05 އެޕްރީލް 2022 - 07:42

ޕާޓް1: ޗެޕްޓާ 3: ބަރާބަރު ބަޔާޅީސް ރޭ ފަހުން
"އަހަރެން މިއީ ކުރިން ދުވަހަކުވެސް އިރުއޮއްސި އަނދިރިވަންދެން މި ތަނުގައި މަޑުކުރި މީހެއް ނޫން"
މިހެން ބުނެފައި ނީޒާގެ މޫނަށް ބަލައި ޖަމާލު ހުއްޓުނެވެ.
ނީޒާގެ ހުރިހާ ސަމާލުކަމެއް އޭރު ހުއްޓިފައި ހުރީ ރަތްވިލާގެ ހިތްގައިމު ކުލަތަކަށެވެ. އެފަދަ މަންޒަރެއް މީގެ ކުރިން ދުވަހަކުވެސް އޭނާ އަށް ނުފެންނަ ކަހަލަ އެވެ. އެކަމަކު އެއީ ޖަމާލު ބަލައި ފޫހިކޮށްފައިވާ މަންޒަރެކެވެ. އޭނާ މީގެ ކުރިން ދުވަހަކުވެސް ލޯ ނުދެކޭ ފަދަ މަންޒަރަކަށްވީ ނީޒާގެ ނަލަކަމާއި ފަރިކަމުގައިވީ އަލިކަމެވެ.
"އެކަމަކު އެ ދުވަހު އެގޮތަށް މަޑުނުކުރި ނަމަ އަހަރެމެން ދެ މީހުންނަށް މި އިރު އޮއްސޭ މަންޒަރު، މިގޮތަށް ނުފެނުނީސް"
ޖަމާލު އޭނާގެ ވާހަކަ ފުރިހަމަކޮށްލުމުން ނީޒާ އެނބުރި އޭނާ އަށް ހިނިތުންވެލިއެވެ.
އޮއްސެމުންދާ އިރުގައިވީ އަލިކަން ފަނޑުވަމުން ދިޔަޔަސް ދެ މީހުންގެ ލޮލުގައި ވަނީ ފަނޑުވުމެއް ނެތް އަލިކަމެކެވެ. އެ ނޫރުން ދިރުމަކާއި ގުޅުމެއް ދެ މީހުންގެ ދެމެދަށް އުފަން ކުރުވަމުން ގެންދާ ކަހަލައެވެ. އަދި ދެ މީހުންގެ ހަޔާތަށް ކުރިން ވެރިވި އަނދިރިކަން އެއްކޮށް ފިލައިގެންގޮސްފައިވާ ފަދަ އެވެ.
ނީޒާ އަނެއްކާވެސް އުދަރެހާ ދިމާލަށް އެނބުރިގަތެވެ. ވަޔާ އެކުގައި ނަށަމުން ދިޔަ އިސްތަށިގަނޑުގެ ބުޅިތައް އިނގިލިތަކުގެ ދަށަށް ގެންގޮސް ކަންފަތްމަތިން ދަމައި ފަހަތަށް އޮބައި މައިތިރިކޮށްލުމަށް ފަހު ރަތްވިލާގެ މަންޒަރަށް ހުސްވެގަތެވެ. ރަންކޮކާ ސިނަމާގައި ހިންދީ ފިލްމެއް ބަލަން ޖައްސާލައިގެން އިންނަހާ އަރާމުގައެވެ.
ދެފައި ވަށްކޮށް، ދެ އަތް އުނގުތެރެއަށް ލައިގެންނެވެ.
ނީޒާގެ ހަރަކާތްތަކުން ލޯ ދަމައިގަނެގެން ޖަމާލް ވެސް އުދަރެސް މައްޗަށް އެނބުރިގަތެވެ.
"ދުވަހަކުވެސް މީހަކާއެކު އިރުއޮއްސޭ މަންޒަރު ބެލި ހަނދާނެއް ނުވޭ،" ނީޒާ ބުނެލިއެވެ.
