04 އެޕްރީލް 2022 - 12:05

ޔޫކްރޭންގެ ވެރިރަށް ކިޔޭވްގެ ހުޅަނގުއުތުރުން އޮންނަ ބޫޗާގައި ރަޝިޔާ ސިފައިން ހިންގި ކަމަށް ބެލެވޭ ގަތުލުއާންމުގެ ހަގީގަތް ދެނެގަތުމަށްޓަކައި، ފުރިހަމަ މިނިވަން ތަހުގީގެއް ކުރުމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އިއްޔެ ގޮވާލައްވައިފި އެވެ.
ގުޓަރޭސް ވިދާޅުވީ ރަޝިޔާ ސިފައިން ބޫޗާ އިން ފައިބައިގެން ދިޔުމުން، ބައިނަލްއަގުވާމީ މީޑިއާތަކުން އާންމުކުރި ބޫޗާގެ މަންޒަރުތައް ފެނުމުން ކުއްލި ސިހުމެއް ލިބުނު ކަމަށެވެ. އެ މަންޒަރުތަކުން ފެނުނީ މަރާލާފައިވާ އާންމުންގެ ހަށިގަނޑުތައް މަގުތަކުގެ އެކި ތަންތަނުގައި ހުއްޓަ އެވެ.
އެހެންކަމުން މި މައްސަލަ ފުރިހަމަ އަށް ތަހުގީގުކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިނިވަން ތަހުގީގެއް ކުރުމަށް ފަހު، އެ ޖަރީމާ ހިންގި ބަޔަކު ފުރިހަމަ އަށް ޒިންމާދާރު ކުރުވަންޖެހޭނެ ކަމަށް ވެސް ގުޓަރޭސް ވިދާޅުވި އެވެ.
ޔޫކްރޭންގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ކިޔޭވް ހިފުމަށް، ކިޔޭވްގެ ރަށްބޭރުގައި އޮތް ބޫޗާ އަށް ރަޝިޔާ ސިފައިން ވަނުމަށް ފަހު އެ ސަހަރުގައި ހިންގީ ވަރަށް އަނިޔާވެރި އަދި ލާއިންސާނީ އަމަލުތަކެކެވެ. އަދި ޔޫކްރޭން ސިފައިންގެ ރައްދު ހަމަލާތަކުގެ ސަބަބުން، ކިޔޭވް ހިފުމުގައި ނާކާމިޔާބުވެ ބޮޑެތި ގެއްލުންތަކަކާ އެކު ބޫޗާ އިން ރަޝިޔާ ސިފައިން ފައިބައިގެން ދިޔައީ، އެ ސަހަރުގައި ދިރިއުޅުނު އާންމުންނާ ދެކޮޅަށް ބޮޑު ގަތުލުއާންމެއް ހިންގާފައި ކަމަށް ވެސް ޔޫކްރޭނުގެ އަސްކަރިއްޔާ އިން ބުނެ އެވެ.
ނަމަވެސް ރަޝިޔާ އިން ބުނި ގޮތުގައި ބޫޗާގައި ގަތުލުއާންމެން ހިންގާފައިވާ ނަމަ، އެ ކަމުގެ ޒިންމާ އުފުލަންޖެހޭނީ ޔޫކްރޭން ސިފައިންނެވެ. އަދި ޔޫކްރޭނުން މިހާރު މަސައްކަތް ކުރަމުން ދަނީ، ބޫޗާގެ މައްސަލަތައް ހިލުވާލައިގެން، ސުލްހައިގެ ވާހަކަތަކަށް ހުރަސްއަޅަން ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ.
ހަނގުރާމަ ހުއްޓާލައި ޔޫކްރޭންގައި ސުލްހަ ގާއިމުކުރަން ކުރާ މަސައްކަތަށް ހުރަސް އެޅުމަށް ޔޫކްރޭނުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ބަހުސްކުރުމަށް، ރަޝިޔާ އިން މިހާރު ވަނީ އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައި ކަމަށް، ރަޝިޔާގެ ހާރިޖިއްޔާގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ވިދާޅުވި އެވެ.