23 ޑިސެމްބަރ 2016 - 06:58

އަބަދުވެސް ކޮންމެވެސް ކަހަލަ ބައްޔެއްގެ އުނދަގުލެއް ހުރޭ ހެއްޔެވެ؟ މާ ސީރިއަސް ބައްޔެއް ނޫނެވެ. ބައެއް ފަހަރު ކަރުތެރެ ސަކަރާތް ވެގެންނެވެ. އަނެއް ބައި ފަހަރު ނޭފަތަށް އުނދަގޫވާތީ އެވެ. ނުވަތަ ކިބިނހި އެޅޭތީ އެވެ. ނޫން ނަމަ ގައިގައި ވެސް ރިއްސަފާނެ އެވެ.
އެހެންކަމަށްވާ ނަމަ ތަންކޮޅެއް ވިއްސާރަ ދުވަސް ދުވަހު އޮފީހަށް ސަލާން ބުނަން ވެސް ހުންނާނީ އާދަވެފަ އެވެ. އަދި އަންނަ އަހަރު އުޅެން ޖެހޭނެ ހާލެއް ވެސް ނޭނގެ އެވެ.
މިފަދަ މައްސަލަތައް ކުރިމަތިވާ މީހުންނަށް އެހީތެރިކަމެއް ލިބިދާނެ މައުލޫމާތުތަކެއް ވަރަށް ފަހުން ކުރި ދިރާސާއަކުން ވަނީ ލިބިފަ އެވެ. ނަމަވެސް އެކަން ވާނީ ކުޑަކޮށް ކެރިގެންނެވެ.
މިފަދަ ކޫސަނި ބަލިތައް ހުންނަ މީހުންނަށް ސައިންސްވެރިންގެ އިރުޝާދަކީ ކޮންމެ ދުވަހަކު ވެސް ހެނދުނު ފިނިކޮށް ހުންނަ ފެނުން ފެންވަރާލުމެވެ. ފަހަރެއްގައި ފާޚާނާގައި ހޫނު ފެނުން ފެންވަރާލެވެން ވެސް ހުރެދާނެ އެވެ. ނަމަވެސް ހޫނު ފެން ކަމަކު ނުދެ އެވެ. ރަނގަޅީ ހަމަ އާދައިގައި ބޭނުންކުރާ ފިނި ފެނެވެ.
ނެދަލެންޑްސްގެ ސައިންސްވެރިން މި ދިރާސާ ކުރުމަށްޓަކައި 3000 މީހަކު 30 ދުވަސް ވަންދެން ކޮންމެ ދުވަހަކު ހެނދުނު ފިނި ފެނުން ފެންވެރުވި އެވެ.
ނަތީޖާ ދެއްކީ މި ދިރާސާގައި ބައިވެރި ނުވާ މީހުންނަށް ވުރެ ދިރާސާގައި ބައިވެރިވި މީހުން އޮފީހަށް ސަލާން ބުނާ މިންވަރު 29 ޕަސެންޓް ދަށަށް ދިޔަ ކަމަށެވެ. ދިރާސާގެ ބައިވެރިން ބުނާ ގޮތުގައި މިކަމުން އެނާޖީ ލެވެލް މަތިވުން ކަހަލަ ފައިދާ ވެސް ކުރި ކަމަށެވެ. ނަމަވެސް އުފެއްދުންތެރިކަން އިތުރުވުމާއި ހިތް އަވަސްވުން ފަދަ މައްސަލަތަކަށް އެކަމުން އަސަރެއް ކުރި ކަމަކަށް ނުދައްކަ އެވެ.
މިގޮތަށް ދިމާވަނީ ކީއްވެގެންކަން ސައިންސްވެރިންނަކަށް ޔަގީނެއް ނޫނެވެ. ނަމަވެސް އެމީހުން ލަފާކުރަނީ ކުއްލިއަކަށް ހަށިގަނޑުގެ ޓެމްޕްރޭޗަރަށް އަންނަ ބަދަލުން ހޯމޯން ލެވެލްއަށް އަސަރު ކުރަނީ ކަމަށެވެ. ނުވަތަ ފިނި ފެނުން ފެންވަރާލުމުން ހީކަރުވައިގަނެގެން ހަށިގަނޑު ރޫރޫ އަޅާ ގޮތް ވުމުން ހަށިގަނޑަށް އެ ލިބޭ ކަސްރަތަކީ ދުވަހެއްގެ ފެށުމަށް ރަނގަޅު ކަމަކަށް ވަނީ އެވެ.
ކޮންމެ ގޮތެއް ވިޔަސް ހެނދުނު ފެންވަރާލުމަކީ ހަރުލައްވަން ރަނގަޅު އާދައެކެވެ. ނަމަވެސް މާ ހެނދުނާ ފިނި ފެން ގަޔަށް އަޅާލާނެ ހިތްވަރު ލިބޭނީ ކިތައް މީހުންނަށް ކަމެއް ނޭނގެ އެވެ.