"ވަގުތަށް ވުރެ ކުރީގަ އުޅެގެން ކުރެވޭ ކަމެކޭ މިއީ"
ޖަމާލް އެހެން ބުނުމުން ނީޒާ އަނެއްކާވެސް އޭނާ އަށް ބަލައިލިއެވެ. ލުއި ހިނިތުންވުމަކާއެކު ލޮލުގެ ކުޑަކޮޅުންނެވެ.
އުދަރެހަށް މަޑުމަޑުން ގެނބެމުން ދިޔަ އިރު، ކުރައްސަމުން ދިޔަ މަންޒަރަށް ދެ މީހުން އެކުގައި އަނެއްކާވެސް ގެއްލިއްޖެއެވެ. މިއަދުގެ އިރު އެ ދެ މީހުންގެ ބާރުގައި ހުއްޓި އޭގެ ނިޒާމުގައި ތާށިވެ ކުރިއަށް ނުދެވިގެން އުޅޭ ކަހަލައެވެ.
"އެ އިރު އޮއްސުމުން އަހަރެމެން މިތާ ތިބޭނީ ކިހާ އިރަކަށްތަ ޖަމާލް؟"
"އަހަންނަކަށް ހީއެއް ނުވޭ އެ އިރު މިއަދު އޮއްސެން އުޅޭހެނެއް"
"ހަނދާންވޭތަ އަހަރެމެން ދެ މީހުން މިތަނުން ބައްދަލުވި ފުރަތަމަ ދުވަސް،" ނީޒާގެ ވާހަކަ ކުއްލިއަކަށް ދެން ގެންދިޔައީ މާ ފަހަތަށެވެ.
އަދި އަތް ގެންގޮސް ޖަމާލުގެ އަތުގައި ބީއްސާލިއެވެ. އަބަދުވެސް ފިލްމުތަކުން ފެނުނު މަންޒަރެއް ފަދައިންނެވެ.
ނީޒާގެ ހޫނު އިހުސާސުވެގެން ޖަމާލަށް ބަލައިލެވުނުއިރު އެ ގިއުޅުއަތުކުރި އާއި ތުނިޔަނިޔަފަތި އޭނާ ޝިކާރަކޮށްލައިފިއެވެ.
ދެ މީހުންގެ އަތް މި ސަންގުމަރުމަރު ހިލައިގެ ދަރުބާރުގައި ޖޯޑުއެވީ އަލަށެވެ. ދެ މީހުން ހަމަ މިތަނުން ބައްދަލުވިތާ ބަރާބަރު ބަޔާޅީސް ރޭ ފަހުންނެވެ.
ދެ މީހުން ތިބީ އަބަދުވެސް އެހާ ގާތުގައެވެ. އެކަމަކު ވެސް އެހާ ދުރުގައެވެ.
ނީޒާގެ އިނގިލިތަކުން ޖަމާލުގެ އިނގިލިތަކާ ކުޅެ، ޖޯޑުކޮށް ބާރުކޮށްލިއެވެ. އެއާއެކު ޖަމާލު އޭނާގެ އަތް ކުއްލިއަކަށް ދަމައިގަތެވެ. ޖަމާލަށް ހީވީ ނާށީގެ އަނގުރުގަނޑެއް އޭނާގެ މުށުތެރެއަށް ލައި މީހަކު ޗިސްކޮށްލިހެންނެވެ.
ނީޒާ ދިޔައީ ސިހިގެންނެވެ.
ޖަމާލް އިންތަނުން ވެސް ތެދުވިއްޖެއެވެ. އަދި ޖީބުން ސިނގިރޭޓެއް ނަގައި ރޯކޮށް ވެލިރާޅުފަށާ ދިމާލަށް ހިނގައިގަތެވެ. ދުރަށްގޮސް ހުއްޓި ދުންއަރުވަން ފެށުމުން ނީޒާ އަނެއްކާވެސް ކުރިން އިންގޮތަށް ހަމަޖެހިލިއެވެ.
އިރުއޮއްސި ކުއްލިއަކަށް މުޅި މަންޒަރު އަނދިރިވެއްޖެއެވެ. ޖަމާލް އާއި ނީޒާ އަނެއްކާވެސް ދެ ހިޔަންޏަށް ބަދަލުވެއްޖެއެވެ. އެ ދެ މީހުންގެ ދެމެދަށް އަނދިރިކަން ކުއްލިއަކަށް ވެރިވެއްޖެއެވެ. އަދި ޖަމާލު ބޮމުން ގެންދިޔަ ސިނގިރޭޓު ހުސްވުމުން ދެ މީހުންގެ ބައްދަލުވުމަށް ވެސް ނިމުން އައީއެވެ.
