05 އެޕްރީލް 2022 - 07:35

ތެލުގޫ ފިލްމު "ބަހުބަލީ: ދަ ބިގްނިން" އަށް މުޅި ދުނިޔެއިން ލިބުނު ތަރުހީބު ބޮޑުވެ، އޭގެ ދެވަނަ ބައެއް ވެސް އުފެއްދި އެވެ. ދެވަނަ ބަޔަށް ވެސް ހޫނު ތަރުހީބެއް ލިބުނެވެ. ބޮކްސް އޮފީހުގައި އެތައް ރިކޯޑްތަކެއް މުގުރާލި އެ ފިލްމުގެ ތިންވަނަ ބައެއް ބެލުންތެރިންނާ ހިސާބަށް ގެނެސްދިނުމަށް އެ ފިލްމުގެ އުފެއްދުންތެރިޔާ މިހާރު އަންނަނީ ވިސްނަމުންނެވެ.
"އާރްއާރްއާރް" ގެ ޕްރޮމޯޝަންގެ ތެރެއިން "ބަހުބަލީ" ވެސް ޑައިރެކްޓްކުރި އެސް އެސް ރާޖަމޯލީ ވަނީ އެ ފިލްމުގެ ތިންވަނަ ބައެއް އަތުވެދާނެ ކަމުގެ އިޝާރާތެއް ކޮށްފަ އެވެ. އޭނާ ބުނީ އެންމެ ޑިމާންޑް ބޮޑުވި ޕްރޮޖެކްޓް ރަނގަޅު ވަގުތެއް އަދިވެސް އަތުވެދާނެ ކަމަށެވެ.
އެކަމާ ގުޅިގެން ބަހޫބަލީގެ ޕްރޮޑިއުސަރު ޕްރަސާދު ދެވިނޭނީ ބުނީ ކުއްލިއަކަށް ޕްރޮޖެކްޓް ފަށަން އެ މީހުން ނުވިސްނާނެ ކަމަށެވެ. ވަރަށް މުހިންމު އިތުރު މަސައްކަތްތަކެއް ވެސް ހުރުމުން އެ ޕްރޮޖެކްޓްތަކަށް ވަގުތު ދީފައި އެކަމާ ވިސްނާނެ ކަމަށް އޭނާ ބުންޏެވެ.
"ކޮންމެ ވެސް ހިސާބަކުން އެ ފިލްމު އުފައްދަފާނަން ހުރިހާ ކަމެއް ރަނގަޅަށް ދާ ނަމަ. އެކަމަކު މިވަގުތު އެ މަސައްކަތެއް ނުކުރަން،" އޭނާ ބުންޏެވެ.
އިންޑިއާގައި މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު ފިލްމަކީ "ބަހޫބަލީ" ކަމަށްވެ އެވެ. އެ ފިލްމު ހިންދީ، ތަމަޅަ އަދި އެނޫން ވެސް ގިނަ ބަސްތަކުން ޑަބްކޮށްގެން ނެރުނެވެ. ދިވެހިންގެ މެދުގައި ވެސް ވަރަށް ހިނގި އެ ފިލްމުގެ ފުރަތަމަ ބައި 2015 ގައި ގެނެސްދިންއިރު، ދެވަނަ ބައި ގެނެސްދިނީ 2016 ގަ އެވެ.