ހަނގުރާމައާ ހެދި ރަޝިއާ މާކެޓް 70 ޕަސެންޓް ދަށްވެއްޖެ: މައުސޫމް
ހަނގުރާމައާ ހެދި ރަޝިއާ މާކެޓް 70 ޕަސެންޓް ދަށްވެއްޖެ: މައުސޫމް

ރަޝިއާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ރަޝިއާ-ޔޫކްރޭން ހަނގުރާމައާ ހެދި 70 ޕަސެންޓް ދަށްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މައުސޫމް ވިދާޅުވީ ހަނގުރާމައާ ހެދި ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށެވެ. ޔޫކްރޭނާއި ރަޝިއާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 20 ޕަސެންޓް ހިއްސާ ކުރާއިރު ޔޫކްރޭން މާކެޓް އެއްކޮށް ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ޕްރައިވެޓް ސެކްޓާގައި އުޅޭ ފަރާތްތަކުން އެކި މާކެޓުތައް ބަލަމުން އަންނަ ކަމަށާއި ކައިރި ގައުމުތަކަށް އިސްކަންދޭން ޖެހޭ ކަމަށެވެ. އަދި ދުނިޔެއަށް އަންނަ ލޮޅުމަކުން ރާއްޖެއަށް ލޮޅުމެއް ނާންނެ ގޮތް ބެލުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންޑިއާ މާކެޓަކީ މިދިޔަ އަހަރު އެއްވަނައިގައި އޮތް މާކެޓެއް. މިއަދު 10.9 ޕަސެންޓް އިންޑިއާ މާކެޓުން ލިބެނީ. މިހާރު ޔޫކޭ މާކެޓު އެއްވަނައަށް އަރައިފި 12 ޕަސެންޓާ އެކު. ރަޝިއާ މާކެޓް މިހާރު ވަނީ 11.9 ޕަސެންޓަށް ވެއްޓިފައި. ގަދަ ދިހައެއްގައި އޮތް ޔޫކްރޭން މާކެޓު މިވަނީ ގަދަ ދިހަޔަކުން ނައްޓާލައިފައި،" މައުސޫމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ ބޮޑަށް ވިސްނަންވީ އަބަދުވެސް ހުރިހާ މާކެޓަކުން މީހުން އަންނާނެ ގޮތް ވޭތޯ ބަލަން. ދުނިޔެއަށް އަންނަ ލޮޅުމަކުން ދިވެހިރާއްޖޭގެ ޓޫރިޒަމަށް ބޮޑު ލޮޅުމެއް ނާންނާނެ ގޮތް ހެދޭތޯ ބެލުން."

އޭނާ ވިދާޅުވީ މިއަހަރުގެ ޓާގެޓް ހާސިލްކުރަން އެކި މާކެޓުތަކުން ޓޫރިސްޓުން ގެނައުމުގެ މަސައްކަތް ކުރާ ކަމަށެވެ. އެންމެ ބޮޑު އުއްމީދަކީ ކުރިން އެއްވަނައިގައި އޮތް ޗައިނާ މާކެޓް އަލުން ގެނައުން ކަމަށް ވެސް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރަޝިއާ-ޔޫކްރޭން ހަނގުރާމަ ފެށުމުގެ ކުރިން ރަޝިއާއިން ރާއްޖެއަށް ދުވާލަކު އެވްރެޖްކޮށް 600 އެއްހާ ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. ނަމަވެސް ހަނގުރާމަ ފެށި ފަހުން އެ އަދަދު ވަނީ ދުވާލަކު 150 އަށް ވެއްޓިފަ އެވެ.

ހަނގުރާމައިގެ ކުރިން ޔޫކްރޭނުން ދުވާލަކު އެވްރެޖުކޮށް 100 އަށްވުރެ ގިނަ ޓޫރިސްޓުން އައިއިރު މިހާރު އަންނަނީ ދުވާލަކު އެވްރެޖްކޮށް 15 ޓޫރިސްޓުންނެވެ.