ޖެހިގެން އައި ދުވަހު ދެ މީހުން ކުރެ އެކަކު ވެސް ސަންގުމަރުމަރުގެ ދަރުބާރަކަށް ނާދެއެވެ.
މީހަކު ދެކެ ލޯބިވުން އިހަށް ބާއްވަމާ ހިނގާށެވެ. ރުޅިވުމުގެ ވާހަކަ އަމުދަކުން ދައްކާނެ ކަމެއް ވެސް ނެތެވެ.
އެކަމަކު، އެކުގައި ވަގުތު ހޭދަކުރުމާއި ހާސް ވާހަކައިން ފޫހިފިލުވުމެވެ. ހީފަ ސަމާސާކުރުމެވެ. މީހަކަށް އިތުބާރުކުރުމާއި އެމީހަކަށް ބަރޯސާވުމެވެ. އަތް ޖޯޑުކޮށް ހަތަރު ކަޅި ހަމަކޮށް ބެލުމެވެ. ރުހުމާއި ކުލުނު އުފަން ކުރުވުމެވެ. – މި ކަންކަމާއި ސިފަތަކަކީ ދެ އިންސާނެއްގެ ގުޅުން އެހެން އުސް މިނަކަށް ގެންދިއުމަށް ކޮންމެހެން ވެސް ރުކުރުވަން ޖެހޭ އަސާސްތަކެވެ.
ސާމިރުއާ އެކު ހަޔާތުގެ މި ތަރުތީބު އެއްފުށް މިފުށަށް ޖެހިގެން ދިޔަ ނަމަވެސް ނީޒާ ވަނީ އެންމެފަހުން އަމާން އައްސޭރިއަކަށް ވާސިލުވެފައެވެ. ނުވަތަ މަލަމަތި ފެންނަ ހިސާބަށް ދަތުރުކޮށްފައެވެ. އޭނާގެ އިމުގައި ކުރީގެ ކުލަބޮކިތައް ނިވި ނުދިއްލުނަސް، ކާނިވަލެއްގެ ކުލަތައް ގެންނާން އޭނާ އެ ގެންދަނީ މަޑުމަޑުން އަނެއްކާވެސް މަސައްކަތްކުރަމުންނެވެ. އެކަމަކު ފުރިހަމަ ޝައުގުވެރިކަން އުފައްދާނެ ފިލްމާއި ލަވައިގެ ރާގު އަދިވެސް އޭނާ އަށް އެންމެ ފުރިހަމައަށް ވަކިކޮށް ދެނެގަނެވިފައި ނުވަނީއެވެ. ރަނގަޅަށް އަދިވެސް ޓިއުނުނުވަނީ ކަމަށް ވެދާނެއެވެ.
ރޫޅި ކުދިކުދިވި ހަޔާތް އަލުން ތަރުތީބުކުރުން ފިލްމެއް ކޮށައި މަށައި މީހަކަށް ކިޔައިދިނުން ކަހަލަ ކަމަކަށް ނުވާތީ އެވެ.
އެކަމަކު ޖަމާލަކީ މި އޮޅުންބޮޅުމާއި އަނދިރިކަމުގެ ތެރެއިން ނީޒާއާ ބައްދަލުވި އުފާވެރިކަމެކެވެ. ބަދުނަސީބަކީ އެ ހަގީގަތް ވަޒަންކުރެވޭ ވަރަށް ވުރެން ބޮޑަށް ޖަމާލް ބަލިކަށިވެފައިވީ ކަމެވެ. ބައެއް ފަހަރަށް، ތިމާގެ ހަޔާތުގެ ދަތުރުގައި އެންމެ ރަނގަޅު މީހުންނާ ނުވަތަ އެންމެ ރަނގަޅުވެދާނެ ކަމަށް ހީވާ މީހަކާ ބައްދަލުވާނީ ތިމާގެ ހަޔާތަށް އެންމެ ބޮޑު ނަގޫރޯޅިއެއް އަރައިގެން އުޅޭ ދުވަސްވަރެއްގައެވެ. ތިމާ އެންމެ ގަޔާވާ ސިފަތަކުގެ މީހާޔާ ބައްދަލުވާނީ އެމީހަކާ އެކުގައި އުޅެން ތިމާގެ ހިތް ކިތަންމެ ބޭނުންވިޔަސް ދިރިއުޅުމުގެ ހާލާތު އެކަމަށް ތަންނުދޭ ދުވަސްވަރެއްގައެވެ.
