އަނިޔާކުރުމާއި ބިރު ދެއްކުމުގެ ދައުވާ ލިބޭ މީހަކު ހޯދަނީ
އަނިޔާކުރުމާއި ބިރު ދެއްކުމުގެ ދައުވާ ލިބޭ މީހަކު ހޯދަނީ

އަނިޔާކޮށް ބިރު ދެއްކި މައްސަލައެއްގައި ދައުވާ ލިބޭ މީހަކު ކޯޓަށް ހާޒިރުނުވެގެން އޭނާ ހޯދަން ފުލުހުން މިއަދު އޭނާގެ ފޮޓޯ އާންމުކޮށްފި އެވެ.

ހޯދަނީ އުމުރުން 31 އަހަރުގެ މުބާރިކް މުހައްމަދެވެ. އޭނާ އަކީ އައްޑޫ ހިތަދޫ މީހެކެވެ.

ފުލުހުން ބުނީ އަނިޔާއެއް ދިނުމާއި ބިރު ދެއްކުމުގެ ކުށުގެ މައްސަލައެއްގެ ޝަރީއަތަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުންނަށް އަމުރުކޮށްފައިވަނީ މާދަމާ 10 ޖަހާއިރު މުބާރިކް ކޯޓަށް ހާޒިރުކޮށްދޭށެވެ. އެހެންވެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންމުކޮށް، އޭނާ ހޯދުމުގައި އާންމުންގެ އެހީއަށް ވެސް ވަނީ އެދިފަ އެވެ.

ފުލުހުން ބުނީ އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި އެކަން ހިއްސާކުރުމަށް އެދޭ ކަމަށެވެ.