އިމްރާން ޚާންގެ ކުރިމަގު ކަނޑައަޅަން ސުޕްރީމް ކޯޓަށް
އިމްރާން ޚާންގެ ކުރިމަގު ކަނޑައަޅަން ސުޕްރީމް ކޯޓަށް

އިސްލާމްއާބާދު (އެޕްރީލް 4) - ޕާކިސްތާނުގައި ސިޔާސީ ގޮތުން ބޮޑު ހަލަބޮލި ކަމެއް އުފެދުމަށް ފަހު ބޮޑުވަޒީރު އިމްރާން ޚާންގެ ކުރިމަގު ކަނޑައެޅުމަށް ސުޕްރީމް ކޯޓާ ހަމައަށް ގެންގޮސްފި އެވެ.

ސަރުކާރު ނުހިންގޭ ކަމުގެ ތުހުމަތާ އެކު އިމްރާން ޚާނަށް ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފަ އެވެ. ބޮޑުވަޒީރުކަމުގެ ދައުރުގައި އޭނާ އަށް ކުރިމަތިވި އެންމެ ބޮޑު މައްސަލަ އަކީ ޕާލަމެންޓުގައި އިއްޔެ ނަގަން އޮތް އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލަ އެވެ. އެ ވޯޓުން އިމްރާން ޚާނަށް ނާކާމިޔާބުވާނެކަން ޔަގީންވުމާ އެކު ވޯޓު ނަގަން ފުރުސަތު ދީފައެއް ނުވެ އެވެ. އަދި ފަހުން ވަނީ ޕާލަމެންޓް އުވާލުމަށް ރައީސް އަށް ދަންނަވައިފަ އެވެ.

އިމްރާން ޚާން ވިދާޅުވެފައި ވަނީ އިތުބާރު ނެތްކަމުގެ ވޯޓަކީ އޭނާ މަގާމުން ދުރުކުރަން، އެމެރިކާ އިސްވެ އޮވެ ކުރިއަށް ގެންދާ ރޭވުމެއް ކަމަށެވެ. އެކަމަކު އެމެރިކާ އިން އެކަން ދޮގުކުރެ އެވެ.

ޕާލަމެންޓުގައި އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ފުރުސަތު ނުދިނުމުން އިދިކޮޅު ފަރާތްތަކުން ވަނީ އެ މައްސަލަ މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އިދިކޮޅު ފަރާތްތަކުން އެދިފައި ވަނީ އިތުބާރު ނެތްކަމުގެ ވޯޓު އެ ގޮތަށް ހުއްޓުވުމަކީ ގާނޫނު އަސާސީއާ އެއްގޮތަށް ކުރެވިދާނެ ކަމެއްތޯ ސުޕްރީމް ކޯޓުން ކަނޑައަޅައިދިނުމެވެ. ކޯޓުން މިއަދުގެ ވަގުތެއްގައި ނިންމުމެއް ނިންމާނެ ކަމަށް ބެލެވެ އެވެ.

އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ ވޯޓަށް ހުރަސް އެޅީ ޕާލަމެންޓުގެ ނައިބް ރައީސް އެވެ. އޭނާ ވިދާޅުވީ އެއީ ބޭރުގެ ނުފޫޒުން ކުރަން އުޅޭ ކަމެއް ކަމަށާއި އެހެންވެ އެ ވޯޓަށް ފުރުސަތު ނުދޭނެ ކަމަށެވެ. އޭގެ ފަހުން އިމްރާން ޚާންގެ އެދިވަޑައިގަތުމުގެ މަތިން ރައީސް އާރިފް އަލްވީ ވަނީ ޕާލަމެންޓް އުވާލައްވައިފަ އެވެ. އަލްވީ އަކީ އިމްރާން ޚާންގެ ޕީޓީއައި ޕާޓީގެ މެންބަރެކެވެ.

އިމްރާން ޚާން ވިދާޅުވެފައި ވަނީ އޭނާ މަގާމުން ދުރުކުރަން އެމެރިކާ އިން މަސައްކަތް ކުރީ އެ ގައުމުގެ ސިޔާސަތުތަކާ ދެކޮޅު ހަދަން ފެށުމުން ކަމަށެވެ.