މިސާލަކަށް، ޖަމާލް އާއި ނީޒާ އެވެ.
އެހެންވީމަ މިހައި ހިސާބުން މި ޗެޕްޓަރު ދެ ފަޅިއަކަށް ފަޅާލަމާ ހިނގާށެވެ. ލޯބީގެ ބާރަކީ އެއަށް ވަރަށް ފުރިހަމަ މާހައުލަކާއި މޫސުމެއް ބޭނުންވާ ތޫފާނެކެވެ. ނުވަތަ ލަވައިގައި އެ ބުނާ ފަދައިން އިޝްގުވާނީ މުޅި ޒިންދަގީ ބަރުބާދުކޮށްލާ ވޭނަކަށެވެ.
އެ ބުނާ މާހައުލު ޖަމާލް އާއި ނީޒާއާ ދެމެދު ނެތީސް އެ ދެ މީހުންގެ ދެމެދުގައި ލޯބި އުފެދޭތޯ ބަލަން މި ވާހަކަ ކިޔުމުގެ ބޭނުމެއް ނެތެވެ. އަދި އަހަރެން މިގޮތަށް މިކިޔައިދިނުމުގެ ބޭނުމެއް ވެސް ނެތެވެ.
އެހެންވީމަ ޗެޕްޓަރުގެ އަނެއް ފަޅީގައި ޖަމާލް އާއި ނީޒާއާ ދެމެދު ލޯބި ފައްކާވޭތޯ ބެލުމަށްވުރެ ބޮޑަށް އަހަރެމެން ބަލައިލާނީ ދެ މީހުންގެ އަމިއްލަ ދިރިއުޅުމުގައި ދިވާމާ އާދަޔާހިލާފު ދެ ތިން ކަމަކަށާއި ތަކުރާރުކޮށް ދެ މީހުންނަށް ފެންނަ ހުވަފެނަކަށެވެ. ނުވަތަ އެމީހުންނަށް ހީވާ ހީވުން ތަކަކަށެވެ.
"ހީވޭތަ، ތިހެން އުޅޭއިރު ހީވޭތަ އަބަދު އެއް ތަނެއްގައި އުޅެވޭހެން. އަބަދު އެއްކަމެއް ކުރެވޭހެން. މި ނޫން އެހެން ތަނަކަށް އަހަރެމެން ދެ މީހުންނަށް ނުދެވޭކަން. މި ނޫން އެހެން ގޮތަކަށް އަހަރެމެން ދެ މީހުން ބައްދަލުނުވާކަން،" ޖަމާލް ބަލަހައްޓައިގެން ހުރީ އުޑު ގޮސް ކަނޑުގައި ޖެހިފައި ހުރިހެން ހީވާ ހިސާބަށެވެ.
މި ވާހަކައާ އެކު ނީޒާ އަށް ބަލައިލެވުނީ ޖަމާލުގެ މޫނަށެވެ. ނީޒާ އަށް ހީވީ އޭނާގެ ހިތާއި ސިކުނޑީގައި ދެމެމުން ދިޔަ ހިޔާލުތަކެއް ފެނިގެން ޖަމާލު ވާހަކަ ދެއްކިހެންނެވެ.
"ހީވޭތަ އެއީ އުދަރެސްހެން. އެ ފެންނަނީ،" ޖަމާލް އިނީ އަދިވެސް އެދިމާލަށް ބަލަހައްޓައިގެންނެވެ.
