކުގެ ބެކްސްޓޯރީ އެންމެ ރަނގަޅަށް އެނގޭނީ ވެސް މަށަކަށް ނޫން ހެއްޔެވެ؟ މީހުންގެ ބޮލުގައި ވަސްވާސް އިންދަން ޖަމާލަށް އެ ބާރާއި އިހުތިޔާރު ދިނީ ކާކު ހެއްޔެވެ؟ ޖަމާލަކީ އަމުދަކުން މި ވާހަކައިގެ އެންމެ މުހިންމު ކެރެކްޓާއެއް ވެސް ނޫނެވެ.

އެހެންވީމަ އަހަރެންގެ ސަންގުމަރުމަރު ހިލަ ހިތާއި މި ޕްލޮޓާ ކުޅެވިދާނެ ކަމަށް ޖަމާލްގެ ހިތަށް އަރަނީ ނަމަ އޭނާ ހީނުކުރާ ހިސާބަކަށް މި ވާހަކަ ގެންދަން ހިނގާށެވެ. ނީޒާ އަށް އިރުގެ އަލިކަން ދައްކަން ހިނގާށެވެ. އަދި އަނދިރިކަމާ ގާތަށް ޖަމާލް އެ ގެންދަނީ ކޮން އެދުމެއްކަން ނީޒާ އަށް ބުނެދޭން ހިނގާށެވެ.

"ތިހެން އުޅޭއިރު ހީވޭތަ އަބަދު އެއް ތަނެއްގައި އުޅެވޭހެން. އަބަދު އެއްކަމެއް ކުރެވޭހެން. މި ނޫން އެހެން ތަނަކަށް އަހަރެމެން ދެ މީހުންނަށް ނުދެވޭކަން. މި ނޫން އެހެން ގޮތަކަށް އަހަރެމެން ދެ މީހުން ބައްދަލުނުވާކަން،" ވިލިނގިލީގެ ބީޗުގައި ހުރި ބެންޗު ހަޓު ފެނުމުން ނީޒާގެ ހިތަށް އެރީ ޖަމާލް އުފެއްދި މި ސުވާލުތަކެވެ.

އަހަރެން އިނީ އެ ބީޗު ހަޓުގެ ހިޔަލުގައެވެ. ހިޔަލުގައޭ އަހަރެން މި ބުނީ، މި މަންޒަރުގެ މިއަދުގެ ސެޓިން އަކީ ދުވާލުގެ މެންދުރުގެ ވަގުތަކަށްވީމައެވެ. އެކަން ގަބޫލުކުރަން ދަތިވެ ނީޒާ އަށް ހުރެވުނީ އަހަންނާ ދިމާލަށް ބަލަހައްޓައިގެން އެ ރަތްދަކަ އަވީގައެވެ. ނުވަތަ އޭނާ ބަލަހައްޓައިގެން އެހެރީ އަހަރެންނާ އެކު މި ހިޔަލުގައި މި އިން ޒުވާނާ އަށެވެ. މިއީ އޭނާ ދަންނަ މޫނެކެވެ. އެކަމަކު މިއީ ޖަމާލެއް ނޫނެވެ.

ލޮލުގައި އޮތް އަވި އައިނު ހެޔޮވަރުކޮށް، ކޮނޑުގައި އަޅުވާފައި އޮތް ހޭންޑްބޭގްގައި ދެ އަތުން ހިފަހައްޓައިގެން ހުރެ ކުރިއަށް ހިނގަމުން އައިސް ނީޒާ އަހަރެންގެ ހަޓުގެ ހިޔަލަށް ވަދެ އަހަރެންގެ އުނގުގައި އިށީނެވެ. އަހަރެން ހަމަ އަނގައިން ވެސް ނުބުނަމެވެ. އެއަށް ވުރެ ބޮޑަށް އަހަރެން ބޭނުންވީ ޖެހިގެން މިހިރަ ޒުވާނާ ބޭނުންކޮށްގެން ނީޒާގެ ހިޔާލާއި ފިކުރުތަކުން ޖަމާލްގެ މި "ދުނިޔެއެއް" ގެ މޮޔަ ހިޔާލުތައް ފޮޅައި ބޭރުކުރާށެވެ.

ނީޒާ ކައިރީގައި މި އިނީ ސާމިރެވެ. އެކަމަކު ނީޒާ އެހެރީ ސާމިރު ވެސް ނުދަންނަ ކަމަށް ހެދިގެންނެވެ.

