ކޮވިޑް ކޭސްތައް 2،000 އިން 600 އަށް
ކޮވިޑް ކޭސްތައް 2،000 އިން 600 އަށް

ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް އުވާލި ހަފްތާގައި ރާއްޖެއިން 2،300 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް މިދިޔަ ހަފުތާގެ ތެރޭގައި ބަލި ޖެހުނީ 665 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ މަހުގެ 27 އިން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް މާލެ ސަރަހައްދުން 72 މީހަކާއި އެކި ރަށްރަށުން 481 މީހަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ.

ކޮވިޑުގެ ހާލަތު އެންމެ ބޮޑަށް ގޯސްވި މާލެއިން، އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް ދަށްވަމުންނެވެ. މިދިޔަ މަހުގެ 27 ވަނަ ދުވަހު ކޮވިޑަށް 14 މީހުން ޕޮޒިޓިވްވިއަސް އެ އަދަދު މިދިޔަ ހުކުރު ދުވަހު ހައެއްގައި އަދި ޖެހިގެން އައި ހޮނިހިރު ދުވަހު ހުރީ ހަތަރެއްގަ އެވެ.

ކޭސްތަކުގެ އަދަދު ދަށަށް ގޮސްފައި ވާއިރު ބައްޔަށް ޓެސްޓްކުރާ މީހުން ވެސް މިހާރު ވަރަށް މަދެވެ. މުޅި ރާއްޖޭގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް މިހާރު ހުރީ 11 ޕަސެންޓުގަ އެވެ. މާލެ ސަރަހައްދުގައި ހަތަރު ޕަސެންޓުގަ އެވެ.

އެކި ރަށްރަށުން މިދިޔަ ހޮނިހިރު ދުވަހު 18 މީހަކު ޕޮޒިޓިވްވި އެވެ. އޭގެ ކުރީ ދުވަހާއި މިދިޔަ ބުރާސްފަތި ދުވަހު ރަށްރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. އެއީ 64 މީހުންނެވެ.

ކޮވިޑް ކޮންޓްރޯލްވުމާ ގުޅިގެން، ސަރުކާރުން ވަނީ މީގެ ދެ އަހަރު ކުރިން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ މަހު އުވާލައިފަ އެވެ. އެހެންވެ ހުރިހާ ފިޔަވަޅުތަކަކަށް ވަނީ ލުއި ދީފަ އެވެ.

އެ ލުއިތައް ދިން ފަހުން، އެޗްޕީއޭއިން އާއްމުކުރި މިދިޔަ މަހުގެ 14-26 ގެ ތަފާސްހިސާބުގައިވާ ގޮތުން 2،342 ކޮވިޑަށް ޕޮޒިޓިވްވި އެވެ. އެއީ މާލެ ސަރަހައްދުން 184 މީހުން އަދި އެކި ރަށްރަށުން ކޮވިޑަށް 1،938 މީހުންނެވެ.