"ކޮބާ މާނައަކީ؟"
ނީޒާގެ މި ސުވާލާ އެކު ޖަމާލް އެނބުރި އޭނާގެ މޫނަށް ބަލައިލިއެވެ. ހީނލިއެވެ. އެއަށް ފަހު ދެ މީހުން އިރުކޮޅެއް ވަންދެން އެއްޗެއް ނުބުނެ ތިބެފައި ޖަމާލް އަނެއްކާވެސް އުދަރެހުގައިވީ ހިތްގައިމު މަންޒަރަށް އެނބުރިގަތެވެ.
ކިޔާނެ އެއްޗެއް ނޭނގި އިނދެފައި، ނީޒާ ވެސް އެ ދިމާލަށް އެނބުރިގަތެވެ.
"މަށަކަށް ނޭނގޭ. ބައެއް ފަހަރު އަހަރެންގެ ބޮލު ތެރޭގައި ހަމަ އެނބުރޭ ހިޔާލުތަކެއް އެއީ. އަހަންނަށް ހަމަ ހީވަނީ އަހަރެމެން ދެ މީހުންނަކީ މި ތަނުގައި ބަންދުވެފައި ތިބި ދެ މީހުންހެން. މުޅި މިތަން މިއީ އެއްވެސް އަސްލެއް ނެތް، ކީކޭ ބުނާނީ ... މިސާލަކަށް ... ،" އެންމެފަހުން ކިޔާނެ އެއްޗެއް ނޭނގި، އެ އިހުސާސުތައް ބޭރުކުރާނެ ގޮތެއް ނޭނގި ޖަމާލް ނީޒާއާ ދިމާލަށް އެނބުރި އިންތަނުން ތެދުވިއްޖެއެވެ.
"އަހަންނަށް ނޭނގޭ އަސްލުވެސް އެ ހިޔާލުތައް ކިޔައިދޭނެ ގޮތެއް"
"މަންޒަރެއް ހެން؟،" ނީޒާ ބުނެލިއެވެ.
"އާނ. މަންޒަރެއް ހެން. ކޮންމެވެސް ކަހަލަ، އެއްވެސް ހަގީގަތެއް އޭގައި ނެތް ތަނެއްހެން. އަދި އެތަނުގައި އަހަރެމެން ދެ މީހުން ބަންދުވެފައި ތިބޭހެން،" ޖަމާލްގެ ވާހަކަ ކުއްލިއަކަށް ދިރިގެން އޭނާގެ އަޑާއި ނަފުސުގެ ޖޯޝު އަރައިގަތެވެ.
"ޖަލެއްގަ ބަންދުވެ ތިބޭހެން؟،" ނީޒާ އަނެއްކާވެސް ޖަމާލްގެ ވާހަކަ އަށް ބޮޅެއް އިތުރުކޮށްލިއެވެ.
"އާނ. ޖަލެއް. ނޫން. ޖަލަކަށް ވުރެ މިނިވަން ތަނެއް. އެކަމަކު އެއްވެސް އަސްލެއް ނެތް ތަނެއްގައި ތިބެވޭހެން އަހަރެންނަށް ހަމަ ހީވަނީ. މި ހިޔާލެއް ބޮލު ތެރޭގައި އުޅޭތާ މިހާރު ފުދޭވަރަކަށް ދުވަސްވެއްޖެ،" ޖަމާލް ބުނެލިއެވެ.
އޭނާ އަނެއްކާވެސް އުދަރެހާ ދިމާލަށް އެނބުރިގަތެވެ. ނީޒާ ތެދުވިގެން މަޑުމަޑުން ކުރިއަށް ޖެހި ޖަމާލް ކައިރީގައި މަޑުކޮށްލިއެވެ. އަދި އުދަރެހުގެ ނަލަ މަންޒަރަށް ބަލަން ހުރެ ޖަމާލުގެ އަތުގައި ގޮސް މަޑުމަޑުން ހިފާލިއެވެ.
އެއާއެކު ހީވީ ޖަމާލުގެ އަތުގައި ދޮންދަގަނޑުބުރިއެއް ޖެއްސިހެންނެވެ. އޭނާ ސިހިގެން ގޮސް އަތް ދަމައިގަނެ ނީޒާއާ ދުރަށް ޖެހިގަތެވެ.