މިނިވަން ކަމުގެ ފުރިހަމަ އިހުތިޔާރަކީ ވަރަށް ވެސް ތޫނު ހަތިޔާރެކެވެ. ނަމަވެސް އަހަރެމެންގެ ތެރެއިން އެކަން އެނގެނީ ވަރަށް ވެސް މަދު ބަޔަކަށެވެ. އަދި މިނިވަންކަމުގެ މި ފުރިހަމަ އިހުތިޔާރަކީ ބައެއް ފަހަރަށް އެހާމެ ނުރައްކާ ވެސް ހަތިޔާރެކެވެ. ތޫނު އަދި އެހާމެ ނުރައްކާ ހަތިޔާރެއް ފުރިހަމަ މިނިވަނެއްގެ އަތަށް އެރުމަކީ އޭގެ ސަބަބުން އަދި އެއަށް ވުރެ ނުރައްކާތެރި ހާލަތްތަކެއް ވެސް އުފެދިދާނެ ކަމެކެވެ. އެބާރާއި އާރު ލިބުމުން މީހަކަށް ތެދުމަގު ވެސް އޮޅިދާނެ އެވެ.

ތަރުބިއްޔަތާއި ތަހުޒީބާއި ހެވާއި ނުބައި ކިޔައިދޭނެ މީހަކު އިންސާނާ އަށް އަބަދުވެސް ބޭނުންވާ ސަބަބަކީ މިއެވެ. ގެއްލި ނެތި ފަނާވެ ދިއުމުގެ ކުރިން އެމީހަކު ސަލާމަތްކުރުމަށެވެ.

އެކަމަކު ނީޒާ އަދިވެސް އެ އިނީ ސާމިރު ނުދަންނަ ކަމަށް ހެދިގެންނެވެ. ނަމަވެސް ސާމިރު އަކީ ނީޒާގެ ހަޔާތުގެ ވާހަކަ މިހިސާބަށް ގެނެސްދިނުމުގައި ވަރަށް މުހިންމު ރޯލެއް ކުޅެފައިވާ ކެރެކްޓާއެކެވެ. އަނެއްކޮޅުން ޖަމާލް އެ ބުނާ "މި ދުނިޔެއެއް" ގައި ނީޒާ ތާށިވެ ބަންދުވެފައިވާ ނަމަ އެކަން ވެސް އެންމެ ރަނގަޅަށް ހަމަ ނީޒާ އަށް ބުނެދެވޭނެ އެކަކަށް ވާނީ ސާމިރެވެ. ސަބަބަކީ ސާމިރުގެ ކިބައިން ނީޒާ ސަލާމަތްވިގޮތް ނީޒާ އަށް ނޭނގޭއިރު އަދި ނީޒާގެ ހަނދާނުގައި މިހާރު އެ ހުރިހާ ކަމަކާއި ސާމިރެއް ނެތް ކަމުގައިވިޔަސް ނީޒާގެ މި ހަޔާތުގެ އަސްލު އޭނާ އަށް ވުރެ ބޮޑަށް ސާމިރަށް އެނގޭތީ އެވެ.

"ހާދަ ލަހުން ތި އާދެވުނީ،" ބޯކިރުހާ ހުދު ގަމީހަކާއި ކަޅުފޮއެރެއެއްހާ އަނދިރި ފަޓްލޫނެއް ލައިގެން އިން ސާމިރު ނީޒާއާ ދިމާލަށް އެނބުރި ބުނެލިއެވެ.

ނީޒާ އަށް އެ އަޑު އިވުނެވެ. އެކަމަކު ނުވެސް ދަންނަ، ދުވަހަކު ވެސް ބައްދަލުވެފައި ނެތް މީހަކު އެގޮތަށް ވާހަކަ ދެއްކުމުން ނީޒާގެ މޫނުމަތީގައި ކުރެހީ ހުތުރު ސުވާލެކެވެ.

ރިވެލީގެ ހިތްގައިމު މަންޒަރުން ލޮލާއި ބޯ ދަމައިގަނެ ނީޒާ ކުއްލިއަކަށް ސާމިރުއާ ދިމާލަށް އެނބުރުނެވެ.

"ހާދަ ހައިރާންވެފަ؟ އަނެއްކާ ކިހިނެތް ވީ؟"

ސާމިރު ހިނިތުންވެ އަހާލިއެވެ. ދެން ވެސް ކިޔާނެ އެއްޗެއް ނީޒާގެ ދުލަކަށް ނައެވެ. ބޮލަކަށް ވެސް ނައެވެ.

