ރިސޯޓް ހަދަން ދޫކޮށް ގާވެފައި 83 ރަށް އެބައޮތް: މިނިސްޓަރު
ރިސޯޓް ހަދަން ދޫކޮށް ގާވެފައި 83 ރަށް އެބައޮތް: މިނިސްޓަރު

ރާއްޖޭގެ އެކި ސަރަހައްދުތަކުން އެކި ދުވަސްވަރު ރިސޯޓް ހަދަން ދޫކޮށް، ގާވެފައި 83 ރަށް އަދިވެސް އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރިސޯޓް ހަދަން ދޫކޮށް ގާވެފައި 83 ރަށް އެބައޮތް: މިނިސްޓަރު
ރިސޯޓް ހަދަން ދޫކޮށް ގާވެފައި 83 ރަށް އެބައޮތް: މިނިސްޓަރު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކާ ގުޅިގެން މައުސޫމް ވިދާޅުވީ ރިސޯޓް ހަދަން ދޫކުރާ ރަށްތަކުގެ ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކުރަން އެދުމުން އެކި ހާލަތްތަކާ ގުޅުވައި އެކި މުއްދަތުތަކަށް އިތުރު ވެސް ކޮށްދީފައި އެބަހުރި ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރިސޯޓެއް ތަރައްގީކުރަން އުސޫލެއްގެ ގޮތުން ދެނީ ތިން އަހަރެވެ. ފަޅެއް ހިއްކާ ނަމަ ފަސް އަހަރުގެ މުއްދަތު ދޭ ކަމަށާއި އެއާ އެކު އެ ހާލަތާ ގުޅުވައި މުއްދަތު އިތުރުކޮށްދޭ ކަަމަށް ވެސް ވިދާޅުވި އެވެ.

މިގޮތަށް ދޫކުރާ ރަށްތަކުގައި، ކަނޑައަޅާފައި އޮންނަ ވަކި މުއްދަތަކުން ފެށިގެން ކުލި ހިނގަން ފަށަ އެވެ. ރިސޯޓް ނުހެދުނަސް އެ ކުލި ދައްކަމުން ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކުރަން ގިނަ ބަޔަކު ސަރުކާރަށް ވަނީ ހުށަހަޅައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ނުހެދި ހުރި ރަށްތައް ހޯދޭ ތަފާތު ހައްލުތަކަކަށް މަސައްކަތް ކުރެވިއްޖެ ކަަމަށެވެ. މިހާރު ގެންގުޅޭ އުސޫލަކީ ތިން އަހަރުގެ މުއްދަތެއް ދިނުން ކަމަށާއި އެ މުއްދަތުގައި ނުހުޅުވިއްޖެ ނަމަ އޮޓެމެޓިކުން އެގްރިމެންޓް ބާތިލްވާނެ ކަމަށް ވިދާޅުވި އެވެ.

"އިންވެސްޓަރުން ވެސް ވިސްނާވަޑައިގަންނަވަންވީ ރަށެއް އަތުގައި ބާއްވައިގެން މިއަދަށް ވުރެން މާދަމާ އެ ރަށުގެ އަގަށް ވާނީ ކިހިނެއްތޯ. މިއަދު ގޮތެއް ނިންމަންވީ. ކުރިން ލިބުނު ގޮތަށް ރަށެއް ވިއްކާލައިގެން ރޭ ވެފައި އަލިވިލެންވާ އިރަށް ތިމާއަށް ތިން، ހަތަރު، ފަސް މިލިއަން ޑޮލަރު ލިބިދާނެ ކަމަށް ގަބޫލުކުރުމަކީ ރަނގަޅު ވިސްނުމެއް ނޫން،" މައުސޫމް ވިދާޅުވި އެވެ.

އޭނާ ގޮވާލެއްވީ ހެދޭނެ ވަރުގެ ބަޔަކާ ހަވާލުކޮށްގެން ވިޔަސް ރަށް ތަރައްގީކުރުމުގެ ވިސްނުން ކުރިއަށް ނެރުމަށެވެ. އެއީ ދައުލަތާއި ރައްޔިތުންގެ ހައްގުގައި ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

ފަހުން ގެނައި އިސްލާހާ އެކު މިހާރު ވަނީ ރަށްތަކުގެ ކުލި ހިނގާ މުއްދަތު ރިސޯޓް ހުޅުވުމާ ހަމައަށް ފަސްކޮށްދީފަ އެވެ.