"ކީއްކުރަން ތި އުޅެނީ؟"
ޖަމާލުގެ އެ ސުވާލަށް ދޭނެ ޖަވާބެއް ނީޒާގެ އަތުގައި ނެތެވެ. ނަމަވެސް ނީޒާ އަށް ޔަގީނަށް އެނގޭ އެއް ކަމަކީ ޖަމާލްގެ އެ ދެ އަތުގައި ކޮންމެވެސް މީހަކު ލޯތްބާއި ކުލުނުގެ އަތަކުން ހިފަން މަޖުބޫރުވެފައިވާކަމެވެ. އަދި އެ ލޯތްބާއި އަޅާލުން އޭނާ އަށް ފުރިހަމަ އަށް އިހުސާސްކޮށްދޭން ޖެހިފައިވާކަމެވެ. އަލުން އެހެން އިންސާނަކަށް އިތުބާރުކުރުން އެއީ ގޯހެއް ނޫންކަން އޭނާ އަށް ބުނެދޭން ޖެހިފައިވާ ކަމެވެ. އަލުން އެހެން މީހަކަށް އިތުބާރުކުރާނެ ގޮތް ދަސްކޮށްދޭން ޖެހިފައިވާކަމެވެ. އެ އިތުބާރު ދެ މީހުންގެ ދެމެދުގައި ނުއުފެދެނީސް އިހުތިޔާރުކުރުމެއް ނެތް ކަމެވެ.
"ފެންނަ ހުވަފެން ހަނދާން ހުރޭތަ؟،" ޖަމާލު އަނެއްކާވެސް އެހެން ދިމާލަކުން ފަށައިގަތެވެ.
"އަހަރެންނަށް މިހާރު މި އެއް ހުވަފެނެއް ފެންނަތާ އެތައް ދުވަހެއް ވެއްޖެ"
"ކޯއްޗެއްތަ؟،" ނީޒާ އަނެއްކާވެސް މަޑުމަޑުން ޖަމާލްއާ ދިމާލަށް ކުރިއަށް ޖެހެން ފެށިއެވެ.
"އަހަރެން. އެ ހުވަފެނުގައި އަހަންނަށް ފެންނަނީ އަހަރެން ކޮންމެވެސް ޒާތެއްގެ ދެއްވަކަށް ބަދަލުވަމުންދާތަން. އަހަރެންގެ މުޅި ގައިގައި ކެހެރިތައް ފަޅައި ދިގުވެ، އަހަންނަކަށް ނޭނގޭ. އަހަރެންގެ މުޅި ސިފަ އެއްކޮށް ބަދަލުވެގެންދާތަން،" ޖަމާލް އަނެއްކާވެސް އުދަރެހާ ދިމާލަށް އެނބުރިގަތެވެ.
ނީޒާ މަޑުމަޑުން ގޮސް ޖަމާލުގެ ފަހަތުން އޭނާގެ ދެ އަތުގައި ހިފައި ބައްދައިގަތެވެ. މިފަހަރު ނީޒާގެ އެއްވެސް އިހުސާސެއް ޖަމާލަށް ނުވާ ކަހަލައެވެ. ނުވަތަ ހިތާއި ބޮލުގައި އަނދާ އެންމެ އަނދިރި ސަފުހާތައް ހިއްސާކުރެވި ޖަމާލް ވަރުބަލިވީއެވެ. ނުވަތަ ނީޒާގެ އަތު ތެރެއަށް އެންމެފަހުން ޖަމާލު އޮޅުވާން ފެށީއެވެ.
"ބިރު ނުގަންނައްޗޭ ޖަމާލް. މި ޖަލުން ސަލާމަތްވާން އަހަރެން އެހީވާނަމޭ ޖަމާލަށް."
ނީޒާ އޮތީ އަދިވެސް ޖަމާލްގެ ގައިގައި ބައްދައިގެންނެވެ. އޭނާގެ އަޑުގައި ވަނީ އޯގާވެރިކަމެވެ. ހަމްދަރުދެވެ. ފަހަރެއްގައި ދެ މީހެއްގެ ދެމެދުގައި ލޯބީގެ ކުރި ފަޅަން މެދުވެރިވާ ހާލަތަކީ މިފަދަ ހިނދުކޮޅެކެވެ.
