ލަންކާގެ އާ ކެބިނެޓަށް މެންބަރުން ހަމަޖައްސަން ފަށައިފި
ލަންކާގެ އާ ކެބިނެޓަށް މެންބަރުން ހަމަޖައްސަން ފަށައިފި

ކޮލަމްބޯ (އެޕްރީލް 4) - ލަންކާގެ ކެބިނެޓުގައި ހިމެނޭ 26 މިނިސްޓަރުން ރޭ އިސްތިއުފާ ދިނުމަށް ފަހު އާ ސަރުކާރުގެ ކެބިނެޓަށް މިނިސްޓަރުން ހަމަޖައްސަން ފަށައިފި އެވެ.

ރައީސް ގޯޓާބޭ ރާޖަޕަކްސާގެ މީޑިއާ ޑިވިޝަނުން ބުނެފައި ވަނީ ޕާލަމެންޓާއި ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ދެމެހެއްޓުމަށްޓަކައި ހަތަރު މިނިސްޓަރަކު މިއަދު ކެބިނެޓަށް އައްޔަން ކޮށްފައިވާ ކަމަށެވެ. ފުލް ކެބިނެޓް ފަހުން އިއުލާން ކުރާނެ އެވެ.

ޕްރެޒިޑެންޝަލް ސެކްރެޓޭރިއަޓުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރުން ހަމަޖައްސާފައި ވަނީ ފޮރިން އެފެއާޒް، ފައިނޭންސް، އެޑިއުކޭޝަން އަދި ހައިވޭ މިނިސްޓްރީއަށެވެ. މީގެ އިތުރުން ޕާލަމެންޓުގެ ހައުސްގެ ލީޑަރާއި ޗީފް އޮގަނައިޒާގެ މަގާމަށް ވެސް ވަނީ ބޭފުޅުން ހަމަޖައްސައިފަ އެވެ.

ހައުސްގެ ލީޑަރު ދިނޭޝް ގުނަވަރުދަނާ ހަމަޖައްސާފައި ވަނީ ކުރިން ވެސް އޭނާ ހުންނެވި އެޑިއުކޭޝަން މިނިސްޓަރުގެ މަގާމަށެވެ. ޗީފް ގަވަރްމަންޓް ވިޕް ޖޯންސްޓަން ފެނާންޑޯ ހަމަޖެއްސީ މިނިސްޓަ އޮފް ހައިވޭސްގެ މަގާމަށެވެ.

ކުރީގެ ޖަސްޓިސް މިނިސްޓަރު އަލީ ސަބްރީ ހަމަޖެއްސީ ފައިނޭންސް މިނިސްޓަރުގެ މަގާމަށެވެ. ކުރިން އެ މަގާމުގައި ހުންނެވީ ރައީސް ގޯޓާބޭ އާއި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާގެ ކޮއްކޯފުޅު ބާސިލް ރާޖަޕަކްސާ އެވެ. ޕްރޮފެސަރު ޖީއެލް ޕެއިރިސް ހަމަޖައްސާފައި ވަނީ ކުރިންވެސް ހުންނެވި ފޮރިން މިނިސްޓަރުގެ މަގާމަށެވެ.

ހައުސްގެ ލީޑަރު ދިނޭޝް ގުނަވަރުދަނާ ވިދާޅުވީ ރައީސް ގޯޓާބޭ މި މަގާމުތަކަށް މިނިސްޓަރުން ހަމަޖެއްސީ، ފުލް ކެބިނެޓް އިއުލާން ކުރެވެންދެން، ސަރުކާރު ހިންގުން އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ރައީސް ގޯޓާބޭ މިހާރު ވަނީ ޕާލަމެންޓުގައި ހިމެނޭ ހުރިހާ ޕާޓީތަކަކުން ވެސް ސަރުކާރުގައި ބައިވެރިވުމަށް ދައުވަތު ދެއްވައިފަ އެވެ. އަދި ސިޔާސީ ހުރިހާ ފަރާތްތަކަކުން ގުޅިގެން، ގައުމީ މައްސަލަތަކަށް ހައްލު ހޯދުމަށް އެދިވަޑައިގެންފައިވެ އެވެ. ދާއިމީ ކެބިނެޓް އިއުލާން ކުރާނީ ސިޔާސީ ހުރިހާ ޕާޓީތަކަކާ މަޝްވަރާ ކުރުމަށް ފަހު އެވެ.