ހިޔާ ފްލެޓްތައް ކައިރީގައި ބިދޭސީން ގެއެއް ހަދައި ކާބޯތަކެތި ވިއްކާ މައްސަލަ ބަލަނީ
ހިޔާ ފްލެޓްތައް ކައިރީގައި ބިދޭސީން ގެއެއް ހަދައި ކާބޯތަކެތި ވިއްކާ މައްސަލަ ބަލަނީ

ހުޅުމާލޭގެ ހިޔާ ފްލެޓް ސަރަހައްދުގައި ބިދޭސީންތަކެއް ފިލައިން ގެއެއް ހަދައި އެތަނުގައި ދިރިއުޅެ، ކާބޯތަކެތި ވިއްކުމުގެ ވިިޔަފާރިކުރަމުންދާ މައްސަލަ ހުއްޓުވުމުގެ މަސައްކަތް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެނުނު ގޮތަށް، ހިޔާ ސަރަހައްދުގައި ބިދޭސީން ހެދި ތަނުގައި ބައެއް މީހުން ދިރިއުޅެމުންދެ އެވެ. ކައިބޮއެ ނިދަނީ ވެސް އެތަނުގަ އެވެ.

ފިލަ އާއި ސަތަރިން ހަދާފައިވާ އެ ތަންކޮޅުގެ ތެރޭގައި ފްރިޖަކާއި ކަބަޑާއި ފޮށިތަކާއި އެ މީހުންގެ ވިޔަފާރިއަށް ބޭނުންވާ ސާމާނު ވެސް ބަހައްޓާފައި ހުއްޓެވެ.

ގޮދަޑި ފަދަ ތަކެތި އެތަނުގެ ތެރޭގައި ބަހައްޓައިގެން ނިދައި ހެދި ނަމަވެސް އެޗްޑީސީން ބުނީ އެއީ ބިދޭސީންތަކެއް ގަވާއިދާ ހިލާފަށް ހިންގާ ފުޑް ސްޓޯލެއް ކަމަށެވެ. ކޮންސްޓްރަކްޝަން ސައިޓެއްގައި ހިންގާ އެތަން އެޗްޕީއޭގެ މިންގަނޑުތަކާ ވެސް ހިލާފު ކަމަށް އެޗްޑީސީން ބުންޏެވެ.

ގަވާއިދަކަށް ބެލުމެއް ނެތި ބިދޭސީން ހިންގާ މި ވިޔަފާރިއާ ގުޅޭ ޝަކުވާ ބޮޑުވެ، ފޮޓޯތައް ސޯޝަލް މީޑިއާގައި މިއަދު ދައުރުވަމުންދަނިކޮށް މެންދުރެއްހާއިރު އެޗްޑީސީން ކުރި އިއުލާނެއްގައި ވަނީ އެތަނުގައި ވިއްކާ ކާބޯތަކެތި ރައްކާތެރި ނޫން ކަމަށް ބުނެފަ އެވެ.

އެޗްޑީސީން ބުނީ އެ ސަރަހައްދުގައި ވަރަށް ގިނަ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަމުން އަންނާތީ، ކާބޯތަކެތީގައި ހުންނަންޖެހޭ ސާފުތާހިރު ކަމުގެ މިންގަނޑު ވެސް ނުހުންނަ ކަމަށާއި އެކަމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ޝަކުވާތައް ވެސް ލިބޭ ކަމަށެވެ.

އެ އިއުލާނުގައި އެޗްޑީސީން އެންގީ ގާޑިޔަލާއި މޭޒު ފަދަ އެއްޗެހި ބަހައްޓައިގެން ކާބޯތަކެތީގެ ވިޔަފާރިކުުރުން މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުއްޓާލައި އެތަން ސާފުކުރުމަށެވެ. ބިދޭސީންގެ އިތުރުން ދިވެހިން ވެސް ހުއްދަ ނުނަގައި އެތަނުގައި ވިޔަފާރިކުރަމުންދެ އެވެ.

އެ މީހުންނަށް ހައްލެއް ހޯދައި ދޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ހުއްދަ ނުނަގައި ވިޔަފާރިކުރުން ހުއްޓާލަން އެންގިއިރު ހިޔާ ލޯކަލް މާރުކޭޓްގެ ނަމުގައި އެ ސަރަހައްދުގައި މާރުކޭޓެއް ހުޅުވުމުގެ މަސައްކަތް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. ހިޔާއިން ފްލެޓް ލިބުނު މީހުންނަށް އެކަނި ކުރިމަތިލެވޭ ގޮތަށް ހުޅުވާލި ފުރުސަތުގެ ދަށުން 17 ގޮޅި މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އެގްރީމަންޓުގައިވާ ގޮތުން ހަތް ދުވަހުގެ ތެރޭގައި އެ ގޮޅިތައް ހުޅުވޭނެ ކަމަށް ބެލެވޭ ކަމަށް އެޗްޑީސީން ބުންޏެވެ.