ޖަމާލް ކުއްލިއަކަށް ނީޒާއާ ދިމާލަށް އެނބުރުނެވެ. ދެ މީހުންގެ ލޮލާ ލޯ ބައްދަލުވެ ނިކަން ބާރަށް އޮޅުލައި ބައްދައިގަތެވެ.
އެކަމަކު އެއީ ތެދެއް ހެއްޔެވެ؟ ޖަމާލަށް އެ ފެންނަ ހުވަފެނާއި އޭނާ އެ ސިފަކޮށްދިން ދުނިޔެ އަކީ މި ދެ މީހުން ބަންދުވެފައިވާ ދުނިޔޭގެ ހަގީގަތް ހެއްޔެވެ؟ ނުވަތަ އެއީ ކުރީގެ އަނދިރި ދިރިއުޅުން ޖަމާލަށް ދައްކާ ބިރުވެރި ހުވަފެންތަކެއް ހެއްޔެވެ؟
ދެ މީހަކަށް އެއް ހުވަފެނެއް ފެނިދާނެ ހެއްޔެވެ؟ ނީޒާ އަށް ފެންނަ ހުވަފެން އޭނާ ޖަމާލަށް ކިޔައި ނުދިނަސް، ޖަމާލު އެ ކިޔައި ދިނީ ނީޒާ އަށް ވެސް ފެންނަ ހުވަފެނެވެ.
އެހެންވީމަ ޖަމާލް ނިސްބަތް ވަނީ ކަޅާއި ހުދުގެ މި ދުނިޔޭގައި ކަޅަށް ހެއްޔެވެ؟ އެހެންކަމުގައި ވަނީ ނަމަ ނީޒާ ވާނީ ހުދުކުލަ އަށެވެ. އެހެންކަމުގައިވާ ނަމަ ޖަމާލަކީ ނީޒާ އަށް ރަނގަޅު އިހުތިޔާރެއް ނޫނެވެ.
އިރުއޮއްސި އަނދިރިވެއްޖެއެވެ. ބައްދައި އޮޅުލަމުން ގެންދިޔަ ދިޔަ ޖަމާލް އާއި ނީޒާ ހިޔަންޏަކަށް ބަދަލުވެއްޖެއެވެ. ދެ މީހުން އެއްތަންކޮށް ތަތްކުރުވި އަނދިރިކަމުގައި ލޯބީގެ ދެ އަޅުންނަށް ބަދަލުވެއްޖެއެވެ. ލޯބީގެ ދެ ދަޅު އެ ދެ ބޮލުގައި ފަޅައި ނިމިއްޖެއެވެ.
އަހަރެންގެ ހަތަރެސްފައި ގަނޑުވެ، ދޮންވެލިގަނޑު ތެރެއަށް ވަން ގޮތަށް ގުޑިނުލެވި އެ މަންޒަރަށް ބަލަން ހަމަ އިނދެވުނީއެވެ. މިހައި ހިސާބުން މި ޗެޕްޓަރު މި ޖެހެނީ ހަމަ އެއްކޮށް ސެންސަރުކޮށްލާށެވެ. އެކަމަކު އިންސާނުންނަކީ ހާދަ ފާޑެއްގެ އެއްޗެކެވެ. އެހާ ފަސޭހައިން އެއް ޖަޒުތާބުން އަނެއް ޖަޒުބާތަށް ބަދަލުވެލުމުގެ ގާބިލިއްޔަތުކަން މަށަށް ވެސް ލިބޭނެ ނަމަ ކިހައި ރަނގަޅުވީސް ހެއްޔެވެ؟
އެކަމަކު ސަންގުމަރުމަރު ހިލަގަނޑެއް ވާނީ ހަމަ އަބަދުވެސް ހަރު ހިލަގަނޑަކަށެވެ. އެކަމަކު މަޑުކޮށްބަލާށެވެ. ޖަމާލް އެ ބުނާ ގޮތަށް މި ދުނިޔެ މިއީ އެހެން ދުނިޔެއެއް ނަމަ އަހަރެން މިއީ ދެން ކާކު ހެއްޔެވެ؟ އަހަރެން ވާނީ މި ދުނިޔޭގެ ކާކަށް ހެއްޔެވެ؟