ޕުޓިންއަކީ އަނިޔާވެރިއެއް، ޝަރީއަތަށް ހުށަހަޅާ: ބައިޑެން
ޕުޓިންއަކީ އަނިޔާވެރިއެއް، ޝަރީއަތަށް ހުށަހަޅާ: ބައިޑެން

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަކީ ވަރަށް އަނިޔާވެރި މީހެއް ކަމަށް ސިފަކޮށް، އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ގޮވާލައްވައިފި އެވެ.

ޕުޓިންއަކީ އަނިޔާވެރިއެއް، ޝަރީއަތަށް ހުށަހަޅާ: ބައިޑެން
ޕުޓިންއަކީ އަނިޔާވެރިއެއް، ޝަރީއަތަށް ހުށަހަޅާ: ބައިޑެން

ބައިޑެން ވިދާޅުވީ ޕުޓިންއަކީ ހަނގުރާމައިގެ މުޖުރިމެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ރަޝިޔާ ސިފައިން ޔޫކްރޭންގައި ހިންގަމުންދާ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގެ ހެކިތައް އިތުރަށް ފެންނަމުންދާ ކަމަށެވެ. ބައިޑެން މިމޭރުމުން ޕުޓިން އަށް ފާޑުވިދާޅުވީ، ޔޫކްރޭންގެ ހުޅަނގުއުތުރުގައި އޮތް ބޫޗާ އަވަށުން ރަޝިޔާ ސިފައިން ފައިބައިގެން ދިޔައިރު، އެ އަވަށުގައި ރަޝިޔާ ސިފައިން އާންމުން މަރާފައިވާ ކަމަށް ތުހުމަތުކުރެވޭ ހެކިތައް ފެންނަން ފެށުމުންނެވެ.

"ކަލޭމެން ހަނދާން ހުންނާނެ، ޕުޓިންއަކީ ހަނގުރާމައިގެ މުޖުރިމެއްކަމަށް މީގެ ކުރިން ބުނެގެން ވެސް އަހަރެންނަށް ފާޑުކިޔުންތައް އަމާޒުވިކަން. ބޫޗާގައި ކަންތައް ހިނގައި ދިޔަ ގޮތް ކަލޭމެންނަށް މިހާރު ފެންނާނެ. އޭނާއަކީ ހަނގުރާމައިގެ މުޖުރިމެއް. އެހެން ނަމަވެސް އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށްޓަކައި، އޭނާ ހިންގި ޖަރީމާތަކުގެ ހުރިހާ ތަފްސީލުތަކެއް އަހަރެމެން ހޯދަންޖެހޭނެ،" ބައިޑެން ވިދާޅުވި އެވެ.

ބޫޗާގެ މަގުތަކުން މަރުވެފައިވާ އާންމުންގެ 400 އަށް ވުރެ ގިނަ ހަށިގަނޑު ފެންނަން އޮތް ކަމަށް، އެ އަވަށަށް ދިޔަ ބައިނަލްއަގުވާމީ ނޫސްވެރިން ބުނެ އެވެ. އަދި އެ އަވަށުގެ ބައެއް ސަރަހައްދުތަކުގައި ބޮޑެތި ވަޅުގަނޑުތަކަށް މީހުންގެ ހަށިގަނޑުތައް އަޅާފައި ހުރި ކަމަށާއި، ބައެއް ހަށިގަނޑުތައް ހުރީ ދެބައިކުޅަ އެއްބައި ވަޅުލެވިފައި ކަމަށްވާތީ، އެވަޅުގަނޑުތަކުގައި ހުރީ ކިތައް މީހުންގެ ހަށިގަނޑުކަން ނޭނގޭ ކަމަށް ވެސް ނޫސްވެރިން ބުނެ އެވެ.

ނަމަވެސް ރަޝިޔާ އިން ބުނި ގޮތުގައި ބޫޗާ އިން އާންމުންގެ ބަޔަކު މަރާފައިވާ ނަމަ، އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ޔޫކްރޭން ސިފައިންނެވެ. ބޫޗާގައި ރަޝިޔާ ސިފައިން ހިންގާފައިވާ ކަމަށް ބެލެވޭ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގުކޮށް، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގައި ޕުޓިންގެ މައްޗަށް ޝަރީއަތް ހިންގުމަށް، ހުޅަނގުގެ ގައުމުތަކުން ދަނީ ގޮވާލަމުންނެވެ.

އެމެރިކާ ސަރުކާރުން ބުނި ގޮތުގައި ރަޝިޔާ ސިފައިން ހިންގާފައިވާ ހަނގުރާމައިގެ ކުށްތައް ބަލައި ތަހުގީގު ކުރުމަށާއި އެކަމުގެ ހެކިތައް އެއްކުރުމަށް، ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމެއް ޔޫކްރޭނަށް ފޮނުވުމަކީ މުހިންމު ކަމެކެވެ. ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ވެސް މިހާރު ވަނީ، ޔޫކްރޭންގައި ރަޝިޔާ ސިފައިން ހިންގާ ޖަރީމާތައް ތަހުގީގު ކުރަން ފަށައިފަ އެވެ.

ވެރިރަށް ކިޔޭވްގެ ރަށްބޭރުގައިވާ އަވަށްތަކުން ރަޝިޔާ ސިފައިން ފައިބައިގެން ދިޔައިރު، އެ އަވަށްތަކުގެ މަގުތަކުން، މަރުވެފައިވާ އާންމުންގެ 410 ހަށިގަނޑު ފެނުމާ ގުޅިގެން، ޔޫކްރޭން ސަރުކާރުން ވެސް މިހާރު ވަނީ އެކަމުގެ ތަހުގީގެއް ފަށައިފަ އެވެ. ޔޫކްރޭން ސަރުކާރުން ބުނި ގޮތުގައި ކިޔޭވްގެ ރަށްބޭރުން، މަރާލާފައިވަނިކޮށް ފެނުނު ބައެއް މީހުންގެ ދެއަތް ހުރީ ބަނދެފަ އެވެ. އަދި ބައެއް މީހުން މަރާލާފައިވަނީ ވަރަށް ކައިރިން ބަޑި ޖަހައިގެންނެވެ.