"މިއީ ނީޒާ ބޭނުންވި ގޮތެއް ނޫންތަ؟ ދެ މީހުން މި ތަނުން ބައްދަލުވުން. އެކަމަކު ގަޑިޖެހިގެން ތިއައީ،" އަތުކުރީގައި އޮތް ސްމާޓްވޮޗުން ވަގުތު ބަލައި ސާމިރު އަނެއްކާވެސް ނީޒާ އަށް ހީނިލިއެވެ.

"ބައިގަޑިއިރު. ބަރާބަރު ބައިގަޑިއިރު ލަހުން ތި އާދެވުނީ. އެކަމަކު ކިހިނެއް ވެފަތަ ތި އިންނަނީ އަދިވެސް"

ސާމިރުގެ އަޑުގައި ވަނީ ސަމާސާ، ލުއި ރާގެކެވެ.

"އޭއއއި. މިއީ މަށޭ."

"ކާކު؟،" އެންމެފަހުން ނީޒާ އެހިއެވެ.

ނީޒާގެ އެ ސުވާލުގައިވީ ހަގީގަތް ގަބޫލުނުކުރެވި ސާމިރަށް އަނެއްކާވެސް ހެވިއްޖެއެވެ. އޭނާގެ މޫނު އުދަރެހާ ދިމާލަށް ގެންގޮސް އަނެއްކާވެސް އެނބުރި ނީޒާއާގެ މޫނަށް އައިސް ހުއްޓިއްޖެއެވެ.

"ކާކުހޭ؟"

ކިޔާނެ އެއްޗެއް ސާމިރަކަށް ވެސް ނޭނގުނެވެ. އަނގައިން ނުބުނެ އިރުކޮޅެއް ވަންދެން އިނދެލުމަށް ފަހު ކުއްލިއަކަށް ފަށައިގަތެވެ.

"ނީޒާ މިގޮތަށް މިއ...."

"ކިހިނެތް މަގޭ ނަން އެނގެނީ؟،" ނީޒާގެ ސުވާލާއެކު ސާމިރު ހުއްޓުވާލިއެވެ.

"ނަން އެކަންޏެއް ނޫނޭ މަށަށް އެނގެނީ. އަދި ބައިވަރު އެހެން ކަންތައްތައް ވެސް މަށަށް އެނގޭ. އެކަމަކު މިދެން ކޮން ސަކަރާތެއްތަ،" ސާމިރުގެ އަޑުގައިވީ ސަމާސާކަމާއި ހަމަޖެހުން ކުއްލިއަކަށް ގެއްލިއްޖެއެވެ.

"ނީޒާ ނުބުނި ނަމަކާއެއް މަށެއް މިތަނަކަށް މިއަދު ނާންނާނަމޭ. އަހަރެން ނޫޅޭމޭ ކުރާނެ ކަމެއް ނެތިގެނެއް. އެކަމަކު ނީޒާ އަށް ރަނގަޅަށް އެނގެއެއްނުން އެކަހަލަ ކޯލެއް ކުރީމަ މިތަނަށް އައުން ނޫން އެހެން އިހުތިޔާރެއް މަށަކަށް ވެސް ނޯންނާނެކަން"

"ކޮން ކަހަލަ ކޯލެއް؟ މަށެއް ނުބުނަން އެއްވެސް މީހެއް ކައިރިއަކު މިތަނަށް އަންނާކަށް. އަމުދަކުން މަށެއް ނުވެސް ދަންނަން ކަލެއެއް،" ނީޒާ ވެސް އެންމެފަހުން އޭނާގެ ހިތްހަމަނުޖެހުން ފޮޅައި ބޭރުކޮށްލިއެވެ.

"މާތްކަލާކޮ. ޒުވާބުކުރާނެ މީހަކު ނުވެގެން، ފޫހިވެގެން ޒުވާބުކުރަންތަ އަހަރެން މިތަނަށް ތި ގެނައީ. އަހަރެމެން ދެ މީހުން މިގޮތަށް ބައްދަލުވާ ކޮންމެ ފަހަރަކު އަބަދުވެސް މިގޮތަށް ޒުވާބުކުރަން ޖެހެނީ ކީއްވެގެންތަ؟ ހަމަޖެހިލައިގެން ވާހަކައެއް ދައްކާނުލެވެނީ ކީއްވެގެންތަ؟،" ސާމިރުގެ ރުޅިގަނޑު ވެސް ފަޅައިގެން ގޮސް އޭނާ ތެދުވިއްޖެއެވެ.

