05 އެޕްރީލް 2022 - 07:34

ބޮލީވުޑްގެ ޒުވާން ޖޯޑު، އަނަންޔާ ޕާންޑޭ އާއި އިޝާން ކައްޓާރު އެމީހުންގެ ލޯބީގެ ގުޅުމަށް ނިމުމެއް ގެނެސްފި އެވެ.

މީގެ ތިން އަހަރު ކުރިން ރައްޓެހިވި، އަނަންޔާ އާއި އިޝާން އުޅެމުންދިޔައީ ވަރަށް ލޯބިންނެވެ. ޕާޓީތަކަށް އެކުގައި ދިއުމާއި ޗުއްޓީ ދަތުރުތަކުގައި ވެސް އެކަކު އަނެކަކާ ނުލާއި ހޭދަނުކުރެވޭހާ ލޯބިން އުޅުނެވެ. ދެތިން ފަހަރަކު އެމީހުން އެކުގައި ރާއްޖެ އަށް ވެސް އަ އެވެ.
"ކަޕުލް ގޯލްސް" ދިނުމަށް ފަހު، ދެ ތަރިން މިހާރު ބްރޭކްއަޕްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަނަންޔާއާ ގާތް މީހަކާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި އެމީހުންގެ ތިން އަހަރުވީ ލޯބީގެ ގުޅުން ނިމުމަކަށް ގެނައީ ދެ މީހުންގެ މެދުގައި ތަފާތުތައް ގިނަކަމުންނެވެ. ނުވަތަ އެމީހުންގެ "ވައިބް" ދިމާނުވަނީ އެވެ. އެކަމަކު ރުޅިވިޔަސް، އެމީހުންގެ ރަހުމަތްތެރިކަމުގެ ގުޅުން އަބަދު ވެސް އޮންނާނެ ކަމަށްވެ އެވެ.
އެ ދެ ތަރިން ރައްޓެހިވީ އެމީހުން އެކުގައި މަސައްކަތްކުރި "ކާލީ ޕީލީ" ގެ ޝޫޓިންގެ ތެރެއިންނެވެ.
އެ މީހުން ވަކިވި ކަމަށް ޚަބަރުތައް ފެތުރުނަސް، މިދިޔަ ފެބްރުއަރީ މަހު، އިޝާންގެ ބޭބެ ޝާހިދު ކަޕޫރްގެ އުފަން ދުވަސް ފާހަގަކުރިއިރު، އެތަނުގައި އަނަންޔާ ވެސް އުޅުނެވެ.
ދަރްމާ ޕްރޮޑަކްޝަނުން 2019 ވަނަ އަހަރު ނެރުނު "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ނުކުތް އަނަންޔާ ވަނީ "ޕަތީ ޕަތުނީ އޯރް ވޯ" އާއި ފަހުން ނެރުނު "ގެހެރާއިޔާ" އިން ވެސް ފެނިފަ އެވެ. އަދި 2017 ގައި "ބިޔޯންޑް ދި ކްލައުޑް" އިން ފިލްމީ ދާއިރާ އަށް ތައާރަފުވި އިޝާން ވަނީ ޖެހިގެން އައި އަހަރު "ދަޅަކް" އިން ވެސް އެންމެންގެ ހިތްތަކާ ކުޅެލައިފަ އެވެ.