03 އެޕްރީލް 2022 - 19:20

ކޮލަމްބޯ (އެޕްރީލް 3) - ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ ކުރިއަށް އޮތް މަދު ވަގުތުކޮޅެއްގެ ތެރޭގައި އިސްތިއުފާ ދެއްވާނެ ކަމަށް ޚަބަރުތައް ބުނެފި އެވެ.
ލަންކާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި ހުރިހާ ޕާޓީތައް ހިމެނޭ ވަގުތީ ސަރުކާރެއް ގާއިމްކުރުމަށްޓަކައި ބޮޑުވަޒީރުގެ މަގާމުން މަހިންދާ އިސްތިއުފާ ދެއްވުމަށް ރައީސް ގޯޓާބޭ ރާޖަޕަކްސާއާ އެކު ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. އެގާރަ ޕާޓީ ހިމެނޭ ކޯލިޝަނެއްގެ އޮފިޝަލުންނާ ބައްދަލު ކުރުމަށް ފަހު ވަނީ ވަގުތީ ސަރުކާރެއް ގާއިމްކުރުމަށް ހުށަހަޅައިފަ އެވެ. އާ ބޮޑުވަޒީރަކާ އެކު ވަގުތީ ސަރުކާރެއް ގާއިމްކުރަނީ ލަންކާގައި މިހާރު އޮތް ސިޔާސީ ހަލަބޮލި ކަމަށް ހައްލެއް ގެނައުމުގެ ގޮތުން ކަމަށް ޕާޓީތަކުން ބުނެފައިވެ އެވެ. ޕާޓީތަކުގެ ހުށަހެޅުމަށް ރައީސް ގޯޓާބޭ އާއި ބޮޑުވަޒީރު މަހިންދާ ފެހި ސިގްނަލް ދެއްވާފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ބޮޑުވަޒީރުގެ މަގާމުން މަހިންދާ އިސްތިއުފާ ދެއްވަނީ އެސްއެލްޕީޕީގެ އާ ބޮޑުވަޒީރަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އާ ބޮޑުވަޒީރުގެ މަގާމަށް އެޑިއުކޭޝަން މިނިސްޓަރު ދިނޭޝް ގުނަވަރުދަނާގެ ނަން ވަނީ ހުށަހަޅައިފަ އެވެ. އިދިކޮޅު ފަރާތްތަކުގެ ފަރާތުން ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމަށް ހަރްޝާ ޑި ސިލްވާގެ ނަން ހުށަހަޅައިފަ އެވެ. މިހާރުގެ ފިނޭންސް މިނިސްޓަރަކީ ރާޖަޕަކްސާގެ ކޮއްކޮ ބާސިލް ރާޖަޕަކްސާ އެވެ.
ލަންކާގައި މުދާ އިމްޕޯޓްކުރާނެ ބޭރު ފައިސާ ނެތި ގައުމު ވަނީ ގާތްގަނޑަކަށް ބަނޑަށް ޖެހިފަ އެވެ. ތެޔޮ ނުލިބި، ޖަނަރޭޓަރުތައް ނުހިންގިގެން ކޮންމެ ދުވަހަކު ވެސް 13 ގަޑިއިރަށް ކަރަންޓް ކަނޑަ އެވެ. ނަތީޖާއެއްގެ ގޮތުން އާއްމުންގެ ރުޅިވެރިކަން އިތުރުވެ ސަރުކާރާ ދެކޮޅަށް ވަނީ މުޒާހަރާ ކުރަން ފަށައިފަ އެވެ. މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ކާފިއު ހިންގުމުގެ އިތުރުން މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާންކޮށްފަ އެވެ.