24 ޑިސެމްބަރ 2016 - 06:44

ނަސީބަކީ ކޮންމެ ވަގުތަކު ވެސް މީހެއްގެ އަތުގައި ހިފާފާނެ އެއްޗެއްކަން، ޕާކިސްތާނުގެ މަގުމަތީގައި ސައި ވިއްކަން އުޅުނު ނޫ ލޮލުގެ ވެރި އަރްޝަދް ޚާންގެ ހަޔާތުން ޔަގީންކުރެވޭނެ އެވެ. މިހާރު އޭނާއަކީ ގިނަ ބަޔަކު ދަންނަ މަޝްހޫރު މީހަކަށް ވަނީ ވެފަ އެވެ.

އަރްޝަދު އޭނާގެ ސްޓޯލްގައި ސައި ތައްޔާރުކުރަން ހުއްޓާ ފޮޓޯގްރާފަރެއްގެ ލޮލުގައި އަޅައިގަނެ އޭނާގެ ފޮޓޯތައް ނަގާ އިންސްޓަގްރާމްގައި ޕޯސްޓްކުރުމާ އެކު އެ ފޮޓޯތައް ވައިރަހެއް ހެން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރުނީ އެހާ އަވަހަށެވެ. ދުނިޔޭގެ ގިނަ ބަޔަކަށް އޭނާ ރީތިވެ އޭނާއާ ހެދި މޮޔަވި އެވެ.
އެއާ އެކު މޮޑެލްކުރުމާއި ފިލްމު ކުޅުމުގެ ފުރުސަތުތައް ވެސް އޭނާއަށް ލިބެން ފެށި އެވެ. އެގޮތުން ބްރައިޑަލް ކޯޗާ ވީކް 2016 ގައި އޭނާ ވަނީ މޮޑެލްއެއްގެ ގޮތުން ފުރަތަމަ ފަހަރަށް ތައާރަފްވެފަ އެވެ. އޭގެ ފަހުން ދެން ނުކުތީ އޭނާގެ މިއުޒިކް ވީޑިއޯއެކެވެ.
ދަ އެކްސްޕްރެސް ޓްރިބިއުންގައިވާ ރިޕޯޓެއް ބުނާ ގޮތުން އަރްޝަދު މިހާރު ވަނީ އެކްޓްކުރުމުގެ ދާއިރާއަށް ވެސް ނުކުމެފަ އެވެ. އެގޮތުން އޭނާ ކުޅޭ ފުރަތަމަ ފިލްމަކީ "ކަބީރް" އެވެ. މި ފިލްމުގެ ޝޫޓިން އަށް އޭނާ ވަރަށް އަވަހަށް އިންގްލެންޑާއި ޑުބާއީ އަށް ފުރާނެ އެވެ.
އަރްޝަދު ބުނީ ކުރިން ވެސް އޭނާއަށް ފިލްމު ކުޅުމުގެ ފުރުސަތު ވަރަށް ގިނައިން ލިބުނު ކަމަށާއި އެކަމަކު އޭނާ ބުނީ ނޫނެކޭ ކަމަށެވެ.
އެ ފިލްމުތައް ނުކުޅެން ނިންމީ ކުޅެން ޖެހޭ ރޯލުތަކާ ހިތްހަމަނުޖެހޭތީ ކަމަށް އަރްޝަދު ބުންޏެވެ.
އިންޓަނެޓްގައި މިހާރު ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ އަރްޝަދު "ކަބީރް"ގައި ކުޅެނީ ފިލްމުގެ ބަތަލުގެ ކޮއްކޮއެއްގެ ބަ އެވެ. އޭނާ ބުނީ ބަތަލުގެ ކޮއްކޮގެ ބަޔަށް އޭނާ މާ ފިޓްވާކަމަށް ޚުދް އޭނާ އަށް ވެސް ގަބޫލުކުރެވޭ ކަމަށެވެ.
ފިލްމުން ރަނގަޅު އަގެއް އޭނާ އަށް ލިބުނަސް އެކަން ހާމަކުރާކަށް ބޭނުމެއް ނުވި އެވެ.
އޭނާ ބުނި ގޮތުގައި ފިލްމުގެ ޝޫޓިން އަށް އޭނާ އިންގްލެންޑާއި ޑުބާއީ އަށް ދަތުރުކުރަން ހަމަޖެހިފައިވާކަން މިހާރު ވަނީ ޔަގީން ވެފަ އެވެ.
އަރްޝަދު ބުނީ އޭނާއަށް މި ފިލްމުން ލިބޭ އާމްދަނީ ވާނީ އޭނާގެ ނަޒަރުގައި އެއް ކްރޯޑު (10 މިލިއަން ރުޕީސް) ގެ އަގުހުރި އެއްޗަކަށް ކަމަށެވެ. ސަބަބަކީ މިއީ އޭނާ ސޮއިކުރި ފުރަތަމަ ފިލްމަށް ވުމެވެ.
އަރްޝަދު، 18، މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެކްޓްކުރުމަކީ "އިއްޒަތެއް ނެތް" ކަމަކަށް ވާތީ ފިލްމު ކުޅެން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް މިހާރު ކުއްލިއަކަށް އޭނާގެ ޚިޔާލު މިވަނީ ބަދަލުވެފަ އެވެ.