އިމާރާތެއްގެ މަތިން ދަގަނޑު ދޮރެއް ވެއްޓި ދެ މީހަކު ޒަހަމްވެއްޖެ، އެކަކު ސީރިއަސް
އިމާރާތެއްގެ މަތިން ދަގަނޑު ދޮރެއް ވެއްޓި ދެ މީހަކު ޒަހަމްވެއްޖެ، އެކަކު ސީރިއަސް

އާރުކޭއެލް ގޯޅި ތެރޭގައި ހުރި ގެއެއްގެ ތިންވަނަ ބުރިން ދަގަނޑު ދޮރެއް މަގުމައްޗަށް ވެއްޓި ދެ މީހަކަށް މިއަދު އަނިޔާވެއްޖެ އެވެ.

މަންޒަރު ދުށް މީހަކު "މިހާރު" އަށް ބުނީ މިއަދު ހަވީރު 3:05 ހާއިރު މި ހާދިސާ ހިނގީ މެދު އުމުރުގެ އަންހެނަކާއި ފިރިހެނަކު، ބޮޑުފުޅަށް ގޯޅިން ހިނގާފައި މަޖީދީ މަގަށް ނުކުންނަން ދަނިކޮށް، މަތިން ވެއްޓުނު ދަގަނޑު ދޮރު އައިސް އެ ދެ މީހުންގެ ގައިގައި ޖެހިގެން ކަމަށެވެ.

ފިރިހެން މީހާގެ ބޮލުގައި އެ ދަގަނޑުގަނޑު ޖެހުމުން، ވަގުތުން ބިން މައްޗަށް ވެއްޓުނު ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރު އޭނާ އޮތީ ހޭ ނެތިފައި ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ. އަދި ބުނީ އަންހެން މީހާގެ އަތަށް ވެސް އެކި ވަރުގެ ޒަހަމްތައް ލިބުނު ކަމަށާއި އެކަމަކު އޭނާ އަށް މާ ބޮޑު ކަމެއް ނުވާ ކަމަށެވެ.

"ގާތްގަނޑަކަށް ފަސް ފޫޓު ތިން ފޫޓުގެ ދަގަނޑުގަނޑެއް އެއީ،" މަންޒަރު ދުށް މީހާ ބުންޏެވެ.

ޒަހަމްވި ދެ މީހުންގެ ތެރެއިން ހޮސްޕިޓަލަށް ގެންދިޔައީ އުމުރުން 43 އަހަރުގެ ފިރިހެން މީހާ އެވެ. އޭނާ އަށް ފަރުވާ ދެމުން އަންނަ އައިޖީއެމްއެޗުގެ މީޑިއާ ޔުނިޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމް ވިދާޅުވި ގޮތުގައި ބަލާ ބެލުމަށް އޭނާގެ ހާލު ސީރިއަސް އެވެ.

"މިހާރު ޓެސްޓުތަކެއް ހަދަމުން އަންނަނީ،" އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިމާރާތެއްގެ މަތިން އެއްޗެއް ވެއްޓިގެން މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށާއި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެކަމަކު، އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެ އިމާރާތަކީ އާރުކޭއެލްގެ ބަޔަކު މަސައްކަތްް ކުރަމުން ދިޔަ ތަނެއް ކަމަށް ވެ އެވެ.