ސިނގިރޭޓެއް ނަގައި ރޯކޮށް ގަދަ އަށް ދަމާލިއެވެ. ދުންތައް ބޭރުކޮށްލަމުން އެނބުރި ނީޒާގެ މޫނަށް ބަލައިލިއެވެ. ޗޮސް ކަނޑަމުން ބޯ ހޯރަމުން އަނެއްކާވެސް އުދަރެހުގައިވީ ގަދަ އަލިކަމަށް އެނބުރިގަތެވެ.

ދެން އެއްވެސް މީހަކު އަނެއްކާވެސް އިރުކޮޅެއްވަންދެން އަނގައިން ނުބުނެއެވެ. މިހެން ތިބެފައި ސިނގިރޭޓަށް އަވަސްއަވަހަށް ދެ ތިން ފަހަރަކު ދަމާލައި ޝަހާދަތް އިނގިލީގެ ބާރުގައި އެ ސިގިރޭޓް ފިލްޓަރުގަނޑު ވައިގެ ތެރެއަށް އުދުއްސާލުމަށް ފަހު އެނބުރިގެން އައިސް ސާމިރު އަނެއްކާވެސް އިށީނެވެ.

ނީޒާއާ ދިމާލަށް އެނބުރިގެންނެވެ. ލޮލުގައި އޮތް އަވި އައިނު ނަގާލުމަށް ފަހު ނީޒާ ވެސް ސާމިރުއާ ދިމާލަށް ރަނގަޅަށް އެނބުރިގަތެވެ.

"މި ހުރިހާ ކަމެއް ވެސް ވާގޮތް ވަރަށް ރަނގަޅަށް ނީޒާ އަށް އެނގޭނެ. ނީޒާ ވަކި ކަމަކަށް އެދުނީމަ، ވަކި އެއްޗެއް ބޭނުންވީމަ، ވަކި މީހެއްގެ އެހީތެރިކަން ބޭނުންވީމަ، އެކަމަށް އެދުނީމަ އެ ކަމެއް ވާނެ. އެ އެއްޗެއް، އެ މީހެއް ނީޒާ ބުނާ ތަނަކަށް ފޮނުވާނެ،" ސާމިރު ފަތިވަރަކަށް ކިޔައިދެމުން ދިޔައީ ނީޒާ އަށް އެ ހުރިހާ އެއްޗެއް އެނގޭ ކަމަށް ހީކޮށްގެންނެވެ.

"އަހަރެން މިތަނަށް މި އައީ ނީޒާ އެގޮތް ބޭނުންވެގެން، އެގޮތަށް އެދުނީމަ"

"ނީޒާ މިކަމަށް އެދި ދުއާކުރީމައެއްނޫންތަ."

މިހެން ބުނެފައި ސާމިރު ހުއްޓާލިއެވެ. އެއަށް ފަހު ކިޔާނެ އެއްޗެއް ނޭނގި، ސާމިރުގެ އެ ވާހަކަ ބޮލަށް ނަގައިނުގަނެވި، ހިރިނުލެވި ސާމިރުއާ ދިމާލަށް ބަލަހައްޓައިގެން ނީޒާ އަށް ހަމަ އިނދެވުނީއެވެ.

"ދުއާކުރީމައޭ؟ ކަލޭ ތިއީ ކާކުތަ މަ ދުއާކޮށްގެން މިތަނަށް ގެންނަން. މަ ނުވެސް ދަންނަން ކަލެއެއް އެންމެ ފުރަތަމަ ކަމަކަށް. ބޯ ހަމަ ޖައްސާލަން، ވައި ޖައްސާލަން މިތަނަށް އައީމަ ކަލޭގެ ތި ހިޔާލީ ފޮލާއަކުން ނެއްޓޭ ގޮތެއް ނުވިއެއްނުން މަށެއް،" ނީޒާ ހުރިތަނުން ފުންމައިގެން ތެދުވެ އެންމެފަހުން ސާމިރުއާ ދިމާލަށް ބަވައިގަތެވެ.

"މިދެން ކިހާ ބޮޑުވެއްޖެ ކަމެއް އެކަމަކު"

"އެންމެ ރަނގަޅޭ. އަހަރެން ގޮސްދާނަމޭ. އެކަމަކު ޖަމާލު އެ ދައްކާ ވާހަކަތައް ގަބޫލުނުކުރާތި،" ސާމިރު އެންމެފަހުން ގޮތްދޫކޮށް ދޫކޮށްލިއެވެ.

