ރޯދައިގެ ތިން ސުވާލާއި ޖަވާބު!
ރޯދައިގެ ތިން ސުވާލާއި ޖަވާބު!

ތަރުޖަމާ: ޑރ. ސައުދުﷲ އަލީ

ސ- ރޯދަ އަށް ނިޔަތް ގަތުމުގައި ރޯދަމަހުގެ ކޮންމެ ރެއަކު ވަކިން ނިޔަތް ނުގަނެ އެ މަސް ފެށުމާއެކު މުޅި ރޯދަމަސް އެކީ ރޯދަހިފުމަށް ނިޔަތް ގަތުމުން ފުދޭނެތޯ އެވެ؟

ޖ- މި ސުވާލުގެ ޖަވާބުގައި މިސްރުގެ އިލްމުވެރިއެއް ކަމުގައިވާ އައްޝައިހް އަބްދުލް މުއިއްޒުލް ޖައްޒާރު ވިދާޅުވަނީ ނިޔަތަކީ ރޯދައިގެ ރުކުނެއް ކަމަށެވެ. އެ ރުކުނާ ނުލައި ރޯދަ ސައްހައެއް ނުވާނެ އެވެ. ރޯދަ އަށް ނިޔަތް ގަތުމުގެ ވަގުތަކީ ފަރުޟު ރޯދަތަކުގައި ނަމަ އިރުއޮއްސުމަށް ފަހު ފަޖުރުލުމުގެ ކުރިންނެވެ.

ސުނަންނަތް ރޯދަތަކުގައި ނަމަ ދުވާލު ނިޔަތް ގަތަސް ފުދޭނެ އެވެ. ނިޔަތަކީ ދުލުން ކިޔާ އެއްޗެއް ނޫނެވެ. އެއީ ހިތުގެ އަމަލެކެވެ. ނަމަވެސް ނިޔަތް ގަންނަ ހިނދު އެކަން ދުލުން ފާޅުކުރުމަކީ ބައެއް މަޒުހަބުތަކުގައި ސުންނަތެކެވެ. ފަރުޟު ރޯދަތަކުގައި އެއީ ފަރުޟު ރޯދައެއްކަން އަދި އެއީ ރަމަޟާންމަހުގެ ރޯދައެއްކަން އައްޔަން ކުރުން ވާޖިބު ވާނެ އެވެ. އަދި ޝާފިއީ މަޒުހަބުގައިވާ ގޮތުން ކޮންމެ ރޯދައަކަށް ވަކިން ނިޔަތް ގަންނަން ވާނެ އެވެ. ނަމަވެސް ރޯދަމަހުގެ ހުރިހާ ރޯދައަކަށް އެއް ނިޔަތަކުން ފުދޭނެ ކަމަށް އެހެން ބައެއް މަޒުހަބުތަކުގެ އިލްމުވެރިން ފަތުވާ ދެއްވާފައިވެ އެވެ.

ވީމާ ކުރިން ބުނި ކަންތައްތައް ނިޔަތުގައި އައްޔަންކުރުން ބައެއް އިލްމުވެރިން ވާޖިބު ކުރެއްވި ނަމަވެސް ހަގީގަތުގައި ރޯދަމަހު ރޭގަނޑު ހާރު ކެއުން ނުވަތަ ދުވާލު ކަރު ހިއްކުމުން ސަލާމަތްވުމުގެ ނިޔަތުގައި ރޭގަނޑު ފެން ބުއިން ނުވަތަ ފަޖުރުލާފާނެ ކަމުގެ ބިރު ހީވެގެން ކެއުންބުއިމުން ދުރުހެލިވުން ފަދަ ކަންކަމަކީ ވެސް ރޯދައިގެ މަތިން އެ ދަނޑިވަޅުތަކުގައި ހަނދާންވި ނަމަ ނިޔަތް ގަނެވުނީ ކަމުގައި ބެލެވޭނެ ކަންކަމެވެ.

