04 އެޕްރީލް 2022 - 13:48

އެމެރިކާގެ ނިއު ޔޯކްގައި އޮންނަ ޓައިމްސް ސްކޮޔާގައި ފުރަތަމަ ފަހަރަށް ރޯދަވީއްލުމެއް ބާއްވައި، ތަރާވީހް ނަމާދުކޮށްފި އެވެ.
ތަފާތު އެކި ވިޔަފާރިތައް ހިންގާ ޓައިމްސް ސްކޮޔާގެ މަގުމަތީގައި ހޮނިހިރު ދުވަހު ބޭއްވި ރޯދަވީއްލުމާއި ތަރާވީހް ނަމާދުގައި 1،000 އަށް ވުރެ ގިނަ މުސްލިމުން ބައިވެރިވި އެވެ.
މީގެ ކުރިން އެމެރިކާގެ އެއްވެސް އާންމު ތަނެއްގައި އެގޮތަށް ރޯދަވީއްލައި، ތަރާވީހް ކޮށްފައެއް ނުވެ އެވެ.
އެ ހަރަކާތް އިންތިޒާމުކުރި ފަރާތުން ވަނީ ރޯދަވީއްލުމަށް ބޭނުންވާ ކާބޯތަކެއްޗާ އެކު 1،500 ޕާރުސަލް ބަހައިފަ އެވެ.
އެ ރޯދަވީއްލުމުގައި ބައިވެރިވުމަށް އެމެރިކާގެ އެކި ހިސާބުތަކުން މުސްލިމުން ގޮސްފައިވާއިރު، ކެނެޑާއިން ވެސް މުސްލިމުން ދިޔަ އެވެ. ގުރުއާން ކިޔެވުމާއި ދީނީ ނަސޭހަތް ދިނުން ވެސް އެތަނުގައި އޮތެވެ.
އެމެރިކާގެ އާބާދީގެ 1.1 ޕަސެންޓަކީ މުސްލިމުންނެވެ. އެއީ ގާތްގަނޑަކަށް 3.5 މިލިއަނެވެ. އަދި އެ ގައުމުގައި ތިންވަނަ އަށް އެންމެ ގިނައިން މުސްލިމުން ދިރިއުޅެނީ ވެސް ނިއު ޔޯކްގަ އެވެ.