އެކަމަކު ނީޒާ ދެން ވެސް ދުލެއް ނުދިނެވެ.

"ޖަމާލޭ. ކިހިނެތް ކަލޭ ޖަމާލް ދަންނަނީ؟ ކަލޭ ތިއީ ކާކުހޭ،" އެންމެފަހުން ބަޑިފަޅައިގެން ގޮސް އަޑު ފަޅައިގެން ހިނގައްޖެއެވެ.

"ކާކުހޭ ކަލޭ ތިއީ، މަގޭ ހުރިހާ ކަމެއް އަލިފުންޔާއަށް ތިކިޔައިދެނީ ހުރެގެން."

ފެންކަޅިވެ ތުރުތުރުލަމުން ދިޔަ ނީޒާ އަށް ދޭނެ ޖަވާބެއް ސާމިރުގެ އަތުގައި އިތުރަކަށް ނެތެވެ. ނުވަތަ ނީޒާގެ ބަލިކަށިވި ނަފުސާއި ނިކަމެތިކަން ލޯކުރިމައްޗަށް ފާޅުވުމުން ދެން އެކައްޗެއް ވެސް ކިޔަން ބޭނުން ނުވީ އެވެ.

"ޖަމާލް ދައްކާ ވާހަކަ ގަބޫލުނުކުރާތި. އަދި މަށަށް ދެން ނުގޮވާތި،" ސާމިރު ތެދުވިގެން އައިސް ނީޒާގެ ކަންފަތް ދޮށުގައި ބުނެލީ މިހެންނެވެ.

އެއަށް ފަހު ބީޗު ހަޓުގެ ހިޔަލުން ނުކުމެ ދުރަށް ހިނގައިގަތެވެ. ނީޒާ އަށް އެނބުރި ބަލައިލެވުނީ، ކަރުނަ ފޮހެ ހަމަޖެހިލުމަށް ފަހު އެވެ. އޭރު ސާމިރުގެ ހިލަމެއް ވެސް އެހިސާބުގައި ނުވެއެވެ.

އެއީ ކާކުކަން ނީޒާ އަށް ނޭނގުނަސް އެ މީހަކު އެ ދިޔައީ ނީޒާގެ ހިތަށާއި ބޮލަށް ޝައްކާއި ވަހުމުގެ ހަންޖަރު ހަރައި ޒަޚަމްކޮށްލުމަށް ފަހު އެވެ. އަދި ވީއެއްނުވީއެއް ނޭނގި އިންދައި އިރުއޮއްސި އަނދިރިވެއްޖެއެވެ.

ނީޒާ އަހަރެންގެ ގައިގައި ބާރަކަށް ހިފަހައްޓައިގަތެވެ. ސަންގުމަރުމަރުގެ ފިނިން އޭނާގެ މި އުދާސްތަކަށް ފިނިކަމެއް ފޯރުކޮށްނުދެވޭ ނަމަ އެކަން ކުރާނެ އެހެން ގޮތެއް އަހަންނަކަށް ހަމަ ނޭނގެއެވެ. އަދި ސާމިރު އެ ދިން އިންޒާރު ނީޒާ އަށް ޝަރަހަކޮށްދޭނެ ގޮތެއް އަހަންނަކަށް ނޭނގެއެވެ. އަދި ނީޒާގެ ވަށައިގެން މިވާ މާހައުލާއި ދުނިޔޭގެ ހަގީގަތް އޭނާގެ ސިކުނޑި އަށް ވިސްނައިދޭނެ ގޮތެއް ވެސް އަހަންނަކަށް ނޭނގެއެވެ.

ނީޒާގެ ގައިގައި ބައްދާލައި އެ ހިތަށް ފިނިކަމެއް ހޯދައިދޭން ބޭނުންވިޔަސް އެކަން ކުރާނެ ގޮތެއް އަހަންނަކަށް ނޭނގެއެވެ. މިހެން ތިއްބައި އަހަރެމެންގެ މި ދަރުބާރަށް އައިސް އިށީނީ ޖަމާލެވެ. ހީވަނީ އުފާވެރި ޚަބަރަކާއިގެން އައިހެންނެވެ.

އެކަމަކު އެންމެ ފުރަތަމަ އެހެން ސުވާލެކެވެ.

"ކީއްވެ ތި ރޮނީ؟"

"މަށެއް ނުރޮން،" ލޮލުން ކަރުނަ ފޮހެ ނީޒާ ހަމަޖެހިލިއެވެ.