ސ- ބައެއް މީހުން ނަމާދަށް ފަރުވާތެރިކަމެއް ނުބަހައްޓައެވެ. ނަމަވެސް ރޯދަމަސް އައުމުން ރޯދަ ހިފަ އެވެ. އެ ފަދަ މީހުންގެ ރޯދަ ކަމުދާނެތޯ އެވެ؟

ޖ- އަޒުހަރުގެ ފަތުވާ ކޮމިޓީގެ ރައީސް ފަޟީލަތުއްޝައިހް އަތިއްޔާ ސަގްރު ވިދާޅުވެފައިވާ ގޮތުގައި، އިސްލާމްދީނުގެ އެއް ރުކުނެއް އަދާކުރެވުމަކުން އަނެއް ރުކުނެއް އަދާކުރެވުނީ ކަމުގައެއް ނުބެލެވޭނެ އެވެ. އަދި ރުކުނެއް އަދާކުރެވުނީ ކަމުގައި ބެލުމަށް އެހެން ރުކުނެއް އަދާކުރެވިފައިވުން ލާޒިމެއް ވެސް ނުކުރެ އެވެ.

ވީމާ ރޯދައިގެ ރުކުންތަކާއި ޝަރުތުތައް ފުރިހަމަކޮށް ރޯދަ ހިފައިފި ނަމަ ނަމާދު ނުކުރިއަސް ރޯދަ އަދާކުރި ކަމުގައި ބެލެވޭނެ އެވެ. ނަމަވެސް ރޯދަ އިން ލިބޭ ސަވާބު އެއީ ﷲ ގެ އިލްމުފުޅުގައިވާ ކަމެކެވެ.

ފަހަރެއްގައި އެ ރޯދައިގެ ސަވާބު އޭނާ އަށް ލިބިދާނެ އެވެ. ނަމަވެސް ނަމާދަކީ ދީނުގެ ތަނބު ކަމުގައިވާއިރު އެ ތަނބު މުގުރާފައި ހުރެ ކުރާ އެހެން އަޅުކަންތަކުން ސަވާބު ލިބުމަށް ވުރެ ނުލިބުން ގާތެވެ. ވީމާ ރޯދަ އަށް ހުއްޓަސް ރޯދަ އަށް ނުހުއްޓަސް ނަމާދު އޭގެ ވަގުތުގައި ފުރިހަމައަށް އަދާ ކުރުމަކީ ލާޒިމު ކަމެކެވެ.

ސ- ކާއެއްޗެހި ތައްޔާރު ކުރާ މީހުން ރޯދައަށް ތިބެ އެއެއްޗެހީގެ ރަހަ ބެލުމަކީ ހުއްދަ ކަމެއްތޯ އެވެ؟

ޖ- އަޒުހަރުގެ އިލްމުވެރިއެއް ކަމުގައިވާ އައްޝައިޚް ޢަބްދުލްއަސީމުލް ހަމީލީ ވިދާޅުވެފައިވާ ގޮތުގައި ކާއެއްޗެތީގެ ރަހަ ބެލުމަކީ އޭގެ ރަހަ އެތެރެހަށްޓަށް ވާސިލުވެދާނެ ކަމުގެ ބިރު އެކުލެވޭ ކަމެކެވެ.

އެހެންކަމުން ކާއެއްޗެހީގެ ރަހަބެލުން [އެތެރެހަށްޓަށް ކާތަކެތީގެ ރަހަ ނުދާ ގޮތުގައި] އެއީ އިލްމުވެރިން މަކްރޫހަ ކަމެއް ކަމުގައި ފާހަގަ ކުރައްވާފައިވާ ކަމެކެވެ.

(ހަރާމް ކަމެއް ނޫނެވެ) ނަމަވެސް ކޮންމެހެން ރަހަ ނުބަލައި ދޫކޮށް ލެވެން ނެތް ހިނދެއްގައި ކަރުތެރެއަށް ރަހަ ނުދާ ގޮތެއްގައި ދުލުން ރަހަބެލުމަކީ ހުއްދަ ކަމެކެވެ. ކަރުތެރެއަށް ކާއެއްޗެހީގެ ރަހަ ވާސިލު ވެއްޖެ ނަމަ އެ ރޯދަ ގެއްލޭނެ އެވެ.