ކާށިދޫ ފަޅުތެރޭގައި ރިސޯޓެއް ހަދަނީ
ކާށިދޫ ފަޅުތެރޭގައި ރިސޯޓެއް ހަދަނީ

ކ. ކާށިދޫ ފަޅުތެރޭގައި ރިސޯޓެއް ހަދަން ނިންމައި އެ ރިސޯޓް ހިންގާނެ ދެ މޮޑެލްއަކަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ކާށިދޫ ފަޅަކީ ރިސޯޓް ހަދަންޖެހޭ ތަނެއް ކަަމަށެވެ. އެކަމަށްޓަކައި މިން ނަގައި ތިން ތަނެއް ބެލި އެއް ތަން މިހާރު ޝޯޓްލިސްޓްކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަސައްކަތުގެ އިދާރީ މަރުހަލާ ނިންމައި ލަސްތަކެއް ނުވެ ހުޅުވާލައިގެން ކުރަންޖެހޭ ކަންކަން ފެށޭނެ އެވެ. ދެ މޮޑެލްއެއްގެ ވިސްނުން ހުރިއިރު މި ރިސޯޓް ހިންގަން އެންމެ ފައިދާ ހުރި ގޮތެއް ކަނޑައެޅުމުގެ އިހްތިޔާރު އޮތީ ކާށިދޫ ރައްޔިތުންގެ އަތުގައި ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓުގައި ތަރައްގީކުރަން ދޫކޮށްލުން. ނޫނީ އިންޓަގްރޭޓް މޮޑެލްގައި ތަރައްގީކުރުން. ވަން އައިލެންޑް ވަން ރިސޯޓުގައި ނަގައިފިއްޔާ މުޅި ރަށް ސަރުކާރުގެ ދަފްތަރަށް އަންނާނެ. އިންޓަގްރޭޑް މޮޑެލްއަށް ނަގައިފިއްޔާ އިހްތިސޯސް ކާށިދޫގައި އޮވެ އެގޮތަށް ކުރިއަށްދާނެ،" މައުސޫމް ވިދާޅުވި އެވެ.

މި ރިސޯޓް ހެދުމާ ގުޅޭ ގޮތުން ޕްލޭނިން މިނިސްޓްރީ އާއި އިޕީއޭއާ މަޝްވަރާކުރެވި، ކައުންސިލަށް ވެސް ހުށަހެޅި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.