"ކާކާ މިއަދު ބައްދަލުކުރީ؟"

ޖަމާލްގެ ދެ ވަނަ ސުވާލާއެކު ނީޒާ އޭނާއާ ދިމާލަށް އެނބުރުނެވެ. ޖަމާލް އިނީ ސީދާ ނީޒާގެ ދެ ލޮލަށް ބަލަހައްޓައިގެންނެވެ.

"ކިހިނެތްވީ؟،" ލިބުނު ހައިރާންކަން ފޮރުވަމުން ނީޒާ އެހީ މިހެންނެވެ.

ޖަމާލް އެއިނީ ހަމަ އަސްލަށް ވެސް ހިތްއަވަސްވެ ކޮންމެވެސް ބޮޑު އުފާވެރިކަމަކުން ފުރިފައެވެ. ތެދެކެވެ. ޖަމާލް ބުނެބަލާށެވެ. ކިހިނެތްވީ ހެއްޔެވެ؟

"އަހަރެން ވެސް މި އައީ މިއަދު މީހަކާ ބައްދަލުކޮށްފައޭ،" މޭގައި އޮބިނޯވެގެން އުޅޭ ހިތް ތެޅެމުން ކުރިއަށް ޖެހެމުން އައިސް ނީޒާ އަށް އޭނާގެ ހޫނު އިހުސާސުވާހާ ގާތަށް ޖަމާލް ޖެހިލިއެވެ.

"ކާކު؟،" ނީޒާގެ ކުއްލިއަކަށް ވަރަށް މަޑުވިއެވެ.

"މަންމަ... އަހަރެންގެ މަންމަ،" ޖަމާލަށް އެ ޖަޒުބާތުތައް ނުހިފެހެއްޓި ނީޒާގެ މޫނުމައްޗަށް ފަޅައިގެން ގޮސް އޭނާގެ އަތު ތެރެއަށް ވެއްޓި ބައްދައިގަތެވެ.

ހަތަރެސްފައި ތުރުތުރުއަޅަމުން މުޅި އެ އަޑުގައި ރޫރޫއަޅަމުންނެވެ.

"އަހަރެންގެ މަންމަ. މަންމަ."

ގިސްލައި ރޮމުން ގެންދިޔަ ޖަމާލްގެ ގައިގައި ބައްދާލައިގެން އޭނާގެ ބުރަކަށިމަތީގައި ދެ އަތް ބާއްވާލައިގެން އޮތްއިރު ނީޒާގެ ސިކުނޑި ތޮރުފަމުން ދިޔައީ ސާމިރުގެ އިންޒާރެވެ.

"ޖަމާލް ދައްކާ ވާހަކަ ގަބޫލުނުކުރައްޗޭ،" ހީވަނީ އަދިވެސް ސާމިރު ނީޒާގެ ކަންފަތް ދޮށުގައި ކިޔަމުންދިޔަހެންނެވެ.

ނީޒާ ސިހިގެން ގޮސް އެ ހިޔާލުގެ ތެރެއިން ހޭލެވި ނުކުމެވުނީ ފުންމައިގެން ޖަމާލް ތެދުވެ ދުރަށް ޖެހިލުމުންނެވެ. ޖަމާލްގެ ދެ އަތް ގެނެސް ނީޒާގެ ދެ އަތުގައި ހިފައި ބާރުކޮށްލިއެވެ.

"މަށަށް އެހީވާނަންދޯ؟"

ޖަމާލްގެ ދެ ލޯ ވަނީ އަދިވެސް ކަރުނައިން ދިއްލިފައެވެ.

"ކީއްކުރަން؟،" ވަރަށް ވިސްނައިގެން ހުރެ ނީޒާ އަހާލިއެވެ.

"އޭނަ މަރާލަން. އެ މަރީނާ މަރާލަން."

ޖަމާލްގެ އެ ވާހަކައިން ހީވީ ނީޒާގެ މައިބަދަ އަށް ތޫނު ކަށިތަކެއް ހަރާލިހެންނެވެ. ނަމަވެސް ޖަމާލުއާ ހަތަރުކަޅި ހަމަކުރިގޮތަށް އިނދެ ނީޒާގެ ހުރިހާ ޖަޒުބާތެއް ދެ މީހުންގެ ދެމެދުގައި ވަޅުލައި ފޮރުވީއެވެ.

ޖަމާލް އަނެއްކާވެސް ކުއްލިއަކަށް ނީޒާގެ ގައިގައި ބައްދައިގަތެވެ. ކުރިއަށް ވުރެ ވެސް ބާރަށެވެ.