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމްގެ ޕްރޮޑަކްޓް އޯނަޝިޕް ދިވެހިންގެ އަތަށް ފުރޮޅާލަން ވެސް ކުރަން ޖެހިފައި އޮތް ކަމަކީ އެއީ ކަމަށެވެ.

- ތ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރަން ވިސްނުމުގައި ތ. އޮޅުފުށިފިނޮޅަށް ހުޅުވާލުމުން ކުރިމަތިލާފައި އެބައޮތް.

- ތ. ކަނިމީދޫ ވެސް ތަރައްގީކުރުމުގެ މަސައްކަތް އެބަދޭ.

- ހޯމް ސްޓޭ މޮޑެލްގައި ވެސް ތ. އަތޮޅު ކުރިއެރުވޭތޯ މަސައްކަތް ކުރާނެ.

- އަލަށް ހުޅުވާލި ރަށްތައް އެޕްރީލްގެ ނިޔަލަށް އިވެލުއޭޓްކޮށް ނިންމައި ހަވާލުކުރެވޭނެ.

- މި އަހަރުގެ އަންދާޒާއަކީ 16 ރިސޯޓް ނިންމައި ހުޅުވުން.

- ހުވަދު އަތޮޅުން ޓޫރިޒަމަށް އިއުލާންކުރި ރަށްތަކުގެ ތެރެއިން ތިން ރަށަކަށް ބީލަން ލިބުނު. އެއީ ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް.

- ހުވަދޫގެ ޓޫރިޒަމް ފުޅާކުރަން އިންޓަނޭޝަނަލް އެއާޕޯޓެއް އޮންނަން ޖެހޭ.

- ރަޝިއާ ޓޫރިސްޓުންގެ އަދަދު 70 ޕަސެންޓަށް ދަށްވެއްޖެ، ޓޫރިޒަމް ދަށަށް ދިޔަ ނުދޭން ކައިރި ގައުމުތަކުން ޓޫރިސްޓުން ގެންނަން މިސްރާބު ޖަހަން ޖެހޭ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރަށްތައް ނަގައި ނުހެދި ހުރި ފަރާތްތަކަށް މިހާރު ވަނީ ވަރަށް ބޮޑެތި ލުއިތަކެއް ވެސް ދީފަ އެވެ. އެންމެ ފަހުން ބިޑަށްލީ ނުވަ ރަށަށް 18 ބީލަމެއް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

ގިނަ އިންވެސްޓަރުން ޝައުގުވެރި ވަނީ ނަލަ ރަށްތަކަކަށް ކަމަށާއި ހިތް ޖައްސަން އަދިވެސް ކުރަން ޖެހިފައި އޮތް ކަމަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި އިކުއިޒިޝަން ކޮސްޓް ރިވިއުކުރުމެވެ.

"މިއަދަކީ ޓެކްސްގެ ނިޒާމުން ދައުލަތަށް އާމްދަނީ ހޯދާ ދުވަހެއް. އެހެންވީމާ ވިޔަފާރި ފިސާރި ހިންގާލައިގެން އޭގެއިން އާމްދަނީ ލިބޭނެ ގޮތް ހެދުމަކީ އަޅުގަނޑު ހިތުން ވަރަށް މުހިއްމު ކަމެއް،" މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރާ މިންވަރަށް ބަލާއިރު އަހަރަކު 10،000 މުވައްޒަފުން ބޭނުންވާނެ އެވެ. އެކަމަކު ރާއްޖޭގައި ސްކޫލް ނިންމާ ދަރިވަރުންނާ އެކު މި ދާއިރާ އަށް ނުކުންނަން ތިބީ ގިނަވެގެން 4000 ކަމަށާއި ބާކީ 6،000 މުވައްޒަފުން ގެންނަން ޖެހޭނީ ބޭރުން ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ ދިވެހިން ޖެހޭނީ ޓޫރިޒަމްގެ މަތީ މަގާމްތަކަށް ގެންދަން މަސައްކަތްކުރަން،" މައުސޫމް ވިދާޅުވި އެވެ.

މައުސޫމް ވަނީ އެކަން ވެސް ހިނގަމުން އަންނަ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.